މާލޭ ރައްޔިތުންނަކީ މިއަދު ބޮޑު އަގުގައި ގެ ކުއްޔަށް ދީގެން ފައިދާ ނަގަމުން އަންނަ ބައެއް ކަމަށް ނުބުނެވޭނެ ކަމަށާއި، މާލޭގެ ގިނަ ރައްޔިތުން އުޅެނީ ވަރަށް ނިކަމެތި ހާލުގައި ކަމަށް، އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.
މިރޭ "ދިވެހި ޗެނަލް"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ރައްޔިތުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ.
އެގޮތުން ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ރައްޔިތުންގެ ގާތަށް ގޮސް، ދޮރުން ދޮރަށް ހިނގައިގެން ރައްޔިތުންގެ ހާލަތު ދެނެގަނެފައިވާ ކަމަށް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ ދޮރުން ދޮރަށް ހިނގާ ކޮންމެ ފަހަރަކު ވެސް ފާހަގަވަނީ، އެއް އަހަރުން އަނެއް އަހަރަށް ރައްޔިތުންގެ ހާލަތު ބަދަލުވަމުން އަންނަ މިންވަރު ކަމަށެވެ.
"މާލޭގެ ގޯތިތަކަކީ ފޮތިފޮތިކޮށް، ބައިބައިކޮށް، މިހާރު ނޫޅެވޭ ހާލަތަށް ކުދި ވެފަ ހުރި ގޯތިތަކެއް. އަޅުގަނޑުމެންނަށް މީގެކުރިން މިވާ ގޮތަކީ މާލެ ރައްޔިތެކޭ ބުނެވިއްޖެއްޔާ އެމީހާގެ މައްޗަށް އެބަ އަރައިގަނޭ، ބޮޑު ކުއްޔަށް ދީގެން މަންފާ ނަގަމުން އަންނަ ފަރާތްތަކަކީ ތިބޭފުޅުންނަކީ އެހެންވީމަ ތިވާހަކަ ނުދެއްކޭނޭ. އެހެން ނަމަވެސް މިހާރު ނެތް އެހެން ބުނެވޭކަށް،" އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ ކުރީ ސަރުކާރުން ތަރައްގީކުރި "ހިޔާ" ފްލެޓުތައް ވެސް ގިނައިން ލިބިފައި ހުރީ އަތޮޅުތެރޭގެ ރައްޔިތުންނަށް ކަމަށެވެ. އަދި އެކަމަށް މަގުފަހުވީ ސިޔާސީ މަގުސަދަކަށްޓަކައި، އެމަގުން ކެޓަގަރީތަކާއި އުސޫލުތައް ހަދާފައި ހުރުމުން ކަމަށެވެ. އަދި އެގޮތަށް އޮތުމުން މާލޭގެ ވަރަށް ގިނަ ރައްޔިތުންނަށް ހައްގު ގެއްލިގެން ދިޔަ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑެއް ގަބޫލެއް ނުކުރަން މިހާރު އެއްވެސް ބޭފުޅަކަށް މާލޭ ރައްޔިތަކަށް ވީތީއޭ ކިޔާފަ، ބޮޑު ކުލި ނަގައިގެން ތިބޭ ބައެކޭ، އެ އާމްދަނީގެ މައްޗަށް ތިބި ބައެކޭ އެހެން ދެންނެވޭނެ އެއްވެސް ފުރުސަތެއް އޮންނާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެބޭފުޅުން ތިއްބެވި ހާލަތު ބަލައިލީމަ އެއީ ހަމަ ކަނޑައެޅިގެން ދޮގު ވާހަކައެއްކަން އަޅުގަނޑަށް ގަބޫލުކުރެވޭ،" އަނަސް ވިދާޅުވި އެވެ.
އަނަސް ވިދާޅުވީ އެމްޑީޕީގެ ކައުންސިލް ހައުސިން ސިޔާސަތުގެ ދަށުން، މާލޭގެ އެންމެ ނިކަމެތި ހާލުގައި ތިބި ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށެވެ.
އެ ސިޔާސަތުގެ މަގުސަދަކީ، އެފަރާތްތަކަށް އަމިއްލަ ފައިމައްޗަށް ތެދުވާނެ ފުރުސަތު ދިނުން ކަމަށާއި އާމްދަނީ ނުވަތަ ދިރިއުޅުމުގެ ހާލަތު ވަކިވަރަކަށް ވުރެ ރަނގަޅުވުމުން، އެ ހައުސިން ޔުނިޓު ދެން ލިބޭނީ އަނެއްކާ ވެސް އެއަށްވުރެ ނިކަމެތި ހާލުގައި ތިބި މީހުންނަށް ކަމަށެވެ.