އެންމެ ބޭހެއްގެ އަގު ހިފަހައްޓައި، އާސަންދަ ހަރަދުން 12 މިލިއަން ރުފިޔާ ސަލާމަތްކޮށްފި

އާސަންދަ އޮފީސް --- ފޮޓޯ/ ރާއްޖެ އެމްވީ

އާސަންދައިން ބުނީ ސްކީމްގެ ހަރަދު ކުޑަކުރުމަށް، ސްކީމްގެ ތެރެއިން ދޫކުރެވޭ ބޭހުގެ އަގުތައް ރިވިއުކުރުމުގެ މަސައްކަތް އެކުންފުނިން އަބަދުވެސް ކުރަމުންދާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން އަގުގެ ފަރަގު ފާހަގަކުރެވޭ ބޭސްތައް އެތެރެކުރާ ފަރާތްތަކާއެކު އަގު ކުޑަކުރުމަށް އަބަދުވެސް މަޝްވަރާކުރާ ކަމަށާއި ނަމަވެސް ބައެއް ބޭސްތަކަކީ ވަކި ބަޔަކަށް މާކެޓް އެކްސްކޫލިސިވިޓީ ދީފައިވާ (އެއް ވެންޑާ ފިޔަވާ އެހެން ވެންޑާއަކަށް އެތެރެ ނުކުރެވޭ ގޮތަށް ހުންނަ) ބޭސްތަކަކަށް ވުމުން އެފަދަ ބޭސްތައް ހަމައަގަށް ގެނައުމުގައި ދަތިތަކާއި ކުރިމަތިވާ ކަމަށް އާސަންދައިން ބުނެ އެވެ.

އެހެން ނަމަވެސް އެގޮތަށް މާކެޓް އެކްސްކްލޫސިވިޓީ ދީފައިވާ ބޭހެއް ކަމަށްވާ "ޒޮވަންޓާ" ބޭހުގެ އަގަށް ބަދަލު ގެނައުމަށް އެ ބޭސް އެތެރެކުރާ ފަރާތާއެކު މިދިޔަ އަހަރު ކުރި މަޝްވަރާތައް ކާމިޔާބު ކުރެވުނު ކަމަށް އާސަންދައިން ބުނެ އެވެ.

"އެންމެ ބޭހެއްގެ އަގަށް މިގެނެވުނު ބަދަލުގެ ސަބަބުންވެސް، އަހަރަކު ގާތްގަޑަކަށް 12،000،000 (ބާރަ މިލިޔަން ރުފިޔާ) ސްކީމް ހަރަދުން ކުޑަކުރެވޭނެ." އާސަންދައިން ބުނެ އެވެ.

މީގެ އިތުރުން ސްކީމްގެ ހަރަދު ބޮޑުވާ އެއް ސަބަބު ކަމަށް އާސަންދައިން ފާހަގަކުރި ކަމަކީ، ބައެއް ފާމަސީތަކުން ބަލިމީހާއަށް އަގު ދަށް ބޭސް ދޫކުރުމަށްފަހު އަގު ބޮޑު ބޭހަށް އާސަންދައަށް ބިލްކުރާތީ ކަމަށެވެ.

ބައެއް ފަހަރު ދިގު މުއްދަތަށް ބޭސްކުރާ ފަރާތްތަކަށް ތިން މަސްދުވަހަށް ޑޮކްޓަރު ލިޔެދެއްވާ ބޭސް ސިޓީއަށް ދެ މަސްދުވަހަށް ބޭސް ދޫކުރުމަށްފަހު، ތިން މަސްދުވަހުގެ ބޭހަށް އާސަންދައަށް ބިލްކުރުން ފަދަ ފްރޯޑް މައްސަލަތައްވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެ މައްސަލަތައް ބެލުމަށްފަހު، އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެފަދަ މައްސަލަތަކަށް ހައްލެއް ހޯދުމަށް އާސަންދައިން ތައާރަފުކުރި 'ވިނަވި' ޕޯޓަލް ބޭނުންކުރާ ހުރިހާ މަރުކަޒަކުން، ސްކީމްގެ ދަށުން ކޮންމެ ރައްޔިތަކުވެސް ހޯދާ ހިދުމަތްތަކާއި ނަގާފައިވާ ބޭސްތައް އެޕް މެދުވެރިކޮށް ޗެކްކުރެވޭނެ އެވެ.

މީގެ އިތުރުން އެކުންފުނިން ބުނީ އާސަންދަ ސްކީމްގެ ދަށުން ދޫކުރާ ބޭސް ހަަމަ އަގަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ރާއްޖޭގައި ބޭސް ވިއްކޭނޭ އެންމެ މަތީ އަގު (އެމް.އާރް.ޕީ) މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަދި ކަނޑައަޅާފަ ނުވާ ކަމަށާއި އެހެން ނަމަވެސް އެއް ބޭހެއް އެކި އަގުތަކުގައި ބޭސްފިހާރަތަކުން ވިއްކާ މައްސަލަ ހައްލުކުރަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން އާސަންދަ ސްކީމްގެ ތެރެއިން ބޭސްދޫކުރުމަށް ހުރިހާ ބޭހަކަށް ވަކި އަގުތަކެއް ފާއިތުވީ އަހަރުތަކުގެ ތެރޭގައި ކަނޑައަޅާފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އޮކްޓޫބަރު 2019ގައި އޭރު އާސަންދަ ސްކީމްގެ ދަށުން ހިދުމަތްދެމުންދިޔަ ހުރިހާ ބޭސްފިހާރައެއްގެ އެގްރީމެންޓް އާކޮށް ސޮއިކުރުމާއެކު، އެއް ބޭހެއް އެކި ބޭސްފިހާރައިން އެކި އަގުގަ ސްކީމްގެ ދަށުން ދޫކުރުމުގެ ބަދަލުގައި، ކޮންމެ ބޭސްފިހާރައަކުންވެސް އެއް ބޭހެއް ސްކީމްގެ ތެރެއިން ދޫކުރެވޭނީ އެއް އަގަކަށް ކަމަށް ހަމަޖެހިގެންދިޔަ ކަމަށް އާސަންދައިން ބުނެ އެވެ.

comment ކޮމެންޓް