އެމްޑީޕީގެ "ކައުންސިލް ހައުސިން"އިން ހައްގުވެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ: އަނަސް

އެމްޑީޕީގެ ކައުންސިލް ހައުސިން ސިޔާސަތުގެ ދަށުން ރައްޔިތުންގެ ހާލަތު ބަލައި، ހައްގުވެރިންނަކީ ކޮބައިކަން ދެނެގަތުމަށްފަހު އެފަރާތްތަކަށް ބޯހިޔާވަހިކަން ހަމަޖައްސައިދެވޭނެ ކަމަށް އެމްޑީޕީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ މާފަންނު މެދު ދާއިރާގެ ޖަހަގަ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އަނަސް ވިދާޅުވީ ކައުންސިލް ހައުސިންއަކީ އެންމެ ހާލަތު ދަށްކޮށް ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން ކަމަށެވެ.

"އަޅުގަނޑުމެން މި ކެމްޕޭނުގައި ތައާރަފުކޮށްފައިވާނެ ކައުންސިލް ހައުސިން. މި ސިޔާސަތުގެ ބޭނުމަކީ މާލެ ރައްޔިތުންނަށް، އެންމެ ހާލަތު ދަށްކޮށް ތިބި ފަރާތްތަކަށް ބޯހިޔާވަހިކަން ފަހިކޮށްދިނުން. އަޅުގަނޑުމެންގެ މައިގަނޑު ސިޔާސަތަކީ އާމްދަނީގެ ގޮތުން ކުދި އާމްދަނީ ލިބޭ ފަރާތްތަކަށާއި ދިރިއުޅުމުގެ ހާލަތު ނިކަމެތި ފަރާތްތަކަށް ވަގުތީ ހައްލުތަކެއް ފޯރުކޮށްދިނުން. މިކަންކަން ކުރެވޭނީ އެމްޑީޕީއަށް،" އަނަސް ވިދާޅުވި އެވެ.

އެމްޑީޕީގެ ކައުންސިލް ހައުސިންއަކީ ރައްޔިތުންނަށް ވަރަށް މުހިންމު އަދި ވަރަށް ފައިދާކުރާނެ ސިޔާސަތެއް ކަމަށް އަނަސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މިއީ އެންމެ ހާލަތު ދަށް ފަރާތްތަކުގެ ހާލަތު ރަނގަޅުވަންދެން ތިބެވޭނެ ވަގުތީ ބޯހިޔާވަހިކަމުގެ ހައްލެއް ކަމަށެވެ.

"މީގެ މަގްސަދަކީ ރައްޔިތުންގެ ހާލަތު މިހާރަށްވުރެ ރަނގަޅުވަންދެން އެތަންތަނުގައި ރަމްޒީ ކުއްޔެއް ދައުލަތަށް ދައްކައިގެން ހާލަތު ބަދަލުވުމާ ހިސާބަށް އެތަނުގައި ތިބުމުގެ ފުރުސަތު ފަހިކޮށްދިނުން،" އަނަސް ވިދާޅުވި އެވެ.

އަނަސް ވިދާޅުވީ އެމްޑީޕީއިން އަބަދުވެސް ރައްޔިތުންގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ފާއިތުވެދިޔަ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ހުރިހާ އިންތިހާބެއްގައިވެސް ރައްޔިތުންގެ ގާތަށް ގޮސް، ހާލަތު ދެނެގަނެފައިވާ ކަމަށް ވިދާޅުވި އެވެ.

comment ކޮމެންޓް