މީރުވި ދިވެހި ކެއުންގަނޑު މިފަހަރު ކޭކަކުން!

ދިވެހި ކެއުމެއް ގޮތަށް ތައްޔާރުކޮށްފައިވާ ކޭކެއް--

މީރު ދިވެހި ކެއުމެއް ބޭނުން ނުވާނެ ހަމަ އެކަކު ވެސް ނުހުންނާނެ އެވެ. އެއީ އަދި ގަރުދިޔައާއި ބަތާއި ކަމުގައިވިޔަސް ނޫނީ ރިހާކުރާއި ބަތާއި ކަމުގައިވިޔަސްމެ އެވެ. އެކަމަކު މިފަހަރު މިއޮތީ ދިވެހި ކެއުމުގެ ޖާދޫ މީރު ކޭކަކުން ދައްކައިފަ އެވެ. މި ކޭކުގެ ފަހަތުގައިވާ ހުނަރުވެރިއަކީ ޝުގާ ބްލޫމް ޕޭޖުގެ ވެރިޔާ ކަމުގައިވާ އަމީމަތު ހަލީލް (އަމީ) އެވެ.

މީގެ އަށް ވަރަކަށް އަހަރު ކުރީން ކޭކުގެ ވިޔަފާރީގެ ތެރެއަށް ވަތް އަމީ އަކީ ބުނި ގޮތުގައި މި ހާޢްސަ ކޭކުގެ އޯޑަރު އޭނާއަށް ލިބުނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އައި ދުވަސްކޮޅެއްގަ އެވެ. އެހެންނަމަވެސް ކޭކުގެ ތަފާތު ކަމާއި ކުރަންޖެހުނު މަސައްކަތުގެ 'ޗެލެންޖިން' ކަމުން އިތުރު ވިސްނުމަކާ ވެސް ނުލާއި ވަގުތުން މި މަސައްކަތަށް އެއްބަސްވީ އެވެ.

އަމީގެ ކްލައިންޓް ދެއްކީ އޭނާއަށް ފޮޓޯ އެކެވެ. ބަތް ތަށްޓެއްގައި ބަތާއި، ރިހާކުރާއި، މަސް ދަޅުކޮޅަކާއި ލުނބޯއާއި މިރުހާއި ވަޅޯމަހާއި ތެލުލި ފަތާއި ލޮނުމިރުހާއި އަދި ދެތިން ފޮތި ކިއުކަމްބާ އޮތް އިރު ކޭކުގައި ވެސް ހަމަ މި ތަކެތި ހަމަ އެ މިނަށް ތައްޔާރުކޮށްފައި ހުއްޓެވެ.

ކޭކުގައި ފެންނަންހުރި ހުރިހާ އެއްޗަކީ ވެސް ހަމަ އަމީ އަމިއްލަ އަށް ތައްޔާރުކޮށްފައިވާ 'އެޑިބަލް' ނުވަތަ ކެވޭ އެއްޗިއްސެވެ. ހުސްވެސް ފޮންޑަންޓްގެ މަސައްކަތެވެ.

"އާންމުކޮށް ފޮންޑަންޓް ޑެކަރޭޓެޑް ކޭކްސް ތައްޔާރުކުރަން ދެ ދުވަހެއް ވަރު ނަގާ. ކޭކުގެ މަސައްކަތަށް ގާތްގަނޑަކަށް ހޭދަވީ 6 ނޫނީ 7 ގަޑިއިރު. ދެން އަސްލު ކޮންމެ ތަންކޮޅަކަށް ވެސް ވަރަށް މަސައްކަތް އެއީ. ބަތް ފުށް ފުށްތައްވެެސް ހަމަ ވަކިވަކީން ހަދާފައި އެއީ. އެކަމަކު އެންމެ އުނދަގޫވީ އެންމެ ހީނުކުރި ތަންކޮޅު. ލުނބޯ ފަޅި ހަދަން. އަސްލާ ވީހާ ވެސް އެއްގޮތް ކުރަން ބޭނުންވެގެން އެކަން ނުވެގެން އެންމެ އުނދަގޫވި،" އަމީ އޭނާގެ މަސައްކަތް ދިޔަގޮތް ހިއްސާކުރި އެވެ.

އަމީ އާއި އޭނާގެ ދަރިފުޅު--

އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރި އަމީ ބުނާ ގޮތުން ކޭކު އެޅުމުގެ ތެރެއަށް އޭނާ ވަނީ އަލަތު ދަރިފުޅު ލިބި ގޭގައި ހުންނަން ޖެހުމުން އާ މަސައްކަތެއް ކުރަން ފެށުމުގެ ތެރެއިންނެވެ. ކޭކު އެޅުމުގެ އަލިފެއް ޔާ އެއް ފެށިއިރު ނޭނގެ އެވެ. ނަމަވެސް ހުރިހާ ކަމެއް ވެސް ދަސްކުރީ ހަމަ އަމިއްލައަށެވެ. އަދި ކޭކުގެ އެކި މަސައްކަތްތަކުގެ ތެރެއިން އެންމެ ހިތް ދަމައިގަތް ކަމަކަށްވީ ފޮންޑަންޓް އާޓްގެ މަސައްކަތެވެ.

އަމީގެ ކޭކުތަކަށް ބަލާލުމުން އެކަން ވަރަށް ރަނގަޅަށް ވެސް ހާމަވެ އެވެ. ވެޑިން ކޭކާއި، ކުޑަކުދިންގެ އުފަންދުވަހާއި އަދި އެނޫން ވެސް އެކިއެކި މުނާސަބަތުތަކަށް އޭނާ އަޅާފައިވާ އެކި ކޭކުތަކުގައި ފެންނަން ހުރި ފޮންޑަންޓްގެ މަސައްކަތް އެހާމެ އޮމާންވެފާއި ބަލާލަން ހިތްގައިމެވެ.

މިފަދަ މަސައްކަތެއް ކުރުމުގައި ދުވަހުން ދުވަހަށް މަަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އާ އުކުޅުތަކާއި ގޮތްތަށް އަބަދު ވެސް އެނގިފައި ހުރުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކޮށް އަމީ ބުނީ ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދެވޭ ދުވަސްކޮޅުތަކާއި ދިމާކޮށް ބޭކިން އާއި ޕޭސްޓްރީގެ ކުދި ކޯސްތައް މިފަހުން ހަދާފައި ވާނެ ކަމަށެވެ. އަދި ޝުގާ އާޓް ދަސްކުރުުމުގެ ގޮތުން މާލޭގައި ވެސް ކޯހެއް ހެދިކަމަށް އަމީ ބުންޏެވެ.

ހީވާގި ކަނބަލުންނަށް އަމީ ތައްޔާރުކުރި މެޑިއުސާ ކޭކު--

އާޓް އާއި ކްރިއޭޓިވް މަސައްކަތަށް އަބަދު ވެސް ހާއްސަ ލޯތްބެއް އޮތް އަމީ ބުނާ ގޮތުން މިހާތަނަށް އޭނާ ތައްޔާރުކުރި ކޭކުތަކުގެ ތެރެއިން އެންމެ ހާއްސަ ކޭކަކީ 3ޑީ ފިގާއެއްގެގޮތުގައި އޭނާ ތައްޔާރުކުރި މެޑިއުސާ ކޭކެވެ. ޝުގާ އާޓްގެ ގޮތުގައި 'ހީވާގި ކަނބަލުން' ގެ މައުރަޒަށް އޭނާ ތައްޔާރުކުރި މި 'ލައިފް ސައިޒް ކޭކު' ކަން ދިމާކުރި ގޮތުން މައުރަޒުގައި ދައްކާނުލެވުނެވެ.

ކޮންމެއަކަސް އަމީގެ ދިވެހި ކެއުން ކޭކަށް މިވަނީ އާންމުންގެވެސް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

comment ކޮމެންޓް