ދިވެހި އަންހެން ސިފައިންގެ މީހަކަށް އިނގިރޭސި މިލިޓަރީ އެކެޑެމީއެއްގެ ކޯހަކުން ފަހުރުވެރި ވަނައެއް

އާރްއެމްއޭ ސޭންޑްހާސްޓްގެ ކޮމިޝަނިން ކޯހުގެ ބެސްޓް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑު ލިބުނު ދިވެހި އަންހެން ސިފައިންގެ މީހާ ފިރުޝާނާ ތައުފީގު --

އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑެމީ ސޭންޑްހާސްޓް (އާރްއެމްއޭ ސޭންޑްހާސްޓް)ގެ ކޯހެއް ފުރިހަމަ ކުރި ދިވެހި އަންހެން ސިފައިންގެ މީހަކަށް ކޯހުގެ ވަނައެއް ލިބިއްޖެ އެވެ.

އޮފިސާ ކެޑޭޓް ފިރުޝާނާ ތައުފީގަށް ލިބިފައި ވަނީ އާރްއެމްއޭ ސޭންޑްހާސްޓްގެ ކޮމިޝަނިން ކޯހުގެ ބެސްޓް އިންޓަނޭޝަނަލް ސްޓޫޑެންޓް އެވޯޑެވެ. އެއީ އެ ކޯހުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން، އިނގިރޭސިވިލާތް ނޫން އެހެން ގައުމުތަކުގެ މީހުންގެ ތެރެއިން އެންމެ މޮޅު ދަރިވަރަށް ދޭ އެވޯޑެވެ.

އެމްއެންޑީއެފްއިން ބުނެފައިވާ ގޮތުގައި ފިރުޝާނާއަކީ ސޭންޑްހާސްޓް އެކެޑެމީގައި ތަމްރީނު ހާސިލު ކުރި ފުރަތަމަ ދިވެހި އަންހެން ސިފައިންގެ މީހާ އެވެ.

ފިރުޝާނާގެ ކާމިޔާބީއަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީވެސް ވަނީ މަރުހަބާ ދަންނަވައިފަ އެވެ.

ފިރުޝާނާއަށް މަރުހަބާ ކިޔުމަށްފަހު ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ޓްވީޓުގައި ވަނީ، ކުރީ ސަރުކާރުތަކުތަކުގައި އަންހެން ސިފައިންނަށް އެކަށީގެންވާ ވަރަށް ފުރުސަތުތައް ފަހިކޮށްދީފައިި ނެތް ކަމަށާއި އެއީ ދެރަ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އިނގިރޭސިވިލާތުގެ ބާކްޝާގެ، ސޭންޑްހާސްޓުގައި ހުންނަ އާރްއެމްއޭ ސޭންޑްހާސްޓްއަކީ އިނގިރޭސި އަސްކަރިއްޔާއިން ތަމްރީނުތައް ހިންގާ މިލިޓަރީ އެކެޑެމީތަކުގެ ތެރެއިން އެކެޑެމީއެކެވެ. އެ އެކެޑެމީ ފެށީ 1947 ވަނަ އަހަރު އެވެ.

comment ކޮމެންޓް