އެމްއައިޓީޓީގެ ދެ އެވޯޑެއް ރާއްޖެއަށް ލިބިއްޖެ

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރަޝިއާގެ މޮސްކޯގައި މިހާރު ކުރިއަށްދާ މޮސްކޯ އިންޓަނޭޝަނަލް ޓްރެވަލް އެންޑް ޓުއަރިޒަމް އެގްޒިބިޝަން (އެމްއައިޓީޓީ)ގައި ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން އަދި ބްރައިޓްނިންގް އެގްޒިބިޝަންގެ އެވޯޑު ރާއްޖެ އަށް ލިބިއްޖެ އެވެ.

މި މަހުގ 16 އިން 18 އަށް މޮސްކޯ ގައި ކުރިއަށް ދިޔަ ފެއާ އަކީ ރަޝިއާ އަދި ސީއައިއެއްގެ ގައުމުތަކުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން އެއްތަނަކުން ބައްދަލުކޮށް ބައިވެރިވާ ފެއާ އެކެވެ.

ފެއާގައި ރާއްޖެއަށް ލިބުނު ދެ އެވޯޑާ ގުޅިގެން، ވިޒިޓް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި "ބެސްޓް އައިލެންޑް ޕްރެޒެންޓޭޝަން" އެވޯޑު ލިބުމަކީ ބޮޑު ފަހުރެއް ކަމަށެވެ.

ރާއްޖެއަށް ލިބޭ މިފަދަ ކޮންމެ އެވޯޑަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކެއްގެ ބުރަ މަސައްކަތްކަން އޭނާ ފާހަގަކުރެއްވި އެވެ.

އެއީ ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށް އަލުން ހުޅުވާލިފަހުން ފެއާ އަކަށް ގޮސް ރާއްޖެ އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ.

އެ ފެއާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް 23 މަންދޫބަކު ބައިވެރިވި އެވެ. އެ ފެއާގެ މަގުސަދަކީ ރަޝިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރުކޮށް ޑެސްޓިނޭޝަން ޕްރެޒެންސް ވަރުގަދަ ކުރުން ކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފަ އެވެ.

ރަޝިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިހާރު އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ އަަހަރު ރާއްޖެއަށް ދެ ވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. މިއަހަރުގެ މިހާތަނަށް 238،533 ޓޫރިސްޓުން އައި އިރު، 21.5 ޕަސެންޓު މީހުންނަކީ ރަޝިއާ އިން ޒިޔާރަތްކުރި ފަތުރުވެރިންނެވެ.

comment ކޮމެންޓް