ވެރިރަށް މާލެއާ މާދުރުނޫން އުތުރުތިލަފުޅު ތަރައްގީ ކުރަން އިންޑިއާގެ އަސްކަރިއްޔާ އާއި ދިވެހި އަސްކަރިއްޔާއާ ދެމެދު ސޮއިކުރި "ޔޫޓީއެފް" އެއްބަސްވުން ދިވެހި ސަރުކާރުން ސިއްރެއްގެ ގޮތުގައި ބާއްވާފައި ވަނިކޮށް މިދިޔަ އަންގާރަ ދުވަހު އެ އެއްބަސްވުން ކަމަށް ބުނެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލިޔުންތަކެއް ހާމަކޮށް އޭގައި ހުރި ބައެއް ވާހަކަތައް ކިޔައިދީފަ އެވެ. އެ ލިޔުންތަކުގައިވާ ގޮތުން 15 އަހަރު ވަންދެން އިންޑިއާގެ ހަތިޔާރު އެޅި ސިފައިންނަށް ބޭނުން އަދަދަކަށް އުތުރުތިލަފަޅުގައި ގާއިމްވެގެން ތިބެވޭ ގޮތަށް ދިވެހި ސަރުކާރުން ވަނީ ސޮއިއަޅައި އެއްބަސްވެފަ އެވެ. އެ ލިޔުންތައް އާންމުވުމާ އެކު ދިވެހި އަސްކަރިއްޔާގެ އިސް ޖެނެރަލުންގެ މައްޗަށް ކުރެވޭ ރިޝްވަތުގެ ތުހުމަތުތަކުގެ އަޑު ވެސް ރަށު ތެރޭގައި ގަދަ ވިއެވެ. ލީކުވެފައި އޮތް އެއްބަސްވުމަކީ އަސްލު ނަމަ ރާއްޖޭގެ އިސްތިގުލާލާއި ސިޔާދަތު އަދި މިނިވަންކަމަށް ނުރައްކާވާނެ ދޮރެއް ވަނީ ހުޅުވައިފައި ކަމަށް ބުނުމުގެ ޖާގަ ވަރަށް ވެސް ބޮޑެވެ.
ލީކުކޮށްލި އެއްބަސްވުމާ އެކު ސަރުކާރުން އަވަސް އަވަހަށް ތެޅިފޮޅިގަނެ އެ އެއްބަސްވުމަކީ ދިވެހި ސިފައިންނާއި އިންޑިއާ ސިފައިން އަސްލު ސޮއި ކުރި އެއްބަސްވުމެއް ނޫން ކަމާއި ލީކުރީ އަސްލެއް ނެތް ފޭކު އެއްބަސްވުމެއް ކަމަށް ބުނެ ސަރުކާރުން ދިފާއަށް ފޭބި އެވެ. އަދި ސިފައިންގެ އިސް ޖެނެރަލުން ނޫސްވެރިންނާ ކުރިމަތިލައްވައި ލީކުކުރި އެއްބަސްވުމުގެ ދޮގުކަން ބުނެދީ ޔޫޓީއެފް އެއްބަސްވުން ދިފާކުރައްވަން ލައްކަ މަސައްކަތް ކުރެއްވި އެވެ. މުޅި ސަރުކާރު ދިފާއަށް ފައިބައިގެން ސަރުކާރުގެ ހުރިހާ ހަކަތައެއް މިދިޔަ ހަފްތާ ދުއްވާލީ ލީކުކުރި އެއްބަސްވުމުގެ ދޮގުކަން އާންމުންނަށް ބުނެދޭންށެވެ. އެކަމަކު އަޅުގަނޑު ދަންނަވާނީ އެ މަސައްކަތުން ހާސިލްވި ނަތީޖާ ކުޑަކަމެވެ.
ދިފާއުވުމަށް ސަރުކާރުން ލައްކަ ވާހަކަ ދެއްކިއިރު ވެސް ސަރުކާރުން އެއްކަމަކަށް އެއްބަސްނުވީމާ އަޅުގަނޑު މި ހުރީ ވަރަށް ހައިރާންވެ ކުރިއަށް ވުރެ ގިނަ ސުވާލު އުފެދިފަ އެވެ. ދޮގު އެއްބަސްވުމެއް ފެންމަތިވެ އެތައް ޝައްކާއި ވަހުމު އުފެދިގެން ދާއިރު ވެސް އަސްލު އެއްބަސްވުން ނެރެ ހާމަކުރަން ސަރުކާރުން ފަސް ޖެހެނީ ކީއްވެ ހެއްޔެވެ؟ އެކަން ނުކުރާން އޮތް އެންމެ ފަސޭހަ ބަހަނާއަކީ އެއްބަސްވުން ހާމަކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ޒާތުގެ ކަމެއް ކަމަށް ބުނުމެވެ. މި ހިސާބުން އަޅުގަނޑުގެ ހިތުގައި ހިނގައި ގަންނަ ޝުއޫރަކީ ގައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ ކަންކަން ފޮރުވުމަށް ފަހުވެސް އެ އެއްބަސްވުމުގެ ބައިތަކެއް ނަމަވެސް ހާމަކުރެވެން ހަމަ ނެތީ ހެއްޔެވެ؟ އަދި އެއަށް ވުރެ ބޮޑު ސުވާލެއް ވެސް އުފެދެ އެވެ. މިފަހުން އިންޑިއާޔާ އެކު ރާއްޖެއިން ސޮއިކުރާ ހުރިހާ އެއްބަސްވުމެއްހެން ސަރުކާރުން ސިއްރު ކުރަނީ ކީއްވެ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އިންޑިއާޔާ އެކު ސޮއިކުރާ ކޮންމެ އެއްބަސްވުމެއް ދައުލަތުގެ ސިއްރެއްގެ ގޮތުގައި ވެގެން ދަނީ އަޅެފަހެ ކޮން ހަމަޔަކުން ހެއްޔެވެ؟
އަސްކަރީ މުއާމަލާތްތަކެއް ހިމެނޭ އެއްބަސްވުންތަކުން އަބަދުވެސް ގައުމެއްގެ މިނިވަންކަމާއި އިސްތިގުލާލަށް އަސަރު ކުރުމުގެ ޖާގަ ވަރަށް ބޮޑަށް ހުޅުވިފައި އޮވެ އެވެ. އެފަދަ އެއްބަސްވުންތަކަކީ ކޮންމެ ގައުމެއްގައި ވެސް އާންމު ރައްޔިތުން ޝައްކުގެ ނަޒަރަކުން ބެލުމެއް ޖާގަ އޮންނަ ކަންކަމެވެ. އަދި މިފަދަ ހައްސާސީ އެއްބަސްވުންތަކާ ގުޅިގެން ސިޔާސީ ގޮތުން ބަހުސް ބޮޑުވެ ހޫނު ބަހުސްތައް ވެސް ހިނގަ އެވެ. ހާއްސަކޮށް ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ ވަތަނީ ފިކުރު ނޫނީ ނޭޝަނަލިސްޓު ފިކުރަށް ހިޔާލު ބުރަވާ މީހުންނަށް ވުމުން އެފަދަ އެއްބަސްވުމަކާ މެދު އާންމު ދިވެހީންގެ މެދުގައި އުފެދޭ ޝައްކާއި ވަހުން މާ ބޮޑަށް ވެސް އިތުރުވާނެ އެވެ. މި ވިސްނުން އެ ގޮތަށް ދެމި އޮތަތީވެ އަދި ސަރުކާރުގެ ފޮރުވުމާ ހުރެ ޔޫޓީއެފް އެއްބަސްވުމާ މެދު އާންމުންގެ ހިތުގައި އުފެދޭ ޝައްކާއި ވަހުމް ފިލާ ނުދާނޭކަން އެއީ ސަރުކާރުން ގަބޫލު ކުރަން ޖެހޭ ހަގީގަތެކެވެ. އަދި އާންމު މީހާގެ ހިތުގައި ހިނގާ ޝައްކާއި ވަހުމަށް ދިވެހި ސިފައިންގެ އިސް ޖެނެރަލުންގެ ޖަޒުބާތީ ވާހަކަތަކުން ފަރުވާލެއް ނުލިބޭނެކަން ވެސް ގަބޫލު ކުރަން ޖެހެ އެވެ. އޮތް ހަމަ އެކަނި މަގަކީ ސަރުކާރުން ވައުދުވެފައިވާ ގޮތަށް އެ އެގްރިމަންޓުގެ ކަންކަން ވެސް ވީހާ ބޮޑަށް ހާމަކޮށް ނެރެ ދެއްކުމެވެ.
ޔޫޓީއެފް އެގްރިމަންޓާ ގުޅިގެން ސަރުކާރުގެ ގޮތް ދޫނުކޮށް ގެންގުޅޭ މުރަނަ ސިޔާސަތުގެ އާހިރު ނަތީޖާއަކަށް ވާނީ ސަރުކާރާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުމެވެ. އަދި އިދިކޮޅު ފަރާތްތަކުން މި މައްސަލަ އާންމުންނަށް މިހާރުވެސް ވިއްކަމުންދާއިރު މިއީ ސަރުކާރަކަށް ސިޔާސީ ގޮތުން ބޯމަތިވާ ބޮޑު ކޮޅިގަނޑެކެވެ. ޔޫޓީއެފް އެގްރިމަންޓް ސިއްރުކޮށްގެން ސަރުކާރަށް ކިތަންމެ ގޮންޖެހުމެއް އޮތަސް އެކަން ނުކޮށް ތިބޭ ސަބަބެއް ސަރުކާރަކަށް ހަގީގަތުގައި ބުނެއެއް ނުދެ ވެއެވެ. އަދި ބަހަނާ ދައްކާނެ މަގުބޫލު ސަބަބެއް އޮތް ކަމަކަަށް ވެސް ނުފެނެ އެވެ.
ސަރުކާރާއި ސިފައިންގެ ބައެއް ޖެނެރަލުން ޔޫޓީއެފް އެގްރިމަންޓް ސިފަކުރަނީ އެއީ އަސްކަރީ އެއްބަސްވުމެއްގެ ގޮތުގައެއް ވެސް ނޫނެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި އެއީ ހަމަ އާންމު ޑޮކްޔާޑެއް ތަރައްގީ ކުރުން ފަދަ އެއްބަސްވުމެކެވެ. ޔޫޓީއެފް އެއްބަސްވުމުގެ ކަންތައްތައް މިހާ ލުއި ގޮތަކަށް ސަރުކާރުން ނަގާއިރު އަދި އެ އެއްބަސްވުމުގެ އަސްލަކީ ޑޮކްޔާޑެއް ތަރައްގީ ކުރުން ކަމަށް ވާނަމަ، އެ އެއްބަސްވުން ހާމަކޮށްގެން ގައުމީ ސަލާމަތަށް ނުރައްކަލެއް އޮވެދާނެ ކަމަށް އަޅުގަނޑުގެ ބުއްދިއަކަށް ގަބޫލެއް ނުކުރެ ވެއެވެ. އަދި ޔޫޓީއެފް އެއްބަސްވުމާ މެދު ތަފާތު ޝައްކާއި ވަހުމު ރަށު ތެރޭ އެނބުރެމުންދާއިރު ވީހާވެސް ބޮޑަކަށް އެ އެގްރިމަންޓުގެ ކަންކަން ހާމަކުރުން އެއީ ސަރުކާރަށް މިވަގުތަށް އޮތް ހަމައެކަނި ގޮތް ކަމަށް އަޅުގަނޑު ދެކެމެވެ. އެކަމަކު ސަރުކާރުން އެމަގު އިހުތިޔާރު ނުކޮށް އުޅޭ އުޅުން އެއީ އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ތާހިރު ގޮތެއް ނޫނެވެ. ޔޫޓީއެފް އެގްރިމަންޓުގެ ކަންކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމާ މެދު އަޅުގަނޑު ޝައްކެއް ނުއުފައްދަމެވެ. އެކަމަކު އެކަމާ އާންމު ރައްޔިތުން އެބަ ޝައްކު އުފައްދަ އެވެ. ސަރުކާރުގެ ހެޔޮ ނިޔަތް ރައްޔިތުންނަށް ދައްކަން ބޭނުން ނަމަ، އަޅުގަނޑު ސަރުކާރަށް ކުރާ ޗެލެންޖަކީ ލީކުވި ޔޫޓީއެފް އެގްރިމަންޓް ދޮގު ނަމަ ތެދު އެގްރިމަންޓް ދައްކަ ބައްލަވާށެވެ. ގައުމީ ސަލާމަތަށް ނުރައްކާވާ ބައިތަކެއް ހުރި ނަމަ ސިއްރު ކުރެއްވުމަށް ފަހު ނަމަވެސް އެގްރިމަންޓުގެ ބައިތަކެއް ނަމަވެސް އާންމު ކުރައްވަ ބައްލަވާށެވެ. އެހެން ނޫން ނަމަ ޔޫޓީއެފް އެގްރިމަންޓުގެ ކަންކަމުގައި ސަރުކާރުގެ ހެޔޮ ނިޔަތް އޮތް ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެ އެވެ. އަދި ޔޫޓީއެފް އެގްރިމަންޓާ މެދު އުފެދިގެން މި އުޅޭ ޝައްކާއި ވަހުމް އަދި އަޅުގަނޑުމެންގެ އަސްކަރިއްޔާއާ މެދު ކުރާ ތުހުމަތުތައް ހަމަ އެގޮތުގައި ރައްޔިތުންގެ މެދުގައި ތާ އަބަދަށްމެ ދެމި އޮންނާނެ އެވެ.