މަލިކު ކައިރިން ހަތިޔާރާއި މަސްތުވާތަކެއްޗާއެކު ލަންކާގެ ތިން ބޯޓު ހިފަހައްޓައިފި

އިންޑިއާ ކޯސްޓްގާޑުން ހިފެހެއްޓި ލަންކާގެ ތިން މަސްބޯޓު --

މަލިކު ކައިރިން، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ހަތިޔާރާއެކު ސްރީލަންކާގެ ތިން މަސް ބޯޓު އިންޑިއާ ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައި ވަނީ އެ ތިން ބޯޓުން ގިނަ އަދަދެއްގެ ހެރޮއިންއާއި އޭކޭ47 ބަޑި އަކާއި 1،000 ވަޒަން ފެނިފައިވާ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުން، ފާއިތުވި އަށް ދުވަހު އަރަބި ކަނޑުގައި ހަރަކާތްތެރިވަމުން ދިޔަ ލަންކާގެ ހަތް ބޯޓަކަށް އިންޑިއާ ނޭވީގެ ޑޯނިއާ އެއާކްރާފްޓަކުން ދިޔައީ ފާރަލަމުންނެވެ.

ޑޯނިއާ އެއާކްރާފްޓުން ދިން މައުލޫމާތާއެކު އިންޑިއާ ނޭވީއިން ބޯޓުތައް ހިފަހައްޓަން އަވަސް އޮޕަރޭޝަނެއް ފެށިއެވެ.

އިއްޔެ މެންދުރުގެ ވަގުތެއްގައި ތިން ބޯޓު ހިފަހައްޓާފައި ވަނީ މަލިކުގެ ހުޅަނގު ދެކުނުން 90 ނޯޓިކަލް މޭލު ބޭރުންނެވެ. މަލިކުގެ ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ތިން ބޯޓު ހިފަހައްޓައި 12 މީހަކު ވަނީ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

މި މަހުގެ ހަތްވަނަ ދުވަހުވެސް މަލިކު ކައިރިން މަސްތުވާތަކެއްޗާއެކު ލަންކާގެ ތިން ބޯޓު ވަނީ ހިފަހައްޓައިފަ އެވެ. އެ ތިން ބޯޓުން 260 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފަ އެވެ. އެ ތިން ބޯޓު ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސް ހަ މީހަކު ހައްޔަރުކުރި އެވެ.

comment ކޮމެންޓް