ބެންޗުން އަރައި ޕޮގްބާ ޔުނައިޓެޑް މޮޅުކޮށްދީފި

މެންޗެސްޓާ ޔުނައިޓެޑާއި އޭސީ މިލާން ކުޅުނު މެޗުގެ ތެރެއިން: އެ މެޗުން 0-1 އިން ކުރި ހޯދީ ޔުނައިޓެޑް --- ފޮޓޯ//ގެޓީ އިމޭޖެސް

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގައި ރޭ އޭސީ މިލާން ކޮޅަށް ބެންޗުން އަރައި ޕޯލް ޕޮގްބާ ޖަހައިދިން ގޯލާ އެކު މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާރޓާ ފައިނަލަށް ދަތުރު ކޮށްފި އެވެ.

އޭސީ މިލާނުގެ ސެން ސީރޯ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުން ހޯމް ޓީމުގެ މައްޗަށް ޔުނައިޓެޑް ކުރި ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. މި މޮޅާ އެކު ޔުނައިޓެޑް ކުއާރޓާ ފައިނަލުގެ ޖާގައެއް ހޯދީ ފުރަތަމަ ލެގުގައި ޖެހި އެއް ގޯލާ އެކު 1-2 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ. އަނެއް ކޮޅުން ރޭގެ މެޗުން ބަލިވުމާ އެކު އިނގިރޭސި ޓީމުތަކާ ދެކޮޅަށް މިލާން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު ހަ މެޗުގެ ތެރެއިން ފަސް މެޗުން ވަނީ ބަލިވެފަ އެވެ. އޭގެ ކުރިން ކުޅުނު 13 މެޗުން މިލާން ވަނީ ސެން ސީރޯ ސްޓޭޑިއަމުގައި އިނގިރޭސި ޓީމުތައް އަތުން ބަލިނުވެ ކުޅެފަ އެވެ.

ރޭގެ މެޗަށް ނުކުން އިރު ބޮޑު ޕްރެޝަރެއް އޮތް ޔުނައިޓެޑްގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނީ ދަށް ކުޅުމެކެވެ. މިލާނުން މެޗުގެ ކޮންޓްރޯލަ ނަގައިގެން ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި އުފެއްދި އިރު، ޔުނައިޓެޑުގެ ދެވަނަ ކީޕަރު ޑީން ހެންޑަސަން ވަނީ އެ މެޗުގައި ގިނަ ސޭވްތަކެއް ކޮށްފަ އެވެ.

ދެވަނަ ހާފު ޔުނައިޓެޑުން ފެށީ ބަދަލަކާ އެކު އެވެ. ކުރިއަށް ކުޅެމުން އައި މާކަސް ރަޝްފޯޑުގެ ބަދަލުގައި ޕޮގްބާ ޓީމުގައި ހިމަނާފައިވާ އިރު، މިދިޔަ މަހުގެ ކުރީކޮޅު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާ ގުޅިގެން އެންމެ ފަހުން ޔުނައިޓެޑް ކުޅުނު 10 މެޗުގައި ވެސް އޭނާ ކުޅެފައެއް ނުވެ އެވެ. ޕޮގްބާ ކުޅެން ނުކުންތާ ތިން މިނަޓުގެ ތެރޭގައި އޭނާ ވަނީ ގޯލެއް ޖަހައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ކުރިން ޔުވެންޓަސްއަށް ކުޅުނު އިރު ވެސް މިލާން ކޮޅަށް ގޯލުތަކެއް ޖަހާފައި ހުރި ޕޮގްބާ ޖެހި ގޯލާ އެކު މެޗުގެ އޮއެވަރަށް ބަދަލުތަކެއް ވަނީ އައިސްފަ އެވެ.

އެގޮތުން މިލާނުން ވަނީ އަވަސް ބަދަލުތަކެއްކޮށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ޔުނައިޓެޑަށް ކުރިން ކުޅެދިން ޒްލަޓަން އިބަރަހިމޯވިޗް ކުޅެން ނުކުން އިރު، 74 ވަނަ މިނަޓުގައި އޭނާ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ޔުނައިޓެޑުގެ ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ޔޫރޮޕާ ލީގުގައި ރޭ ކުޅުނު އިތުރު މެޗު ތަކުގެ ނަތީޖާތައް:

އާސެނަލް 0 – 1 އޮލިމްޕިއާކޮސް

ޑައިނަމޯ ޒަގްރެބް 3 – 0 ޓޮޓެމްހަމް

މޮލްޑޭ 2 – 1 ގްރަނާޑާ

ޝަކްތަރު ޑޮނެސްކް 1 – 2 ރޯމާ

ރޭންޖާސް 0 – 2 ސްލާވީއާ ޕްރާގް

ވިޔަރެއާލް 2 – 0 ޑައިނަމޯ ކިއެވް

ޔަންގް ބޯއީސް 0 – 2 އަޔަކްސް

comment ކޮމެންޓް