އަސްކަރިއްޔާއަށް އޮތް އިތުބާރާއި އިހްތިރާމް ގެއްލުވާލަން ފުރުސަތު ނުދޭނަން: ޑިފެންސް

ޖެނުއަރީ 25، 2021: ސިފައިންގެ އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ މައި މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލަން ކުރާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ މިނިވަންކަމާ އިސްތިގުލާލު ނަގަހައްޓާ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލައި، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ހިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށު ދަރަޖައިގެ ހަޑިހުތުރު އަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އުތުރު ތިލަފަޅު ތަރައްގީކުރުމަށް އިންޑިއާ ސަރުކާރާއެކު ދިވެހި ސަރުކާރުން ހަދަން އުޅުނު އެއްބަސްވުމުގެ ޑްރާފްޓެއް ކަމަށް ބުނާ ލިޔުމެއް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ލީކްކޮށްލާފަ އެވެ. އުމަރު ވިދާޅުވީ ސޮއިކުރި އެއްބަސްވުމުގައި ވެސް ލީކްކޮށްލި ޑްރާފްޓްގައި ހުރި ގިނަ ކަންތައްތައް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

އެ ލިޔުމުގައި ހުރި ވާހަކަތައް އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ "ދިޔަރެސް" ނޫހުންނެވެ. އެ ނޫހުން ބުނެފައި ވަނީ، އެއްބަސްވުމުގެ ކޮޕީއެއް ލިބުނީ އެމްއެންޑީއެފްގެ އިސް ވެރިއެއްގެ ފަރާތުން ކަމަށެވެ. ނަމަވެސް އެ ޑޮކިއުމެންޓަކީ ހަގީގަތާ ހިލާފު ދޮގު ލިޔެކިޔުމެއްކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

އެ ލިޔުމުގެ މައްސަލައިގައި މީގެކުރިން ވެސް ޑިފެންސް މިނިސްޓްރީން ވަނީ އަސްކަރިއްޔާގެ އަގު ވައްޓާލަން ކުރާ މަސައްކަތް ހުއްޓުވަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ.

"ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ޕްރޮޕަގެންޑާ ފަތުރައި، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވައި، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިހްތިރާމާއި ގަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުސަތު ނުދޭނެ ކަމުގައި ދަންނަވަމެވެ." ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޑިފެންސުން ބުނީ ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ހިދުމަތުގައި އިހްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަކެއްގެ އަގުހުރި ހިދުމަތްތަކެއް ގައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިހްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށެވެ.

comment ކޮމެންޓް