މި ހާލަތުގައި ގައިދުރުކޮށް ޖަމާއަތް ހެދުން ހުއްދަ: ފަތުވާ މަޖިލިސް

އޮކްޓޫބަރ 2، 2020: ހުކުރު މިސްކިތުގައި ކުރެވުނު ހުކުރު ނަމާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ މި ހާލަތުގައި މިސްކިތްތަކުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުމަކީ މަކްރޫހަ ކަމަކާ ނުލާ ހުއްދަ ކަމެއް ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުން ބުނެފި އެވެ. އެ މަޖިލީހުން މިއަދު ވަނީ ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ގާއިމުކުރުމާމެދު އިސްލާމްދީނުގައި އޮންނަ ގޮތް ސާފުކޮށްދީފަ އެވެ.

ފަތުވާ މަޖިލިސް އިން ބުނީ ކޮވިޑްގެ ބަލިކަމުގެ ހާލަތުގައި ދީނީ އިޖުތިމާއީ ބައެއް ކަންކަން އަދާކުރުމުގައި އާންމު ހާލަތާ އެއްގޮތަށް އަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އެއީ އެފަދަ ކަންކަމުގެ ސަބަބުން ވައިރަސް ފެތުރުމަށް މަގުފަހިވެ، ބަލިމަޑުކަން އިތުރަށް ފެތުރުމަށް އެހީވެދާނެ ކަމަކަށް ވެދާނެތީ ކަމަށެވެ.

އެހެންކަމުން ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް މިސްކިތްތަކުގައި ގާއިމުކުރުމާމެދު އިސްލާމްދީނުގައި އޮންނަ ގޮތް ދެނެގަތުމަށް ފަތުވާ މަޖިލީހުގެ މެމްބަރުން ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތާއި ފަތުވާދޭ މުއައްސަސާތަކުގެ އިލްމުވެރިންގެ ޖަމާއަތްތަކުގެ ބަސްފުޅުތަކުގެ އަލީގައި މައްސަލަ ދިރާސާކުރި ކަމަށެވެ.

ފަތުވާ މަޖިލިސް އިން ބުނީ ދުނިޔޭގެ ފަތުވާ މަޖިލިސްތަކާއި ފަތުވާ ކޮމިޓީތަކުން ނެރެފައިވާ ފަތުވާތަކުން ދަލީލުކޮށްދެނީ، އާންމުންގެ މެދުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރިދާނެ ކަމުގެ ބިރަށްޓަކައި މީސްތަކުން އެއްވެގެން ހެދޭ ޖަމާއަތްތައް ހެދުން ހުއްޓާލުން ސައްހަ ކަމަށެވެ.

އެއީ އިސްލާމީ ޝަރީއަތުގެ މަސްދަރުތައް ބިނާވެފައި ވަނީ މީސްތަކުންނަށް ލުއިފަސޭހަކޮށްދީ ބުރަކަން ނައްތާލާ ޒަރޫރީ ހާލަތުން ދިފާއުވެ މަފްސަދާ ނައްތާލުމަށް ކަމަށް ފަތުވާ މަޖިލީހުން ބުންޏެވެ.

"މިކަމުގައި އޮތް މަފްސަދާގެ އަސްލަކީ މީސްތަކުން އެއްތަނަކަށް ޖަމާވުންކަމަށް ކަމާބެހޭ ސިއްހީ މަހިރުން ހާމަކުރެއެވެ. އެހެންކަމުން މިކަމުގައި މުސްލިމުންގެ މައްޗަށް ލާޒިމުވެގެންވަނީ އިތުބާރުހުރި ސިއްހީ މާހިރުން ދޭ މައުލޫމާތުގެ މައްޗަށް ބުރަވެތިބެ، އެއާ އެއްގޮތަށް އަމަލުކުރުމެވެ. އަދި މި އަމުރުތަކަށް ތަބާވުމަކީ ޝަރުއީ ގޮތުން އޮތް ވާޖިބެކެވެ." ފަތުވާ މަޖިލީހުން ބުންޏެވެ.

އެއީ އެ އަމުރުތަކާ ހިލާފުވުވުމުން ނަފްސުތަކަށް ލިބޭ ގެއްލުމުގެ ސަބަބުން އެމީހަކު ފަހަރުގައި މަރާ ކުރިމަތިލައި ހަލާކުވެގެން ދިއުން ހިމެނޭތީ ކަމަށް ފަތުވާގައިވެ އެވެ.

ފަތުވާ މަޖިލިސް އިން ބުނީ ރަސޫލާގެ ސުންނަތުން ސާބިތުވަނީ، ނަމާދުގައި ސަފު ފުރިހަމަކުރުމާއި، ކޮނޑަކޮނޑު ޖެހޭނެހެން އެއްސަފު އަނެއް ސަފު ފުރިހަމަ ކުރަމުން ދިއުމާއި ނަމާދުގެ ސަފުތަކުގެ ހުސްތަން ފުރަމުން ދިއުން ކަމަށެވެ.

އަދި ނަމާދުގެ ސަފު، ހުސްތަން ނޯންނާނެހެން ފުރިހަމަ ކުރުމަކީ ނަބަވީ ހިދާޔަތުގެ ތެރެއިން ހިމެނޭ ސުންނަތެއް ކަމަށާއި އެއީ ނަމާދުގެ ވާޖިބުތަކުގެ ވާޖިބެއް ނޫންކަން ދަލީލުކުރާ ކަމަށް ވެސް ފަތުވާ މަޖިލީހުން ބުންޏެވެ. އަދި ސަފުތައް ފުރިހަމަކުރަން ހަނދާން ނެތިގެން ނޫން ގޮތަކަށް ގަސްދުގައި ދޫކޮށްލި ނަމަވެސް އެކަމަކީ ނަމާދު ބާތިލުވާނެ ކަމެއް ނޫން ކަމަށް ޖުމްހޫރު އިލްމުވެރިން އެއްބަސްވެވަޑައިގަންނަވާ ކަމަށެވެ.

"އެހެންކަމުން، އިސްވެ ދެންނެވުނު ގޮތަށް، އިޖްތިމާއީ ގައިދުރުކޮށްގެން ހެދޭ ފަރުޟު ނަމާދުގެ ޖަމާއަތާއި، ހުކުރު ނަމާދުގެ ޖަމާއަތް މަކްރޫހަ ކަމަކާއި ނުލައި ސައްހަވާނެ،" ފަތުވާ މަޖިލީހުން ބުންޏެވެ.

ސިއްހީ ގޮތުން ލާޒިމުކުރާ އިޖުރާއަތުތަކަށް ތަބާވުން ވާޖިބު ކަމަކަށް ވާއިރު، އެއީ އުމުރުގެ ގޮތުން ވިޔަސް، ފަރުދުންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި ނަމާދުކުރާ މީހުންގެ ސިއްހީ ހާލަތާއި ގުޅިފައިވާ ކަމަކަށް ވިޔަސް، އަދި މިސްކިތަށް ވަނުމުގެ ކުރިން އަދާކުރަންޖެހޭ ކަމަކަށް ވިޔަސް، އިތުބާރު ހުރި ސިއްހީ މާހިރުން އެކަމަށް ދެއްވާ އިރުޝާދަށް ބޯލެނބުމަކީ ދީނީގޮތުން މާޖިބު ކަމެއް ކަމަށް ފަތުވާ މަޖިލީހުން ވަނީ ބުނެފަ އެވެ.

"މި ހާލަތުގައި ޖަމާއަތުގައި ނަމާދުކުރާ މީހުންނާއި ހުކުރު ނަމާދު ކުރާ މީހުން ސަފުގައި އިޖުތިމާއީ ގައިދުރުކޮށްގެން ސަފުހަދައިގެން ނަމާދު ކުރެވޭނެ ކަމަށް ޖުމްހޫރު އިލްމުވެރިން ދެކެވަޑައިގަންނަވައެވެ."

ފަތުވާ މަޖިލީހުން ވަނީ، މި ހާލަތުގައި އިސްލާމީ ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް އަމަލުކުރަމުން އަންނަނީ އެ އުސޫލުގެ މައްޗަށްކަން ފާހަގަކޮށްފަ އެވެ.

"އެހެންކަމުން މި ހޯދުންތަކުގެ އަލީގައި މަޖިލީހުގެ މެމްބަރުންނަށް އެއްބަވެވުނީ މި ހާލަތުގައި ގައިދުރުކޮށްގެން ސަފުހަދައިގެން ޖަމާއަތުގައި ނަމާދުކުރުމަކީ މަކްރޫހަ ކަމަކާ ނުލާ ހުއްދަ ކަމެއް ކަމުގަ އެވެ."

ފަތުވާ މަޖިލީހުން ބުނީ އިތުބާރު ހުރި ސިއްހީ މާހިރުންގެ ލަފަޔާ އިރުޝާދާ ހިލާފަށް ތަންތަނަށް ޖަމާވެ ހެދުމަކީ އެމީހަކު ފާފަވެރިވާނެ ކަމެއް ކަމަށެވެ. އަދި އެގޮތަށް ކުރާ ކަމެއްގެ ފަރުދީ ޒިންމާ އެމީހަކު އުފުލަން ޖެހޭނެ ކަމަށެވެ.

"ދުނިޔޭގެ ގައުމުތަކުގެ ފަތުވާ މަޖިލިސްތަކުން އެއްބަސްވެފައިވަނީ އެގޮތަށް އަމަލުކޮށް ކަމުގެ ހުރުމަތް ކަނޑާލުމާއި އެކަމުގެ ސަބަބުން ބަލި އިތުރަށް ފެތުރޭނެ ގޮތް ތަނަވަސްވެ ތިމާގެ ނަފްސާއި މުޖުތަމައު ކޮވިޑްގެ ކާރިސާގެ ނުރައްކަލަށް ހުށަހެޅުމަކީ ހަރާމް ކަމެއް ކަމަށެވެ."

މާލެ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ގައިދުރުކޮށް ނަމާދުގެ ޖަމާއަތް ހެދުމަށް އިސްލާމިކް މިނިސްޓްރީން އެންގީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް އެ މައްސަލައިގައި އިލްމުވެރިންގެ މެދުގައި ވަނީ ދެބަސްވުން އުފެދިފަ އެވެ.

comment ކޮމެންޓް