ސީއެސްސީއަށް އަންހެން ދެ މެމްބަރުން ލުމަށް ލާޒިމް ކުރާ ގޮތަށް ގާނޫނަށް އިސްލާހެއް

ސިވިލްސާވިސް ކޮމިޝަނުގެ މެމްބަރުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން: ކޮމިޝަނަށް ދެ އަންހެނުން އައްޔަން ކުރަން ވަނީ އިސްލާހު ހުށަހަޅާފައި --- ފައިލް ފޮޓޯ/ ރައީސް އޮފީސް

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަމަށް މަދުވެގެން އަންހެން ދެ މެމްބަރުން އައްޔަން ކުރަން ލާޒިމް ކުރާ ގޮތަށް ސިވިލް ސާވިސްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

އެ ގާނޫނަށް އިސްހާލު ގެނައުމުގެ ބިލު ހުށަހެޅީ، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ރޮޒައިނާ އާދަމެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ ހުށަހެޅުއްވީ، ކޮމިޝަން އެކުލިވެގިންވާ ގޮތަށް ބަދަލު ގެނައުމަށެވެ. އެގޮތުން ކޮމިޝަންގެ ފަސް މެމްބަރުންގެ ތެރެއިން ދެ މެމްބަރުންނަކީ އަންހެނުންނަށް ހެދުމަށް ވެސް ހުށަހަޅާފައިވެ އެވެ. އެކަމަކު މިހާރު ތިބި މެމްބަރުން މާގާމުން ވަކިވަންދެން އެ މަގާމުގައި ދެމި ތިބޭނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެހެން ކަމުން އެ އިސްލާހު ފާސްވި ނަމަވެސް، މިހާރު މެމްމަބަރުކަމަށް އައްޔަންކޮށްފައިވާ މީހުންގެ މަގާމުން ވަކިނުވާނެ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން ކޮމިޝަނަށް އަންހެން މެމްބަރުން ތިބުން ލާޒިމެއް ނޫނެވެ.

ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ދެ އަންހެނުން އައްޔަން ކުރުމަށް ލާޒިމް ކުރި އިރު، މިހާރު ވެސް ކޮމިޝަންގެ ދެ އަންހެން މެމްބަރުން ތިއްބަވަ އެވެ. އެއީ ކޮމިޝަންގެ ދެ މެމްބަރުން ކަމުގައިވާ ފާތުމަތު އާމިރާއާއި ފާތުމަތު ޝަރީފެވެ.

https://sun.mv/150111

ކޮމިޝަންގެ މެމްބަރުން އައްޔަންކުރުމަށް މިހާރު އޮންނަ ގޮތް ބަދަލު ކުރުމަށް ވެސް އިސްލާހު ހުށަހަޅާފަ އެވެ. މިހާރު ގާނޫނު އޮންނަ ގޮތުން މެމްމަބަރު ކަމަށް މީހުން ހޯދުމަށް އިއުލާން ކުރަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި މަޖިލީހުން ނަންތައް ދިރާސާކުރުމަށް ފަހު، ރުހުންދޭ މެމްމަރުން އައްޔަން ކުރުމުގެ ބާރު އޮންނަނީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

މިފަހަރު އިސްލާހު ހުށަހެއްޅުވީ، ރައީސުލްޖުމްހޫރިއްޔާ ނަންތައް މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވާ ގޮަތަަށެވެ. އެގޮތުން ކޮމިޝަނަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވުރެ ތިން ނަމަށް ވުރެ އިތުރު ނުވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ރުހުން ހޯދުމަށް ފޮނުވަން ވާނެ ކަމަށް އިސްލާހުގައި ބުނެ އެވެ.

އެ އިސްލާހުތަކަށް އަމަލު ކުރަން ފަށާނީ، ބިލު މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓް ކުރާ ދުވަހުން ފެށިގެންނެވެ.

comment ކޮމެންޓް