ޓީއެމްއޭ އިން ޝީޓް މެޓަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް

ޓީއެމްއޭގެ ޓެކްނީޝަނަކު މަސައްކަތުގައި -- ފޮޓޯ: ޓީއެމްއޭ

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން ކުރިއަށްގެންދާ މެއިންޓެނެންސް ޓެކްނީޝަނުން ތަމްރީނު ކުރުުމަށް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓީއެމްއޭ އިން ބުނީ އަންނަ އޭޕްރީލް މަހުގެ ތެރޭ ފަށަން ނިންމާފައިވާ ޝީޓް މެޓަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ދާއިރާ އިން ދިވެހިން ތަމްރީނު ކުރުމަށް އެ އެއާލައިނުން ކުރާ މަސައްކަތުގެ ދަށުން އެ ކަމަށް ޝައުގު ހުރި ދިވެހި ޒުވާނުންނަށް ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ޓީއެމްއޭ އިން ބުނީ ޝީޓް މެޓަލް ޓެކްނީޝަނުންނަކީ އޭވިއޭޝަން ދާއިރާގައި ޑިމާންޑު ބޮޑު ބައެއް ކަމަށާއި އެ ދާއިރާގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު އިތުރުވުމަކީ އުއްމީދު ކަމަށެވެ.

ތިން މަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ ބައިތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ޓީއެމްއޭގެ މެއިންޓެނެންސް ހެނގަރުގައެވެ. ޕްރޮގްރާމަށް ހޮވޭ ބައިވެރިންނަށް ވޯލްޑް ކްލާސް ހެނގަރެއްގައި މަސައްކަތްކޮށް ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް ޓީއެމްއޭ އިން އެލަވެންސެއް ދޭއިރު ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކުގެ ތެރެއިން ފާހަގަކުރެވޭ ބައިވެރިންނަށް ޓީއެމްއޭގެ މެއިންޓެނަންސް ޓީމާ ގުޅުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ބޭނުން ފަރާތްތަކުން [email protected] އަށް ސީވީ ހުށަހެޅުމަށް ޓީއެމްއޭ އިން އެދެ އެވެ.

ޓީއެމްއޭ އިން ވަނީ މި އަހަރުގެ ތެރޭގައި އެ އެއާލައިނުގެ ސީޕްލޭން ފްލީޓު އިތުރަށް ފުޅާކޮށް ވީލް ބޭސްޑް ދަތުރުތައް ފަށަން ނިންމާފައިވާކަން ވެސް އެ އެއާލައިނުން ވަނީ ހާމަކޮށްފަ އެވެ.

comment ކޮމެންޓް