ގިރިފުށި ނޫން ތަނަކަށް އަސްކަރީ ތަމްރީނު ބަދަލުކުރަން ނުފެންނަ ކަމަށް ނިންމައިފި

ސިފައިން ބަޑިޖެހުމުގެ ތަމްރީންތަކެއް ކުރަނީ

ކ. ގިރިފުށި ނޫން ތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކުރަން ނުފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ނިންމައިފި އެވެ.

ކޮމިޓީން އެގޮތަށް ނިންމާފައި ވަނީ އަސްކަރީ ތަމްރީނުތައް އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަ ނިންމައި ފާސްކުރި ރިޕޯޓުގަ އެވެ.

ގިރިފުށި ނޫން ތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްދިނުމަށް އެދި ހުށަހެޅީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހު، ސިފައިން ތަމްރީނު ހެދުމުގެ ގޮތުން ބަޑި ޖަހަމުން ދަނިކޮށް، އެ ރަށް ކައިރިން ދަތުރުކުރި ސަފާރީ އުޅަނދެއްގައި ހުރި ފަތުރުވެރިއެއްގެ ގަޔަށް ވަޒަނެއް އެރި ހާދިސާއާ ގުޅިގެންނެވެ.

އޭގެ އިތުރުން އޭގެ ކުރިން ކ. ހިންމަފުށީގެ ގެއެއްގެ ދޮރަށާއި ގެސްޓް ހައުސް އެއްގެ ކުޑަދޮރަށް ވަޒަން އަރާފައިވާތީ، ސިފައިންގެ ތަމްރީނުތައް އެހެން ރަށަކަށް ބަދަލުކޮށްދިނުމަށް އެދި ހިންމަފުށީގެ ރައްޔިތުން އެދެމުންދާތީ އެވެ.

އެ މައްސަލަ ހުށަހެޅީ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމް އެވެ. ކޮމިޓީއަށް މައްސަލަ ހުށަހެޅީ 14 ނޮވެމްބަރު 2019 ވަނަ ދުވަހު އެވެ.

އެ މައްސަލައާ ގުޅިގެން ކޮމިޓީން ވަނީ ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފް އާ ސުވާލުކޮށް، އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފަ އެވެ.

ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ ސިފައިންގެ ތަމްރީނުތަކަކީ ރައްކާތެރިކަމުގެ ގޮތުން ވަރަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނަމަވެސް ތަމްރީނުތަކުގައި ދިމާވި އެކިއެކި ހާދިސާތަކުގެ ސަބަބުން ތަމްރީނުތައް ގިރިފުށި ނޫން ތަނަކަށް ބަދަލުކުރަން ކުރިން ވެސް މަޝްވަރާކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ހަމައެއާއެކު ގިރިފުށްޓަކީ ސިފައިންގެ ތަމްރީނުތައް ހުއްޓުމެއް ނެތި އަހަރުގެ ހުރިހާ ދުވަހެއްގައި ވެސް ކުރިއަށް ގެންދާ ރަށަކަށް ވުމުގެ އިތުރުން ދުވާލަކު އެތައް ފަހަރަކު ހަތިޔާރުގެ އެކިއެކި ތަމްރީނުތަކަށް ސިފައިން ގޮސް އައިސް ހަދަންޖެހޭ ރަށަކަށް ވާތީ މާލެއާ ދުރު ހިސާބަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކޮށްފިނަމަ، ތަމްރީނުތަކަށް ބޭނުންވާ ސާމާނާއި، ސިފައިން އެތަނަކަށް އެތަނަކަށް ގޮސް އައިސްވުމަށް ދައުލަތުގެ ބަޖެޓުން އެކަމަށް ބޮޑު ހޭދައެއް ކުރަންޖެހި، މިހާރާ އެއްގޮތަށް ތަމްރީނުތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އޭގެ އިތުރުން ގިރިފުށި ޓްރެއިނިންގް ސެންޓަރުގައި ބަޑި ޖެހުމަށް ބޭނުންކުރާ "ރޭންޖް" މަތާމާރުކޮށް ސަލާމަތީ ކަންކަން ވަރުގަދަކޮށް ބަދަލު ގެނެސްފައިވާކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން ގިރިފުށީގައި ކުރިއަށް ގެންދާ ލައިވް ފަޔަރިންގ ތަކަކީ ވަރަށް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ކުރިއަށް ގެންދާ ތަމްރީނުތަކަކަށް ވާތީ ގިރުފުށި ހިމެނެ ސަރަހައްދުގެ އެއްގަމާއި، ކަނޑާއި އަދި ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކަލެއް ކުރިމަތިވުމަކީ ވަރަށް ނާދިރުކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެހެންކަމުން ގިރިފުށި ނޫންތަނަކަށް ސިފައިންގެ އަސްކަރީ ތަމްރީނުތައް ބަދަލުކުރަން މިވަގުތަށް ނުފެންނަ ކަމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ސިފައިންގެ އަސްކަރީ ތަމްރީނުތަކަށް ގިރިފުށި ބޭނުންކުރަން ފެށީ 1986 ވަނަ އަހަރު އެވެ.

comment ކޮމެންޓް