މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ ތުހުމަތު ހަބީބަށް ކޮށް، މައްސަލަ މަޖިލީހަށް

ކޮމިޝަންގެ ރައީސް ހަބީބު (ކ3): އޭނާއަށް ތުހުމަތުކޮށް ގިނަ މައްސަލަތަކެއް މަޖިލީހަށް ހުށަހަޅާފައިވޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެތަނުގެ މުވައްޒަފުންނަށް ފުރައްސާރަކުރުމާއި ބިރު ދެއްކި ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފި އެވެ. އެހެން ނަމަވެސް އެ ހުރިހާ ތުހުމަތުތައް ހަބީބު ދޮގު ކުރައްވައެވެ.

ކޮމިޝަންގެ ދެ މުވައްޒަފަކު ސޮއިކޮށް، ހަބީބަށް ތުހުމަތުކުރެވޭ މައްސަލަތަކާ ގުޅޭ ސިޓީއެއް މަޖިލީހަށް ހުށަހެޅީ މިމަހު ހަވަނަ ދުވަހު އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި އެ ސިޓީގައި ބުނީ ކޮމިޝަންގެ ގާނޫނުގައި އެ ކޮމިޝަންގެ މެމްބަރުންނަކީ، މަސްއޫލިއްޔަތު އަދާކުރުމުގައި މިނިވަންކަމާއި އަދުލުވެރިކަމާއި ވަކި ފަރާތަކަށް ނުޖެހި މަސައްކަތް ކުރަން ޖެހޭ ބައެއް ކަމަށް ބަޔާންކޮށްފައިވީއިރު، ހަބީބުގެ ފަރާތުން ފެންނަމުންދާ އަމަލުތަކަކީ، ކޮމިޝަންގެ މެމްބަރެއްގެ ގައިގައި ހުންނަ ޖެހޭ އަހްލާގީ އަދި ސުލޫކީ މިންގަނޑާ ހިލާފު އަމަލުތަކެއް ކަމަށެވެ.

"ގާނޫނުން ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ މިނިވަންކަމާއި ނަޒާހަތްތެރިކަމުގެ ހަމަތައް ހިިފަހައްޓަން ޖެހޭކަމަށް ބަޔާންކޮށްފައިވީނަމަވެސް، ހަބީބުގެ ފަރާތުން ފެންނަމުންދާ އަމަލުތަކަކީ، ނަޒާހަތްތެެރިކަމާ ހިލާފު އަމަލުތަކަކެއް،"ހަ ސޮފްހާގެ ސީޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ހަބީބަށް މައިގަނޑު ހަތަރު ކަމެއް ތުހުމަތުކޮށް، އެ މައްސަލަތައް ކޮމިޝަންގެ މައްސަލަތައް ބަލުމުގެ އިހްތިސާސް ލިބިގެންވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ސަމާލުކަމަށް ގެނެސްފައިވެއެވެ.

މުވައްޒަފުންނަށް އެކި ގޮތްގޮތުން ފުރައްސާރަ ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް!

ހަބީބަށް ތުހުމަތުކޮށް ފުރައްސާރައިގެ ތިން މައްސަލައެއް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން ކޮމިޝަންގެ މެމްބަރުން ވަގުތީ މުވައްޒަފުންނާ ބައްދަލުކުރި ދުވަހެއްގައި އެ ބައްދަލުވުމުގައި ބައިވެރިވި އަންހެން މުވައްޒަފަކަށް ހަބީބު ފުރައްސާރަކޮށްފައިވާ ކަމަށް ސިޓީގައި ބުނެއެވެ. އަދި އެކަން އެ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް އެނގޭނެ ކަމަށް ސިޓީގައި ބުނެ އެވެ.

"އެ މުވައްޒަފު ލިޕްސްޓިކް ޖައްސާފައި ހުރި ގޮތަށާއި ހެދުން އަޅާފައި ހުރި ގޮތާ ގުޅޭގޮތުން ހަބީބު ވަނީ ފުރައްސާރަކޮށް ފާޑުކިޔާފައި،" ސިޓީގައި ބުންޏެވެ.

އޭގެ އިތުރުން، މިދިޔަ ނޮވެމްބަރު މަހުގައި މެމްބަރުންނާއި ސެކްޝަން ހެޑުން ބައިވެރިވި ބައްދަލުވުމެއްގައިވެސް އަންހެން މުވައްޒަފެއް ހެދުން އަޅާގޮތަށްވެސް ހަބީބު ފުރައްސާރަކޮށްފައިވާ ކަމަށް ސިޓީގައި ބުނެ އެވެ.

ދެން އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ، 2018 ވަނަ އަހަރު އަތޮޅުތެރެއަށް ކޮމިޝަނުން ކުރި ރަސްމީ ދަތުރުގުޅެއްގައި އެ ދަތުރުގައި ބައިވެރިވި މުވައްޒަފަކަށް ފުރައްސާރަ ކުރި މައްސަލައެކެވެ.

މުވައްޒަފުންނަށް ބިރުދެއްކި ކަމުގެ ތުހުމަތު!

ހަބީބު ކޮމިޝަންގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި އިންޒާރު ދިން ކަމަށް ބުނާ ނުވަ މައްސަލައެއް ސިޓީގައި ބަޔާންކޮށްފައިވެެވެ. އެގޮތުން ގާޏޫނީ ގޮތުން މުވައްޒަފުންނަށް ސަލާމް ބުނުމުގެ ހައްގު ބޭނުން ކުރާ މުވައްޒަފުންނަކީ ފަރުވާ ކުޑަ ބައެއް ކަމަށް ބުނެ، ވަޒީފާއިން ކަނޑާލުމުގެ ބިރު ހަބީބު ދެއްކި ކަމަށް ސިޓީގައި ބުނެ އެވެ.

އޭގެ އިތުރުންވެސް އެހެން ބައެއް މުވައްޒަފުންނަށްވެސް އެކޮ ގޮތްތުން ވަޒީފާގެ ބިރު ދެއްކިކަމަށް ސިޓީގައި ބުންޏެވެ. އޭގެ ތެރޭގައި ކޮމިޝަންގެ ސެކްޝަނެއްގެ ވެރިޔަކު ހަބީބާ ޗެލެންޖްކޮށްދިނަމަ، ޕްރޮބޭޝަން މުއްދަތު ހަމަވުމަށްފަހު، ދާއިމީ ނުކުރާނެ ކަމުގެ އިންޒާރު ދިން ކަމަށް ސިޓީގައި ބުނެ އެވެ. އަދި ފުރައްސާރައިގެ މައްސަލައެއް ރިޕޯޓުކޮށްފާނެ ކަމުގެ ބިރަށް އެ މުވައްޒަފު ހާޒިރުކޮށް، ކޮމިޝަންގައި އެވާހަކަ ދައްކާކަމަށް ބުނެ ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އެކަންކޮށްފައިވަނީ ކޮމިޝަނަށް ދާދި ފަހުން އައްޔަން ކުރި މެމްބަރު ޑރ. މުހައްމަދު ޒާހިރުގެ ހާޒިރުގައި ކަމަށްވެސް ސިޓީގައި ބަޔާންކޮށްފައިވެއެވެ.

އަދި އެކި މުވައްޒަފުންނަށް ގުޅާއި، މުވައްޒަފުންނާ ދައްކަން ނުޖެހޭ ފަދަ މޭރުމަކުން ހަބީބު ވާހަަކަ ދައްކާކަމަށްވެސް ސިޓީގައި ތުހުމަތުކޮށްފައިވެ އެވެ.

އޭގެ އިތުރުން، މީގެ ކުރިން ކޮމިޝަންގައި މައްސައްކަތް ކުރި މުވައްޒަފަކަށް އެކި ގޮތްތުން އުދަނގޫކޮށް، އެހެން މުވައްފުން ކުރިމަތީ ދޮގު ވާހަކަ ދައްކާ އަގުވައްލުމުގެ ސަބަބުން އޭނާ ވަޒީފާ އަދާ ނުކުރެވޭ ހާލަތަށްގޮސް އަމިއްލަައަށް އެ މުވައްޒަފު ވަޒީފާއިން ވަކިވި ކަމަށް ސިޓީގައި ބުނެއެވެ.

ނުރަސްމީ ވަގުތުތަކުގައި މުވައްޒަފުން އޮފީހުން ބޭރުން ކުރާ ކަންތައްތަކާއި ޒާތީ ދިރިއުޅުމާ ހަބީބު ބެހޭ ކަމަށްވެސް ސިޓީގައި ބުނެ އެވެ. އެގޮތުން އެފަދަ ވާހަކަތައް މުވައްޒަފުންގެ އަގު ވެއްޓޭގޮތަށް އޮފީސް މާހައުލުގައި ހަބީބު ދައްކާކަމަށް ފާހަގަކޮށްފައިވެއެވެ.

ދެން ހުށަހެޅި މައްސަލައަކީ، ކޮމިޝަންގެ ވަކިވަކި ސެކްޝަންތަކުގެ މަސައްކަތްތަކަށް އުދަނގުވާގޮތަށް ހަބީބު ނުފޫޒު ފޯރުވާ މައްސަލައެެވެ. އެގޮތުން ހިއުމަން ރިސޯސް މެނޭޖްމަންޓް ސެކްޝަންގެ ވަޒީފާތަކަށް މީހުން ނެގުމުގެ ކަންކަމަަށް އޭނާ ނުފޫޒު ފޮރުވާ ކަމަށް ތުހުމަތުކޮށްފައިވެއެވެ. އަދި ޕްރޮކިއުމަންޓް ސެކްޝަންގެ ބިޑް މަސައްކަތްތަކަށްވެސް އޭނާ ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށްފައިވެއެވެ.

ސިޔާސީ ފަރާްތްތަކަށް ސިއްރު މައުލޫމާތު ދޭ ކަމުގެ ތުހުމަތު!

ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން ކޮމިޝަންގެ މެމްބަރުންނަކީ އެއްވެސް ސިޔާސީ ނުފޫޒުން އެއްކިބާވެގެން ތިބެން ޖެހޭ ބައެކެވެ. އެހެން ނަމަވެސް ހަބީބު އަމަލުތައް ހުންނަނީ ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާވާ ގޮތަށްކަމަށް ތުހުމަތުކޮށްފައިވެ އެވެ.

އޭގެ އިތުރުން ކޮމިޝަންގެ ރަސްމީ މަސައްކަތުގެ ބޭރުން ދިމާވާ އެކިއެކި ކަންތައްތަކާ ގުޅޭ ގޮތުން ސިޔާސީ ގޮތުން އެކި ފަރާތްތަކުން ދައްކާ ވާހަކަތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތަކަށް ގުޅާ އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހަބީބު ދީފައިވާ ކަމުގެ މައުޅޫމާތު ލިބިފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"އެގޮތުން މިދިޔަ ނޮވެމްބަރު މަހު ކޮމިޝަންގައި އޮތް ބައްދަލުވުމުގެ ތެރޭއިން ޕީއެންސީގެ ރައީށް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ ހަބީބަށް މަގުތަމަތިން މީހަކު ދިމާކުރި މައްސަލައަކާ ގުޅިގެން ޕީޕިއެމް އަދި ޕިއެންސީގެ އިސްފަރާތަކަަށް ހަބީބު ގުޅާ ފިޔަވަޅު އަޅާ ޖޫރިމަނާ ކުރާނެ ކަމަށްބުނެ، އިންޒާރުދިން މައްސަލައެއް ކޮމީޝަނުގެ މެމްބަރުންގެ ސަމާލުކަމަށް ގެންފައެވެ،" ސިޓީގައި ބުނެފައިވެއެވެ.

ހަބީބު ސިޔާސީ ފަރާތްތަކަށް ކޮމިޝަންގެ އެތެރޭގެ މައުލޫމާތު ސިޔާސީ ވަކި މަންފާއެއް ހާސިލްކުރުމަށްޓަކައި ފޯރުކޮށްދީފައިވާކަމުގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށް ސިޓީގައި ބުނެ އެވެ. އެގޮތުން ޕީއެންސީއަށް ފިޔަވަޅު އެޅުމަށް ނަގާ ވޯޓުތަކުގެ ތަފްސީލު ލިބޭ ކަމަށް އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ.

"އެ މައުލޫމާތު ހިއްސާކުރަނީ، ހަބީބު ކަމަށް އެ ބައްދަލުވުމުގެ ރިކޯޑިންގެ ތެރޭގައި އަބްދުއްރަހީމް ބެނެފައިވޭ،" މިދިޔަ ނޮވެމަަބަރުގައި ކޮމިޝަނުން ޕީޕީއެމް އަދި ޕީއެންސީގެ އިސްފަރާތްތަކާއެކު ބޭއްވި ބައްދަލުވުމުގައި އަދުރޭއާ ހަވާލާދީ އެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައި ފާހަގަކޮށްފައިވާ މައްސަލަތަކީ، ކޮމިޝަންގެ ގާނޫނުގެ ދަށުން މެމްބަރެއްގެ ސުލޫކީ ހަމަތަކާ ހިލާފަށް ކޮމިޝަންގެ މެމްބަރެއްގެ ހައިސިއްޔަތުން ހިފަހައްޓަން ޖެހޭ ހަމަތަކާއި އުސޫލުތަކާއި ނަޒާހަތްތެރިކަމުގެ ހަމަތަކާ ހިލާފު މައްސަލަތަކެއްކަމަށްވާތީވެ، އެ މައްސަލަތައް ވީހާވެސް އަވަހަށް ބަލައި، ހަބީބާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސިޓީގައި އެދިފައިެވއެވެ.

އެ ސިޓީގައި ކޮށްފައިވާ ހުރިހާ ތުހުމަތުތަކާ ގުޅޭގޮތުން "ސަން"އިން ސުވާލުކުރުމުން ހަބީބު ވަނީ އެކަންކަމަށް އިންކާރުކުރައްވާފައެވެ. އަދި އެއްވެސް މުވައްޒަފަކާ ފުރައްސާރަކޮށްފައި ނުވާނެކަމަށާއި، ކޮމިޝަނުގެ އެތެރޭގެ އެއްވެސް މައުލޫމާތެއް ބޭރުގެ ފަރާތަކަށް ދީފައި ނުވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބަށް ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް މަޖިލީހަށް ހުށަހެޅި އިރު، އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ ހުށަހަޅާފައެވެ. އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލައަކީ، ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެކެވެ. އެ ތުހުމަތުތައްވެސް ހަބީބު ވަނީ މީގެ ކުރިން ދޮގުކުރައްވާފައެވެ.

https://sun.mv/149648

comment ކޮމެންޓް