އީސީ ހަބީބަށް ތުހުމަތު ކުރެވޭ މައްސަލައެއް އޭސީސީއަށް ހުށަހަޅައިފި

އީސީ މެމްބަރު ހަބީބު: އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އޭސީސީއަށް ވަނީ ހުށަހެޅިފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފި އެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ މިއަދު އެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު "ސަން"އަށް ވިދާޅުވީ، ހަބީބާ ގުޅޭ ގޮތުން ހުށަހެޅިފައިވަނީ ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ މައްސަލައެއް ކަމަށެވެ.

"ހަބީބު، އީސީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ މައްސަލައެއް ވަނީ ހުށަހެޅިފައި،" އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި ހުށަހެޅިފައި ވަނީ، ހަބީބުއާ ގުޅުން އޮންނަ ހައްޖު ގުރޫޕެއްގެ ފޮތްތަކެއް ކޮމިޝަންގެ ޕްރިންޓަރާއި މުވައްޒަފުން ބޭނުންކޮށްގެން ޕްރިންޓް ކުރި މައްސަލައެކެވެ.

އެކަމާ ގުޅޭ ގޮތުން ހަބީބުއާ ސުވާލު ކުރުމުން އޭނާ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ. ހަބީބު ވިދާޅުވީ، އެފަދަ މައްސަލައެއް އޭސީސީއަށް ހުށަހެޅިކަންވެސް "އަޅުގަނޑު ނުދެނެހުރިން" ކަމަށެވެ.

"ނޫން ނޫން. ތިއީ މުޅިން ދޮގު ވާހަކައެއް،" އެފަދަ ކަމެއް ހަބީބު ކުރެއްވިންތޯ "ސަން"އިން ސުވާލު ކުރުމުން އޭނާ ވިދާޅުވި އެވެ.

ހަބީބު އިސީގެ ނައިބު ރައީސްކަމަށް އައްޔަންކޮށްފައިވަނީ މިދިޔަ މަހު 25ގަ އެވެ. ހަބީބަށް ނައިބު ރައީސްކަން ލިބިފައިވަނީ، ކުރިން އެ މަގާމު ފުރުއްވި އަހުމަދު އަކުރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް