ކޯސްޓްގާޑުގެ 16 ޑައިވަރުން ޖަޕާން، ޔޫއެސް އެމްބަސީގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފި

އެމްއެންޑީއެފް ކޯސްޓް ގާޑް ޑައިވް އެންޑް ސަލްވޭޖް ޔުނިޓުގެ 16 ޑައިވަރުން ޕެރެމެޑިކް ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށްފި އެވެ.

އެ ތަމްރީން ޕްރޮގްރާމަކީ ލަންކާގައި ހުންނަ ޔޫއޭސް އެމްބަސީއާއި ރާއްޖޭގައި ހުންނަ ޖަޕާނުގެ އެމްބަސީ ގުޅިގެން ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ.

މި މަހު ނުވައެއް އަދި ދިހަވަނަ ދުވަހު ކުރިއަށްގެން ދިޔަ ދެ ދުވަހުގެ އެ ޕްރޮގްރާމުގެ ބައިވެރިންނަށް ތަމްރީން ދިނުމުގައި އިސްކޮށް ހަރަކާތްތެރިވީ ލަންކާގައި ހުންނަ ޔޫއެސް އެމްބަސީގެ ސިވިލް މިލިޓަރީ ސަޕޯޓް ޓީމުންނެވެ.

މިދިޔަ ނޮވެމްބަރު މަހު ޖަޕާނުން ވަނީ ކޯސްޓްގާޑުގެ ހިދުމަތް ވަރުގަދަ ކުރުމަށް އެމްއާރްސީސީއަށް ބޭނުންވާ މުއާސަލާތީ ވަސީލަތްތަކާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކަށް ބޭނުންވާ ޑައިވިން ގިއަރު ގަތުމަށް 7.6 މިލިއަން ޑޮލަރުގެ އެހީއެއް ދީފަ އެވެ.

މި މަހުގެ ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމަކީ އެ އެހީއާ ގުޅުވައިގެން ބޭއްވި ތަމްރީން ޕްރޮގްރާމެކެވެ.

މިދިޔަ ފެބްރުއަރީ މަހު ވެސް ޖަޕާނުން ވަނީ ދިވެހި ކޯސްޓްގާޑުގެ ހިދުމަތް އިތުރަށް ވަރުގަދަކުރަން 3.7 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ފޯރުކޮށްދީފަ އެވެ.

comment ކޮމެންޓް