އިތުބާރުގެ މައްސަލައިގައި ޖަވާބުދާރީވާން ޒަހާއަށް ނޯޓިސް ފޮނުވައިފި

ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި --- ފޮޓޯ/ މަޖިލިސް

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ބުނެ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބު ދާރީވުމަށް އޭނާއަށް ނޯޓިސް ފޮނުވައިފި އެވެ.

ޒަހާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ 10 މެމްބަރުންގެ ސޮޔާއެކު އެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު ވިދާޅުވީ މައްސަލައިގެ ނޯޓިސް މިއަދު ޒަހާއަށް ފޮނުވާފައިވާ ކަމަށެވެ.

މަޖިލިސް ގަވައިދުގެ 207 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން ވަޒީރުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައިފި ނަމަ އެ މައްސަލައެއްގެ ބަހުސް ފެށުމުގެ 14 ދުވަސް ކުރިން އެކަން އެ ވަޒީރަކަށް އަންގަން ވާނެ އެވެ. އަދި އެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ޖަވާބު ދާރިވުމުގެ ފުރުސަތު އެ ވަޒީރަކަށް ދޭން ވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ވޯޓުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށް މަޖިލިސް ގަވައިދުގައި ވަނީ ބުނެފަ އެވެ.

މަޖިލީހަށް ހުށަހެޅި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހުނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެތައް ވައުދެއް ފުއްދުމުގައި މިނިސްޓަރަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ އެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ މަހަށް ހަމަ އަގު ހޯދައިދިނުމާއި މަސްވެރިންނަށް އައިސްލިބޭނެ ގޮތާއި މަސްވެރިންގެ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ.

އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވީ ރައްޔިތުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި ގުރައިދޫ ދާއިރާގެ އިބްރާހިމް ރިޒާ އާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފާއި މަހިބަދޫ ދާއިރާގެ އަހުމަދު ތޯރިގާއި ފެލިދޫ ދާއިރާ އިބްރާހިމް ފަޒުލް ރަޝީދާއި ނޮޅިވަރަމް ދާއިރާގެ މުހައްމަދު ނަޝީދު އަބްދުﷲ އަދި ކާށިދޫ ދާއިރާގެ އަބްދުﷲ ޖާބިރެވެ.

މަސްވެރިންގެ އާ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގިނަ ގަވައިދުތަކެއް ނުހެދި ލަސްވުމުގެ ސަބަބުން ޒަހާ ވަނީ މީގެ ކުރިން މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

comment ކޮމެންޓް