ލީބިޔާގެ އައު އިންތިގާލީ ސަރުކާރަށް ޕާލަމެންޓުން ރުހުން ދީފި

ލީބިޔާގެ އައު އިންތިގާލީ ބޮޑުވަޒީރު އަބްދުލްހަމީދު ދުބައިބާ

ޓްރިޕޮލީ (މާޗް 11) : ލީބިޔާގައި އދ.ގެ ރިއާޔަތުގެ ދަށުން އިންތިޚާބުކުރި އިންތިގާލީ ސަރުކާރަށް އެގައުމުގެ ޕާލަމެންޓުން ރުހުންދީފި އެވެ.

ޖުމްލަ 27 ވަޒީރުން ހިމެނޭ އިންތިގާލީ ސަރުކާރުގެ ބޮޑުވަޒީރަކީ ލީބިޔާގެ އެންމެ ބޮޑު އެއްބިލިޔަނަރު ކަމަށްވާ ޢަބްދުލް ޙަމީދު ދުބައިބާއެވެ. ދުބައިބާ އާއި އޭނާގެ ސަރުކާރުގެ ވަޒީރުން މަގާމާ ހަވާލުވެ ވަޑައިގަތުމާ އަދި އެބޭފުޅުން މަގާމުގެ ގާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހު ލީބިޔާގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ބެންޣާޒީގަ އެވެ.

ކުރިން ލީބިޔާގެ ބައިބައިވެފައިވާ ޕާލަމެންޓް އަލުން އެއްގަލަކަށް އަރައި އިންތިގާލީ އައު ސަރުކާރަށް ރުހުންދިނުމަކީ ލިބިޔާގެ މައްސަލަ ހައްލުވަމުންދާކަމުގެ ވަރުގަދަ ނީޝާނެއްކަމަށް އެގައުމުގެ ރައްޔިތުން ދެކޭކަމަށާ ރައްޔިތުން ތިބީ އުފާވެރި އުންމީދެއްގައި ކަމަށް ލީބިޔާގެ އޮންލައިން ނޫސްތައް ބުނެއެވެ. ލީބިޔާގައި ހުންނަ އދ.ގެ އޮފީހުން ނެރުނު ބަޔާނެއްގައި މިކަމަށްވަނީ މަރުޙަބާ ކިޔާފައެވެ. އެ ބަޔާނުގައި އިންތިގާލީ އައު ސަރުކާރަށް ޕާލަމެންޓުން ރުހުން ދިނުން ސިފަކޮށްފައިވަނީ ލީބިޔާގެ ގެއްލިފައިވާ އެއްބައިވަންތަކަމާއި، ހަމަޖެހުމާއި ސުލްހަ އަލުން އިއާދަކޮށް މިނިވަންކަމާއި ސިޔާދަތު އަލުން ނެގެހެއްޓުމަށް ލީބިޔާ ފަށާފައިވާ ދަތުރުކުރު ކާމިޔާބުވުމުގެ މަގުކަމުގައެވެ.

ލީބިޔާގެ ޕާލަމެންޓް

ދުބައިބާގެ ސަރުކާރުގެ ކުރިމަތީގައި އޮޓި މުޅިންވެސް ތަހައްދީއާއި ބުރަ މަސައްކަތްތަކެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ދިގުލައިގެން ގޮސްފައިވާ ލިބިޔާގެ ހަމަނުޖެހުންތަކާއި ދާޚިލީ ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމެވެ. އަނެއްކަމަކީ ތެލާއި ގޭހުގެ ގޮތުން އިންތިހާއަށް މުއްސަނދި ލީބިޔާގެ އިނދަޖެހިފައިވާ އިގްތިސާދު އަލުން ނަގައި ކޮޅަށްޖެހުމެވެ. ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ސަރަހައްދުތައް އަލުން ބިނާކޮށް އާރާސްތު ކުރުމެވެ.

އެންމެބޮޑު އަނެއް މައްސަލައަކީ ލީބިޔާގައި ހިނގައިދިޔަ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައިވާ ބޭރުގައުމުތަކުގެ ކުލީ ސިފައިން އެމީހުންގެ ގައުމުން ފޮނުވާލުމާއި ލިބިޔާގައި އުފެދިފައިވާ ހަނގުރާމަވެރި ޖަމާއަތްތައް ރިހެބިލިޓޭޓްކޮށް އެމީހުން ލީބިޔާގެ ގައުމީ ސިފައިންގެ ލަޝްކަރުތަކަށް ވެއްދުމެވެ.

ސިޔާސީ ކޯޅުންތަކާ ގުޅިގެން ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ލީބިޔާގައި އައު އިންތިގާލީ ސަރުކާރެއް އދ. ގެ ބެލުމުގެ ދަށުން އިންތިޚާބުކުރީ މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. މިސަރުކާރުގައި ހިމެނެނީ އިންތިގާލީ ރިޔާސި މަޖިލީހަކާއި އިންތިގާލީ ބޮޑުވަޒީރެކެވެ. ކެބިނެޓް މެންބަރުން އައްޔަންކޮށްފައިވަނީ ރިޔާސީ މަޖިލީހުގެ މަޝްވަރާއާއެކު ބޮޑުވަޒީރެވެ.

އައު އިންތިގާލީ ސަރުކާރުގެ ރިޔާސީ މަޖިލީހާއި ބޮޑުވަޒީރު އިންތިޚާބު ކޮށްފައިވަނީ ލީބިޔާގެ މައްސަލަ ހައްލުކުރުމަށް އދ. ން ކަނޑައަޅާފައިވާ ލީބިޔާގެ މަންދޫބުގެ ބެލުމުގެ ދަށުން ސުވިޓްޒަލޭންޑްގެ ޖެނީވާގައި ޖަނަވަރީމަހު ކުރިޔަށް ގެންދިޔަ ލީބިޔާގެ މުސްތަގްބަލާބެހޭ ފޯރަމް ކަމަށްވާ "ލީބިޔަން ޕޮލިޓިކަލް ޑައިލޮގް ފޯރަމް (އެލްޕީޑީއެފް)" ގެ ތެރެއިންނެވެ.

އިންތިގާލީ ރިޔާސީ މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ ވިޔަފާރި ވެރިއެއްކަމަށްވާ މުހައްމަދު ޔޫނުސް މަންފީއެވެ. ބޮޑުވަޒީރަކަށް ހޮވިވަޑައިގެންފައި ވަނީ އަބްދުލްހަމީދު މުޙައްމަދު ދްބައިބާއެވެ

ލީބިޔާގެ ކުރީގެ ޒައީމް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނައަހަރު ގައްޒާފީއާ އިދިކޮޅު ފަރާތްތަކުން ނޭޓޯގެ އަސްކަރީ އެހީތެރިކަމާއެކު ވައްޓާލުމަށްފަހު ލީބިޔާގައި އުފެދުނު އާދަޔާ ޚިލާފު ހަމަނުޖެހުންތަކުގައި އެގައުމުގައި ދެ ސަރުކާރު އުފެދި ބޭރުގެ ސިފައިންނާއި ކުލީ ހަނގުރާމަވެރިންތައް އެގައުމަށް ވަދެގަތެވެ. މިކަމުގައި އަރަބި ބައެއް ގައުމުތަކާއި އަރަބި ނޫން ބައެއް ގައުމުތައް ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ.

އޭގެތެރޭގައި މިސްރު، ޔޫއޭއީ، ސައޫދީ، ގަތަރު، ތުރުކީ، އަދި ފަރަންސޭސިވިލާތާއި އިޓަލީ ހިމެނެއެވެ. މީގެތެރެއިންވެސް ލީބިޔާގެ ވާދަވެރި ހަނގުރާމަވެރި ފަރާތްތަކަށް އެއްކޮޅުން އެހީތެރިވީ މިސްރާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. އަނެއްކޮޅަށް އެންމެ ބޮޑަށް އެހީތެރިވީ ތުރުކީއާއި ގަތަރުންނެވެ. ލީބިޔާގެ ދާޚިލީ ހަނގުރާމަ ހުއްޓުމަކަށް އައިސް ސުލްހައަށް މަގުފަހިވީ މިސްރާއި ތުރުކީ ލީބިޔާގެ މައްސަލާގައި ސިއްރިއްޔާތުގައި އެއްގަލަކަށް އަރައި ޔޫއެއީއާއި މިސްރުގެ ގުޅުންތަކަށް ލޮޅުން އެރި ހިސާބުންނެވެ. (ނޫސްއެޖެންސީތައް)

ގުޅޭ ޓެގު
comment ކޮމެންޓް