ގުޅުން ގާއިމް ކުރަން އާދީއްތަ ދުވަހު ރައީސް ގަތަރަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ފްލައިޓަކަށް އަރައިވަޑައިގަންނަވަނީ -- ފޮޓޯ/ ރައީސް އޮފީސް

ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަންނަ އާދީއްތަ ދުވަހު އެ ގައުމަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކު އަޒީޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 14 ވާ އާދީއްތަ ދުވަހު ރަަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ވަޑައިގަންނަވާނެ ކަމަށެވެ. އެއީ އެ ގައުމާއެކު އަލުން ގުޅުން ގާއިމް ކުރަން ކުރައްވާ ދަތުރުފުޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދަތުރުފުޅަށް ފަހު އެމަނިކުފާނު މި މަހުގެ 17 ވަނަ ދުވަހު ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝަށް ވަޑައިގަންނަވާނެ ކަމަށް މަބްރޫކު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖޫން، 2017 ގައި ރާއްޖެއިން ގަތަރާ އެކު އޮތް ހާރިޖީ ގުޅުންތައް ނިމުމަކަށް ގެނައީ ސައުދީ އަރަބިއްޔާ އާއި ގަތަރުގެ ގުޅުން ގޯސްވެ، ސައުދީއިން ގަތަރާ ގުޅުން ކަނޑާލައި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައި އޮއްވަ އެވެ. އޭރު ދިވެހި ސަރުކާރާއި ސައުދީ ސަރުކާރާ ވަރަށް ގުޅުން ރަނގަޅެވެ.

ރާއްޖެއިން ގަތަރާއެކު އަލުން ގުޅުން ގާއިމް ކުރަން ނިންމީ މި އަހަރުގެ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. ރާއްޖެއިން އެ ނިންމުން ނިންމި އިރު، ސައުދީ އަރަބިއްޔާ އާއި މެދު އިރުމަތީގެ އެހެން ގައުމުތަކުން ވެސް ވަނީ ގަތަރާ އެކު ސުލްހަވެ އަޅާފައިވާ އެންމެހާ ދަތިކުރުމުގެ ފިޔަވަޅުތައް ނިމުމަކަށް ގެނެސް އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

ގަތަރާއި އަދި ކޮމަންވެލްތާ އެކު އަލުން ހާރިޖީ ގުޅުން ގާއިމް ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. ކޮމަންވެލްތާ އެކުވެސް ސަރުކާރުން މިހާރު ވަނީ އަލުން ގުޅުން ގާއިމްކޮށްފަ އެވެ.

comment ކޮމެންޓް