ފަތުވާ މަޖިލީހުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރަން ޖެހޭ: މިނިސްޓަރު މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ -- ފޮޓޯ ޑިފެންސް މިނިސްޓްރީ

ފަތުވާ މަޖިލީހުން، ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ގޮތުން ހިލާފު އުފެދޭ މައްސަލަތަކަށް އެކަށޭނަ ހައްލެއް ހޯދައިދީ، ކަން އޮންނަންވީ ސާފު، ރަނގަޅު ގޮތް އޮޅުންފިލުވައިދީ، މުޖްތަމައުގެ ސުލްހަޔާއި އަމާންކަން ކަށަވަރުކުރުމަށް، މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަން ޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ ގުޅިގެން ކުރި ދިރާސާއެއްގެ މައްޗަށް އެކުލަވާލާފައިވާ "ވިމެން އޭސް ޕީސްބިލްޑަސް އެންޑް އޭޖްންޓްސް އޮފް ޗޭންޖް އިން ދަ މޯލްޑިވްސް" ރިޕޯޓު އިފްތިތާހުކުރުމަށް މިއަދު ޑިފެންސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުގެ އަމާޒަކީ ޒަމާނުއްސުރެ އެކުވެރިކަމާއި ބަދަހިކަމާ އެކު ދިރިއުޅެމުން އަންނަ މުޖްތަމައެއް ދީން ހަތިޔާރަކަށް ހަދައިގެން ބައިބައިކޮށްލުން ކަމަށެވެ.

ރާއްޖެއަކީ އަމާން، ސުލްހަވެރި، އަދި މިންތީގެ ހަމަހަމަކަން ފުރިހަމަޔަށް ގާއިމްވެފައި އޮންނަ ގައުމަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން، ކައުންސިލްތަކުގެ 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކުރުމާއި ސުޕްރީމް ކޯޓުގެ ބެންޗަށް ފުރަތަމަ ފަހަރަށް އަންހެން ދެ ފަނޑިޔާރުން އައްޔަންކުރައްވާފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މިނިސްޓަރު އާއިޝަތު ދީދީގެ ވާހަކަފުޅުގައި، ސުލްހަ ގާއިމްކުރުމުގައި އަންހެނުން ބާރުވެރިކުރުވުމުން އަނިޔާވެރިކަން ދުރުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ސުލްހަ ހާސިލްކުރެވޭނެ ކަމަކީ ގަބޫލުކުރަން ޖެހޭ ހަގީގަތެއްކަމަށް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ: --- -- ފޮޓޯ/ އެންއީއޯސީ

ޖަޕާނުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނައި ވިދާޅުވީ ދެ ޖިންސުގެ ހަމަހަމަކަމާއި އަންހެނުން ބާރުވެރިކުރުވުމަކީ އިންސާނީ ސަލާމަތަށް ކޮންމެހެންވެސް މުހިއްމުކަމެއް ކަމަށާއި ތަފާތު ގޮތްގޮތަށް ތަފާތު ދާއިރާތަކުން އެކި ފެންވަރުގައި އަންހެނުން ޝާމިލުކުރަން ޖެހޭނެ ކަމަށެވެ.

އަދި އެންމެ ފުރިހަމަ ގޮތުގައި އަންހެނުންގެ ބޭނުންހިފުމަށް، އަންހެނުންގެ ހައްގުތަކަށް ހާއްސަ ސަމާލުކަމެއްދީގެން، ބާރުވެރިކުރުވާ، އިޖްތިމާއީ އަދި ގައުމީ ފެންވަރުގައި ވެސް ސިޔާސަތުތައް ކަނޑައަޅައި ގޮތްނިންމުމުގައި އަންހެނުން ބައިވެރިވެ އިސްނެގުމަކީ ވަރަށް މުހިއްމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް