މާޗު 15ގައި ދެވަނަ ޑޯޒު ފަށައި، މާލޭގައި ފުރަތަމަ ޑޯޒު ދިނުން ހުއްޓާލާނަން: މިނިސްޓަރު ނަސީމް

މިނިސްޓަރު ނަސީމް ވެކްސިން ޖައްސަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި މަހުގެ 15 ވަނަ ދުވަހު ދެވަނަ ޑޯޒު ދޭން ފަށަައި، ފުރަތަމަ ޑޯޒު ޖެހުން ހުއްޓާލަން ރާވާފައިވާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

އުނގޫފާރު ރީޖިނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އެޅުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މާލޭގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ވެކްސިން ޖަހަމުން ގެންދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ.

މާލޭގައި ކޮވިޑް ވެކްސިން ދޭން ފެށީ ހުސްވި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގަ އެވެ.

ފެބްރުއަރީ 9، 2021: މާލެ ސަރަހައްދުގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖަހަންދާ ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ވެކްސިނޭޝަން ސެންޓަރު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓަރު ނަސީމް ވިދާޅުވީ ދެވަނަ ޑޯޒު ޖަހަން ފަށަން ޖެހޭ ކަމަށާއި ސަބަބަކީ ދެވަނަ ޑޯޒު ޖެހުމުން ނޫނީ މި ބަލިން މުޅިން ސަލާމަތް ނުވާނެތީ ކަމަށެވެ.

"އެހެންވީމަ މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް އަޅުގަނޑުމެން ހިޔާލުކޮށްގެން މިތިބީ މާލޭގައި ފުރަތަމަ ޑޯޒް ޖެހުން 15 ދުވަހުން ފެށިގެން ނިމުމަކަށް ގެންނަން. ދެން އަޅުގަނޑުމެން މާލޭގައި ފައްޓާނީ ދެވަނަ ޑޯޒް ޖަހަން." މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިހާރު ދުވާލަކު 6000-8000އާ ދެމެދުގެ އަދަދެއްގެ މީހުންނަށް ވެކްސިން ޖަހަމުން ގެންދިޔަ ނަމަވެސް، މިނިސްޓަރު ނަސީމް ވިދާޅުވީ ދުވާލަކު 10،000 މީހުންނަށް ވެކްސިން ދިނުމުގެ ގާބިލުކަން އެބަހުރި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލޭގެ އެންމެހައި ރައްޔިތުންނަށް މި ފުރުސަތުގެ ތެރޭގައި ފުރަތަމަ ޑޯޒް ޖަހައި ނިންމާލެވޭނެ. ގާތްގަނޑަކަށް 75 ޕަސެންޓް، 80 ޕަސެންޓް ވެކްސިން ޖެހޭނެ. 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމުގެ ފުރުސަތު އެބައޮތް. އެހެންވީމަ އެ ފުރުސަތުގެ ބޭނުން ކުރައްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން،" މިނިސްޓަރު ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ފުރަތަމަ ޑޯޒު ޖަހަން ފެށި ގޮތަށް ދެވަނަ ޑޯޒު ޖަހަން ފަށާނީ ވެސް މާލެއިން ކަމަށެވެ.

މީގެ ކުރިން ރާއްޖޭގައި ދެވަނަ ޑޯޒު ޖަހަން ނިންމާފައި އޮތީ ފުރަތަމަ ޑޯޒު ޖަހާތާ އަށް ހަފުތާ ފަހުންނެވެ. އެހެން ނަމަވެސް މިނިސްޓަރު ނަސީމް ވިދާޅުވި ތާރީހު ކަމަށްވާ މާޗު 15އަކީ ވެކްސިން ޖަހަން ފެށި ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ހަ ހަފުތާ ހަމަވާ ތާރީހެވެ.

comment ކޮމެންޓް