ހަނގުރާމައަށް ދިޔަ ކަމަށް ބުނާ މީހެއްގެ ދައުވާ ބޭރުކޮށްލި ނިންމުމަށް ހައިކޯޓުން ތާއީދު

މުހައްމަދު އަބްދުއްރަހްމާން މީގެ ކުރިން ބޭއްވި އަޑުއެހުމަކަށް ފަހު ކްރިމިނަލް ކޯޓުން ނުކުންނަނީ. އޭނާގެ މައްޗަށް ކުރި ދައުވާ ކޯޓުން ވަނީ ބާތިލްކޮށްފައި--- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ޕާކިސްތާނުގައި ހިނގި ހަނގުރާމައެއްގައި ބައިވެރިވުމަށް އެ ގައުމަށް ދިޔަ ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުމެއް ހައިކޯޓުން ދަމަހައްޓައިފި އެވެ.

ރ. ކަނދޮޅުދޫ، ފީރޯޒުގެ، މުހައްމަދު އަބްދުއްރަހްމާންގެ މައްޗަށް، ރާއްޖޭން ބޭރުގައި ކުރާ ހަނގުރާމައެއްގައި ބައިވެރިވި ކަމުގެ ދައުވާ އުފުލީ، އޭނާ 2007 ވަނަ އަހަރު ޕާކިސްތާނަށް ކިޔަވަން ގޮސް 2009 ވަނަ އަހަރު އެ ގައުމުގެ "ވާނާ"އަށް ދިރިއުޅުން ބަދަލުކޮށް، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހަނގުރާމަވެރިންގެ ބަޔަކާ ގުޅިގެން ހަނގުރާމަ ކުރި ކަމަށް ބުނެ އެވެ.

އޭނާ ޕާކިސްތާނަށް ދިޔަ ކަމަށް ބުނާ ދުވަސްވަރަކީ، ހަނގުރާމައަށް ދިޔުމަކީ ކުށެއްކަން އެއްވެސް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް ދުވަސްވަރެކެވެ. އަދި ދައުވާކޮށްފައި ވަނީ އޭގެ މާ ފަހުން، 15 އޮކްޓޯބަރު 2015ގައި އުފެއްދި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ކްރިމިނަލް ކޯޓުން މައްސަލަ ބޭރުކޮށްލީ، އެ ގާނޫނު ތަސްދީގު ކުރި ފަހުން އަބްދުއްރަހުމާން ޕާކިސްތާނުގައި ހުރެގެން އެ ހަނގުރާމައިގައި ބައިވެރިވިކަމުގެ ހެއްކެއް ދައުލަތަށް ނުދެއްކުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމް ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިދިޔަ އާދީއްތަ ދުވަހު އިއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ. އެ ކޯޓުންވެސް ފާހަގަކޮށްފައި ވަނީ، ދައުވާ ކުރީ ފަހުގެ ގާނޫނަކުން ކަމަށްވާއިރު، އެ ގާނޫނު ތަސްދީގު ކުރި ފަހުން އަބްދުއްރަހުމާން ހަނގުރާމައިގައި ބައިވެރިކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 59 ވަނަ މާއްދާގެ (ހ)ގައި ވަނީ ވަކި ކަމަކީ ކުށެއް ކަމަށްބަޔާންކޮށްފައި ނެތީސް ކުރި އަމަލަކާ ގުޅިގެން އަދަބު ދީގެން ނުވާނެ ކަން ބަޔާންކޮށްފައި އޮންނަކަން ހުކުމުގައި ފާހަގަ ކުރި އެވެ. އަދި މީހަކަށް ގާނޫނަކުން އަދަބެއް ދޭން ވާނީ އެ މީހަކު ކުރި އަމަލަކީ މަނާކަމެއްކަން އާންމުކޮށް ޝާއިއުކޮށްފައިވާ ނަމަ ކަމަށާއި އަދަބުވެސް ސާފުކޮށް ބަޔާންކޮށްފައި އޮންނަ ނަމަ ކަމަށް ގާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ)ގައި އޮންނަކަން ފާހަގަ ކުރި އެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި، ފަނޑިޔާރު އަލީ ސަމީރެވެ.

ކްރިމިނަލް ކޯޓުގައި ދައުލަތުން ބުނެފައި ވަނީ، އަބްދުއްރަހްމާނާއި އަލްގައިދާގެ ލީޑަރުންނާ ގުޅުން އޮންނަ ކަމަށެވެ. އޭނާ އަލްގައިދާގެ ލީޑަރެއްގެ ދަރިއަކާ ކައިވެނި ކުރިކަމަށް އޭނާގެ ބަޔާނުން އެނގެން އޮންނަ ކަމަށް ދައުލަތުން ބުނެފައިވެ އެވެ. އޭގެ އިތުރުން، އޭނާގެ ހަށިގަނޑުންވެސް ހަނގުރާމައިގެ ނިޝާންތައް ފެންނަން އެބަހުރި ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައިވާ ގޮތުން ރާއްޖެއިން ބޭރުގެ ހަނގުރާމައެއްގައި ބައިވެރިވުމުގެ ކުށުގެ އަދަބަކީ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަށް ޖަލަށް ލުމެވެ.

comment ކޮމެންޓް