އިންތިހާބުތަކަށް ބޭރުގެ ބާރުތަކުން ވަދެ މިނިވަންކަން ގެއްލޭ ހިސާބަށް ނުފޫޒު ފަތުރައިފި: އުމަރު

ޑީއެންއޭ ހަރަކާތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަ ދައްކަވަނީ ---

ޕާޓީތަކުގެ ވާދަވެރި އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން ވަދެ ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް ނުފޫޒު ފަތުރާފައިވާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތު ކުރައްވައިފި އެވެ.

ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) ނުވަތަ ދިވެހި ގައުމީ ހަރަކާތުގެ ނަމުގައި ރާއްޖޭގެ ސިޔާސީ ދާއިރާގައި އިސްކޮށް އުޅުއްވި ބޭފުޅުންތަކެއް ގުޅިގެން ފަށާ އިސްލާހީ ހަރަކާތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި އުމަރު ވަނީ މަލްޓީ ޕާޓީ ނިޒާމު އުފެދުނު ފަހުން ރާއްޖޭގައި އުފެދިގެން އައި މައްސަލަތަކަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ފަސް ބޭފުޅުން ވެރިކަން ކުރެއްވި ކަމަށާއި ނަމަވެސް ހުރިހާ ވެރިކަމެއްގައިވެސް އެއް މައްސަލަތަކެއް ހައްލު ނުކުރެވި ހުރި ކަމަށް އުމަރު ވިދާޅުވި އެވެ.

"މަސައްކަތް ކުރާ އުމުރުގެ ދިވެހިން މަގުތަކުގައި ބިއްޖެހި، ސަލާން ޖަހައި ކުނިގޮނޑު ހޮވަން އުޅޭއިރު، ބިދޭސީން ދަނީ ދިވެހިން އަދާ ކުރަންވީ ވަޒީފާތައް ފުރަމުން. ދިވެހިން ކުރަންވީ ވިޔަފާރިތައް ބިދޭސީން ނަގައިގެން ގޯޅިގޯޅި ކަންމަތީގައި ފިހާރަ ހަދައިގެން މުދާ ވިއްކަމުން އެބަދޭ. ބިދޭސީ ސިފައިން ރާއްޖޭގެ ހަތަރު ސަރަހައްދަކަށް އެމީހުންގެ އުޅަނދުތަކާއެކު ފައިބައިފި. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުން ކުދިކުދި ކޮޓަރިތަކުގައި ފިތިބާރުވެގެން ތިބެ ކައްކާ، ކައިބޮއި، ކިޔަވާ ނިދާ ހަދައިގެން އުޅޭތާ އެތަށް އަހަރެއްވެއްޖެ. މަސްތުވާ އެއްޗެއްސާ ގޭންގް ތަށް މަގުތަކުގައި އާންމުވެއްޖެ،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މައްސަލަތައް ހައްލު ނުކޮށް، އިތުރު 20 އަހަރު ކަޑަތުކޮށްފިނަމަ، ރާއްޖޭގެ މިނިވަންކަމާ އަމިއްލަވަންތަކަން ގެއްލި، ދިވެހިން ރާއްޖޭގައި ބާކީވާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ 16 އަހަރު ކުރިން މަލްޓި ޕާޓީ ނިޒާމު އުފެދިގެން އައުމުން ދެން އުފެދިގެން އަންނާނީ ހަރުދަނާ، ސާފުސީދާ ވެރިކަން ތަކެއް ކަމަށާއި ސިޔާސީ ޕާޓީތަކުން ދިވެހިންނަށް ހުރިދަތިތައް ފިލުވާ ދޭނެ ކަމުގެ އިތުރުން ކޮރަޕްޝަން މަދުވާނެ ކަމަށް ހީކުރެވުނު ކަމަށެވެ.

"ނަމަވެސް ތިޖޫރިގެ ދޮރުފަތް ގެއްލި، ވެރިންގެ އަބުރު ގެއްލި ދައުލަތުގެ ކަރާމާތް ގެއްލުން ނޫން ކަމެއް ނުފެނުނު. އަޅުގަނޑުމެން ހީކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން ދޮގުތައް ބޭޒާރުވެ، ތެދަށް ނަސްރު ލިބިގެންދާނެ ކަމަށް. ނަމަވެސް ދޮގު ހެދުމުގެ ހުނަރު ކުރިއަރާ ދޮގުހެދުމާ، ދީނަށް ފުރައްސާރަ ކުރުމާ، ޓީވީތަކާ މަޖިލީހުގައި ކުރާ ހަޑިހުތުރު ޒުވާބުތައް ގޭގޭގެ ސިޓިންގް ރޫމްތަކާ ހަމައަށް ދިޔަ،" އުމަރު ވިދާޅުވި އެވެ.

ގާނޫނީ ހުކޫމަތު އެންމެންގެ މައްޗަށް ހަމަހަމަކަމާއި އިންސާފާއެކު ހިނގާނެ ކަމަށް ހީކުރެވުނު ކަމަށާއި ނަމަވެސް ފެނިގެން ދިޔައީ މުވައްޒަފުން ރޭޕް ކުރަން މަސައްކަތް ކުރި ވަޒީރުން ރާއްޖެއިން ފުރުވާލައި، ސަފާރީތަކުގައި ރޭޕް ގެ ހުތުރު އަމަލު ހިންގި މީހުން ރައްކާތެރިކޮށްދިން މަންޒަރު ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން އިންތިހާބުތަކުގެ ތެރެއަށް ވަދެ، މިނިވަންކަން ގެއްލޭ ހިސާބަށް ނުފޫޒު ފޯރުވާފައިވާ ކަމަށެވެ.

"ޕާޓީތަކުގެ ވާދަވެރި އިންތިހާބުތަކުގެ ތެރެއަށް ބޭރުގެ ބޮޑެތި ބާރުތަކުން ފައިސާ ހިފައިގެން ވަދެ، ގައުމުގެ މިނިވަންކަން ގެއްލޭ ހިސާބަށް އެމީހުންގެ ނުފޫޒު ފަތުރައިފި. އެމީހުންގެ ސިފައިން އިތުރުކޮށްފި. އެމީހުންގެ އުޅަނދުތައް އިތުރުކޮށްފި. އެމީހުން ގާއިމްވެ ތިބޭ ސަރަހައްދުތައް އިތުރުކޮށްފި. ރާއްޖޭގެ އިސްލާމީ ޝަޚުސިއްޔަތު ހަރާބުކޮށް، ދިވެހިންނަކީ ޓެރަރިސްޓުން ކަމަށް ބޭރު ގައުމަތަކަށް ދައްކައިފި." އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ ރާއްޖެ މިހާރު ދަތުރުކުރަމުންދާ މިސްރާބު ބަދަލު ކުރުމަށް މުޅި ގައުމުވެސް އެދިގޮވަމުންދާ ކަމަށެވެ. އަދި ޓެސްޓް ކުރެވިފައިވާ ސިޔާސީ ލީޑަރުންނާ މެދު އަލުން ކުރާނެ އުއްމީދެއް ނެތް ކަމަށާއި އެ ބޭފުޅުން ދެން އިތުރަށް ގެނެދެއްވާނެ އާ ވައުދެއް ވެސް ނެތް ކަމަށް ވިދާޅުވި އެވެ.

އަލަށް ފެށި ޑީއެންއޭ ހަރަކާތަކީ ދިވެހިން އިންތިޒާރު ކުރަމުންދާ ތައުލީމާއި ތަޖުރިބާ ހުރި، ތެދުވެރި، އިހުލާސްތެރި، ހަރުދަނާ ޓީމު ކަމަށާއި އެއީ ދިވެހި ދައުލަތް އަލުން ތަރުތީބު ކޮށްދޭނެ އާ، ގައުމީ ހަރަކާތެއް ކަމަށް އުމަރު ވިދާޅުވި އެވެ.

"މިއީ ދިވެހި ވަތަން އަނބުރާ ދިވެހިންނަށް ހޯދައި ދިނުމަށް ފަށާ ހަރަކާތެއް. މިއީ ކޮރަޕްޓް ޕޮލިޓީޝަނުންގެ އަތުން މި ވަތަން އަނބުރާ އަތުލައި، މި ގައުމުގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް، މި ރާއްޖެ އަމިއްލަ ފައިމައްޗަށް ނެގުމަށް ފަށާ ގައުމީ މަސައްކަތެއް. މި ގައުމު އަމިއްލަ ފައިމައްޗަށް އަލުން ނެގެން އޮތީ ސިޔާސީ ރޭހަކުން ކުރިހޯދައިގެން،" އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ރާއްޖެ މުޅިން ބަދަލުކޮށްލަން ފެށި ހަރަކާތެއް ކަމަށާއި އަންނަ ރިޔާސީ އިންތިހާބު ވާނީ އެކަން ކުރަން ލިބޭ އެއް ފުރުސަތަށް ކަމަށެވެ. އަދި އެ ފުރުސަތުގެ ބޭނުން ހިފާނީ ކިހިނެއްތޯ ނިންމާނީ އިންތިހާބު ކައިރިވުމުން ކަމަށްވެސް ވިދާޅުވި އެވެ.

ޑީއެންއޭ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުން--

އަލަށް އިފްތިތާހު ކުރި އިސްލާހީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން، އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ އަދި އެމްއެންޑީއެފް ކުރީގެ ކެޕްޓަން އަލީ އިހުސާން، ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް އަހްމަދު މުއިއްޒު، ރައީސް އޮފީހުގެ ކުރީގެ ޕްރެސް ސެކްރެޓަރީ މަސްއޫދު އިމާދުގެ އިތުރުން ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ސަލީމް (މާޒް ސަލީމް) އާއި އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އަހްމަދު ފަޔާޒު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.

comment ކޮމެންޓް