މޭޔަރުންގެ ބަހުސް އަށް ދިން ދައުވަތު މުއިއްޒު ގަބޫލު ކުރައްވައިފި

މާލޭ ސިޓީ ކައުންސިލަށް ވާދަ ކުރައްވާ ޑރ. މުހައްމަދު މުއިއްޒުގެ ކެމްޕޭން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރިއަށް އޮތް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރާ ކެންޑިޑޭޓުންގެ ބަހުސެއް ކުރިއަށް ގެންދަން ނިންމައި، ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތެއް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުގެ ކެންޑިޑޭޓު އަދި ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ގަބޫލު ކުރައްވައިފި އެވެ.

މޭޔަރުންގެ ބަހުސް ކުރިއަށް ގެންދިއުމުގެ ހިޔާލު ހުށަހަޅުއްވައި، އެ ދައުވަތު ތިން ކެންޑިޑޭޓުންނަށް ސޯޝަލް މީޑިއާގައި ދެއްވީ ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ކުރީގެ ނައިބު ރައީސް ސުޖާއު ހުސައިނެވެ.

މުއިއްޒު އާ އެކު ދެން މާލެ ސިޓީ ކައުންްސިލަށް ވާދަކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓު އަދި އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓު އަދި ކުރީގެ މަޖިލިސް މެމްބަރު އަލްހާނު ފަހުމީ އެވެ.

"ރައްޔިތުން އެދޭ އަމާޒަށް" މި ޝިއާރުގެ ދަށުން މުއިއްޒު ވަނީ މިހާރު ކެމްޕޭން ފައްޓަވައިފަ އެވެ.

މުއިއްޒު މިއަދު ވިދާޅުވީ މޭޔަރުންގެ ބަހުސްގައި ބައިވެރިވަނީ އެގޮތަށް ލިބޭ ފުރުސަތުގެ ބޭނުން ހިފުމަކީ މާލޭގައި ރައްޔިތުންނަށް ކަންކަމުގައި އޮޅުންފިލުވައިދޭން ބޭނުންވާ ކަންތައްތައް އޮޅުން ފިލުވައިދިނުމަށް ލިބޭ ފުރުސަތެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.

"ރައްޔިތުންގެ ސުވާކުތަކަށް ޖަވާބުދިނުމާއި އަޅުގަނޑުގެ ވިސްނުން ހުރިގޮތް އޮޅުން ފިލުވައިދިނުމަށް ލިބޭ ފުރުސަތެއް އެއީ،" މުއިއްޒު ވިދާޅުވި އެވެ.

އެގޮތަށް ލިބޭ ފުރުސަތުތަކުގައި ކުރިއަށް އޮތްތަނުގައި ވެސް ބައިވެރިވެލައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ގެންދަވަނީ ހަފްތާއަކު ތިން ރޭ ޒޫމް މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ކެމްޕޭން ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން އެންމެ ބޮޑަށް އެދޭ އަމާޒަކީ ގެދޮރުވެރިކަން ކަށަވަރުކުރުން ކަމަށާއި އެއީ ކޮންމެ ރައްޔިތެއްގެވެސް އަސާސީ ހައްގެއް ކަމަށެވެ.

މުއިއްޒު ގެންދަވަނީ އޭނާ ހައުސިންގް މިނިސްޓަރުކަން ކުރެއްވި ކުރީގެ ސަރުކާރުގެ ހައުސިން މަޝްރޫއުތަކާ މެދު މިހާރުގެ ސަރުކާރުން އަމަލު ކުރާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މީގެ އިތުރުން މާލޭގެ މަގުތައް ހެދުމަށް މިހަރަށްފުރެ ރަނގަޅަށް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެކަން ކުރައްވަން ބޭނުންވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

އަދި ރައްޔިތުން އެދޭ ގޮތަށް މާލެއަކީ ރީތި، ހިތްފަސޭހަ ފެހި ތަނަކަށް ހަދައިދިނުމަށް ބޭނުންފުޅުވާ ކަމަށާއި ހަނި ގޯޅިތަކަކީ ވެހިކަލްތަކުގެ ނުރައްކަލެއް ނެތި ކުޑަކުދިންނަށް ނުކުމެ އުޅެވޭ ފަދަ ތަންތަނަށް ހަދަން ބޭނުންފުޅުވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް