އަނަސްގެ މަރު: ރައީސް ވިދާޅުވީ، ފޯނަކުން ހެކި ހޯދަން މަސައްކަތް ކުރާ ކަމަށް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު: އެމަނިކުފާނު ވިދާޅުވީ، އަނަސްގެ މަރާ ގުޅޭ ހެކި ފޯނަކުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް --

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލައާ ގުޅޭ ހެކިތަކެއް ފޯނަކުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަނަސް މަރާލީ ޖުލައި 31، 2017 ވަނަ ދުވަހުގެ ރޭ ހަތަރު ސައިކަލެއްގައި ތޫނު އެއްޗެހި ހިފައިގެން އައި އަށް މީހަކަށް ފިލަން އޭނާ ލިޓަސް ސާވިސް ސެންޓަރަށް ވަނުމުން އެތާ ތެރޭގައި އޭނާއަށް ވަޅިން ހަމަލާދީ އެވެ. އޭނާގެ ހަށިގަނޑަށް 24 ފަހަރު ވަޅި ހަރާފައިވެ އެވެ.

ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ބައްދަލުވުމުގައި ރައީސް ސޯލިހު ވަނީ ރ. މީދޫގެ ކެންޑިޑޭޓުންނާ ވާހަކަ ދައްކަވަމުން އަނަސްގެ މަރުގެ މައްސަލައާ ގުޅޭ ގޮތުން ފަހުގެ މައުލޫމާތު ދެއްވައިފަ އެވެ. އެމަނުފާނު ވިދާޅުވީ، އެމަނިކުފާނު އުފެއްދެވި، މަރުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން އަނަސްގެ މަރާ ގުޅިގެން ހިންގާ ތަހުގީގު މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި މިހާރު ހަމައެކަނި އޮތީ ފޮރެންސިކް ހެކީގެ ގޮތުގައި ބޭނުން ކުރާ ފޯނެއް ސިންގަޕޫރަށް ފޮނުވައިގެން ހެކި ހޯދުން ކަމަށެވެ. އެ ފޯނު ސިންގަޕޫރަށް ފޮނުވައިގެން ހޯދަން ޖެހޭ މައުލޫމާތު ލިބުމުން މަރު ކޮމިޝަނުން އަނަސްގެ މަރާ ގުޅޭ ރިޕޯޓު ނެރޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ފޯނު ފޮނުވާ ސިންގަޕޯއިން ހޯދަން ޖެހޭ މައުލޫމާތު ހޯދުމަށް ފަހު އެންމެ ފަހުގެ ރިޕޯޓު އިރާދަކުރެއްވިއްޔާ އަނަސްގެ މަރާ ގުޅިގެން ކޮމިޝަނުން ނެރޭނެ،" ރައީސް ވިދާޅުވި އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި އަށް މީހަކަށް ދައުވާކޮށްފައިވެ އެވެ. އެ މީހުންނަކީ ލ. ގަން، ނަންނާރިގެ. ޖުނައިހު އަބްދުﷲއާއި، ސ. ފޭދޫ، ވެސްޓަންވިލާ، ހަސަން މަހްފޫޒާއި، ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާއާއި، ޅ. ކުރެންދޫ، އަސަރުމާގެ، އަހުމަދު ޒަޔާނާއި، މ. ދިމިޝްގު، އުސްމާން ޝަރީފާއި، މ. ލޮނުމިދިލިގެ، އަފްރާހު އަބްދުލްރަހްމާން، އަދި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ އިތުރުން ހާދިސާ ހިނގި އިރު ކުޑަކުއްޖެއްގެ މައްޗަށެވެ.

އަނަސް މަރާލަން އޭނާއަށް ސީދާ ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ ކުޑަކުއްޖާގެ އިތުރުން އަހުމަދު ޒަޔާނާއި އަފްރާހު އަބްދުއްރައްޒާގާއި އުސްމާން ޝަރީފަށެވެ. އެ މީހުންގެ މައްޗަށްވެސް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ.

މުހައްމަދު ސާޒު އާއި ޖުނައިހު އަބްދުﷲ އާއި ހަސަން މަހްފޫޒު އަދި ސިމާހު މޫސާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ މީހުންނަކީ ސައިކަލު ދުއްވަން ތިބި މީހުން ކަމަށް ތުހުމަތު ކުރެވެ އެވެ.

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ކުރި ކުޑަކުއްޖާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ޖުވެނައިލް ކޯޓުން ޖެނުއަރީ މަހު ވަނީ ހުކުމްކޮށްފަ އެވެ. ބާކީ ހަތް މީހުންގެ މައްސަލަތައް އަދިވެސް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

އަނަސްގެ މަރުގެ ތަހުގީގަށްފަހު ފުލުހުން ބުނެފައި ވަނީ އޭނާ މަރާލީ ސީދާ އޭނާއަށް ހަމަލާދޭން ރާވައިގެން ނޫން ކަމަށެވެ. އެކަން ހިނގީ، އެހެން މީހަކަށް ރާވައިގެން ހަމަލާ ދޭން އުޅެނިކޮށް އޮޅިގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

comment ކޮމެންޓް