ބެންކޮކްގެ ލަގްޒަރީ ހޮޓަލެއް ކަމަށްވާ ގްރޭންޑް ހަޔަޓް ހޮޓަލުގައި މަރުވެފައި ތިއްބައި އިއްޔެ ފެނުނު ހަ މީހުންގެ ހަށިގަނޑުގައި ވެސް ވިހައެއް ކަމަށްވާ ސައިނަޑްގެ އަސަރު ހުރި ކަމަށް ޑޮކްޓަރުން ބުނެފިއެވެ.
ޑޮކްޓަރުން އެގޮތަށް ބުނެފައި ވަނީ މަރުވި މީހުންގެ ޕޯސްޓްމޯޓަމްގެ ފުރަތަމަ ތަހުލީލަށް ބަލައިފައެވެ. ހަށިތަކުގައި އިތުރު ވިހައެއް ހުރިތޯ ބެލުމަށް އަދިވެސް އަންނަނީ ޓެސްޓުތައް ހަދަމުންނެވެ.
ފޮރެންސިކް އިންވެސްޓިގޭޓަރުންނަށް މީގެ ކުރިން ވަނީ މަރުވި މީހުން ބުއި ސައި ތަށިތަކަކުން ސައިނައިޑްގެ އަސަރު ފެނިފައެވެ.
މަރުވި ހަ މީހުންނަކީ ވެސް ވިއެޓްނާމަށް ނިސްބަތްވާ މީހުންނެވެ. އޭގެތެރޭއިން ދެ މީހުންނަކީ ވިއެޓްނާމްގެ އިތުރުން އެމެރިކާގެ ރައްޔިތުންކަން ވެސް އޮންނަ ދެ މީހުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ޝައްކު ކުރާ ގޮތުގައި އެ މީހުން މަރުވުމުގެ ފަހަތުގައި ވަނީ މަރުވި މީހުންގެ ތެރެއިން އެކަކެވެ. ނަމަވެސް އެއީ ކާކުކަން ފުލުހުން ހާމަކޮށްފައެއްނުވެއެވެ.
މަރުވި މީހުންގެ ތުންފަތާއި ނިޔަފަތިތަކަށް ވަނީ ގަދަ ދަނބު ކުލައެއް އަރައިފައި ކަމަށާއި އެއީ އޮކްސިޖަން ލިބުން މަދުވުމުން ވާ ކަމެއް ކަމަށް ޑިޕާޓްމަންޓް އޮފް ފޮރެންސިކް މެޑިސިންގެ ޕްރޮފެސަރު ކޯންކިއަޓް ވޮންގްޕައިސާންސިން ވިދާޅުވިއެވެ.
އަދި އެ މީހުންގެ އެތެރެހަށީގެ ގުނަވަންތައް ވެސް ވަނީ ރަތް ލޭ ކުލައަކަށް ބަދަލުވެފައި ކަމަށާއި އެއީ ސައިނައިޑް ވިހަވުމުގެ އަލާމާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މީހުން މަރުވިކަން އެނގުނީ ޗެކްއައުޓް ވާންޖެހޭ ގަޑިއަށް ޗެކްއައުޓްނުވެ، 24 ގަޑިއިރަށްވުރެ ގިނައިރުވުމުން މުވައްޒަފަކު އެ ކޮޓަރިއަށް ގޮސް ބެލި ބެލުމުންނެވެ.
ފުލުހުން ބުނާ ގޮތުގައި އެ މީހުން މަރުވެފައި ތިއްބައި ފެނުނުއިރު، މަރުވި ފަހުން 12 އާއި 24 ގަޑިއިރާއި ދެމެދުގެ ވަގުތެއް ވެފައިވާނެއެވެ.
ތައިލެންޑްގެ ބޮޑުވަޒީރު ސްރެތާ ތަވިސިން ވަނީ އެ މައްސަލަ އަވަހަށް ތަހުގީގު ކުރުމަށް އަމުރުކޮށްފައެވެ. އަދި މަރުގެ މައްސަލައަކީ އެ މީހުންގެ ޒާތީ މައްސަލައެއްގެ ތެރެއިން ދިމާވި ކަމެއް ކަމަށާއި އެކަމުގައި އާންމުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފުލުހުން މިހާތަނަށް ބެލި ބެލުމުން އެގިފައިވާ ގޮތުގައި މަރުވި ހަ މީހުންގެ ތެރެއިން ދެ މީހަކު ވަނީ އިންވެސްޓްމަންޓްގެ ބޭނުމުގައި މަރުވި މީހެއްގެ އަތުން ދިހަ މިލިއަން ތައި ބާތު ނުވަތަ 280،000 ޑޮލަރު ނަގައިފައެވެ. ނަމަވެސް އެ ލޯނު އަނބުރާ ދައްކައިފައެއްނުވެއެވެ. އެއާއެކު މަރުގެ މައްސަލައާ އެކަމާ ގުޅުން ހުރި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.
ސައިނައިޑަކީ ކޯޗެއް؟
ސައިނައިޑަކީ ފުރާނައަށް ނުރައްކާވާވަރުގެ ވިހަ ކެމިކަލެކެވެ. ހަށިގަނޑު ތެރެއަށް ވަރަށް އަވަހަށް ފެތުރިގެންދާ އެ ކެމިކަލް ގިނަ އަދަދަކަށް ބޭނުން ކުރުމުން ސިކުންތުކޮޅެއްގެ ތެރޭގައި ފުއްޕާމޭ ހަލާކުވެ ފުރާނައަށް ނުރައްކާވެދާނެ ކަމަށް ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެއެވެ.
އަދި މަދުން ބޭނުންކުރި ކަމުގައިވިޔަސް މޭގައި ރިއްސުމާއި، މޭނުބައިކުރުމާއި، ނޭވާ ކުރުވުމާއި، ހޮޑުލުން ފަދަ ކަންކަން ކުރިމަތިވެއެވެ.