މަހުމޫދުގެ މަރު: ސާލިމް މަރަން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި

މަހުމޫދުގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ސާލިމް ޝަރީއަތުގެ މަޖިލީހުގައި --

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް މަރާލައިފައި އޮއްވާ ފެނުނު އެރަށު ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރު މަރާލިކަމަށް ބަންގަލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އިއުތިރާފުވުމުން، އޭނާ މަރަން ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ހައިކޯޓުން މިއަދު ދަމަހައްޓައިފިއެވެ.

އެ މައްސަލައިގައި ސާލިމްގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާއާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

ސާލިމް ވަނީ ޝަރީއަތުގައި ދެ ދައުވާއަށް ވެސް އިއުތިރާފުވެފައެވެ. މިއަދުގެ ޝަރީއަތުގައި ފަނޑިޔާރު ވިދާޅުވީ، އޭނާ ޝަރީއަތުގައި ހަތަރު ފަހަރެއްގެ މަތިން ދައުވާތަކަށް އިއުތިރާފު ވެފައި ވާކަމަށެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ސާލިމް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމަށެވެ.

މަހްމޫދު މަރާލާފައިވަނީ ވަޅިންނާއި، ކޮޅު ތޫނުކޮށްފައިވާ ދެ ދަގަނޑުބުރިން، މެޔާއި ކަރަށް ހަމަލާދީގެން ކަމަށް ދައުވާގައި ވަނީ ބުނެފައެވެ. އަދި މަހްމޫދުގެ ހަށިގަނޑުގެ ބޮލާއި ފަޔަށް ގޯންޏެއް ލައްވައިގެން ގެންގޮސް ފެންވަޅަކަށް ބޯކޮޅުވަތަށް ވައްޓާލި ކަމަށް ވެސް ބުނެފައި ވެއެވެ. އަދި، އެކަން ކުރީ ފައިސާގެ ދަހިވެތިކަމުގައި ކަމަށް ވެސް ސާލިމް ކުރިން ވަނީ އެއްބަސްވެފައެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް ފުލުހުންނަށް އޭނާ ފެނިފައިވަނީ ވަޅެއްގެ ތެރެއިންނެވެ. މި ހާދިސާ ހިނގީ 2021ވަނަ އަހަރެވެ.

އެ މައްސަލައިގައި ސާލިމް މީގެ ކުރިން ވަނީ އިއުތިރާފުގެ އެއްބަސްވުމެއް ހަދައި އަދަބު ކުޑަކޮށްދޭން އެދިފައެވެ. ނަމަވެސް ހުރިހާ ވާރިސުން ވެސް މަރަށްމަރު ހިފަން ބޭނުންވާތީ ދައުލަތުން ނިންމައިފައިވަނީ އިއުތިރާފްގެ އެއްބަސްވުމެއް ނުހެދުމަށެވެ.

މި މައްސަލައިގައި ދެން އޮންނާނީ އަވަސް ނިޔާގެ ޝަރީއަތެވެ. މި ޝަރީއަތް އޮންނާނީ މާދަމާ 9:30ގައެވެ.

comment ކޮމެންޓް