ދަރިފުޅު މަރާލި ގާތިލަށް މަންމަގެ މާފު، މަރުގެ އަދަބުން ސަލާމަތްވެއްޖެ

ސުޕްރީމް ކޯޓު: ގާތިލަށް މާފުދިނުމުގެ ސަބަބުން ގާތިލު ވަނީ މަރުގެ ހުކުމުން ސަލާމަތްވެފައި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ތޫނު އެއްޗަކުން ހަމަލާދީ، މީގެ 11 އަހަރު ކުރިން މަރާލި ހުސައިން ވަހީދުގެ މަރުގެ މައްސަލައިގައި މަރަށް މަރު ހިފަން ހުކުމްކުރި ކުއްޖާއަށް ހުސައިން ވަހީދުގެ މަންމަ މާފު ދިނުމުން އޭނާ މަރުގެ އަދަބުން ސަލާމަތްވެއްޖެއެވެ.

މ. އައިޝާ، ހުސައިން ވަހީދަށް ހަމަލާދީ މަރައިލީ ޑިސެމްބަރު 24، 2013 ވަނަ ދުވަހުގެ ރެއެވެ.

ޒަޚަމުތަކަށް ފަރުވާ ހޯދަމުން އަންނަނިކޮށް ހުސައިން ވަހީދު މަރުވީ އެ ރޭ 23:10 އެހާކަންހާއިރެވެ. މި މައްސަލައިގައި ދެ ކުއްޖަކު މަރަން ޖުވެނައިލް ކޯޓުން ހުކުމްކުރިއެވެ. ހައިކޯޓުން އެ ހުކުމަށް ތާއީދުކުރުމުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރީ އޭގެ ތެރެއިން އެއް ކުއްޖެކެވެ.

އެ މީހުން ކުށްކުރީ 18 އަހަރުނުވާއިރު ކަމަށްވާތީ އެ މީހުންގެ ނަން ހާމަކުރުމަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން މަނާ ކަމެކެވެ.

މި މައްސަލަ އިސްތިއުނާފުކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖުވެނައިލް ކޯޓުން ވަނީ 2015 ވަނަ އަހަރު ހުކުމްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޖުވެނައިލް ކޯޓުގައި ހުސައިން ވަހީދުގެ ނުވަ ވާރިސުން ވެސް ވަނީ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ.

އޭގެ ފަހުން ހައިކޯޓުން ވެސް މި މައްސަލަ އިސްތިއުނާފުކުރި ކުއްޖާ މަރަން ހުކުމްކުރި ފަހުން، ސެޕްޓެމްބަރު 22، 2022 ގައި ހުސައިން ވަހީދުގެ މަންމަ ވަނީ މައްސަލައާ ގުޅިގެން އުއްތަމަފަނޑިޔާރަށް ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ވަނީ ޖުވެނައިލް ކޯޓުގައި ގާތިލުގެ ކިބައިން މަރަށް މަރު ހިފަން އެދުނު ނަމަވެސް އެ ވިސްނުން މިހާރު ބަދަލުވެފައިވާ ކަމަށެވެ.

"މި ސިޓީގައި ބަޔާންކޮށްފައިވާ 'ކުއްޖާ'ގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން އަޅުގަނޑު މިހާރު އެއްވެސް ވަރަކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ 'ކުއްޖާ'ގެ ފަރާތުން އަޅުގަނޑު ގާތުގައި މާފަށް އެދިފައިވާތީ، އަޅުގަނޑު 'ކުއްޖާ'އަށް މާފުކޮށްދީފީމުއެވެ،" އެ ސިޓީގައިވެއެވެ.

އިސްލާމީ ޝަރީއަތުގައި ވާގޮތުން އެންމެ ވާރިސަކު މާފުދިން ނަމަވެސް ގާތިލަށް މަރުގެ އަދަބެއް ނުދެވެއެވެ.

އެހެންވެ، އެ މީހާގެ މައްޗަށް ކަނޑައެޅި މަރުގެ އަދަބު ބާތިލުކޮށް، އެ މީހާގެ މައްޗަށް އަދަބު ކަނޑައަޅަން މައްސަލަ ޖުވެނައިލް ކޯޓަށް ތަހުވީލުކުރަން ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކޮށްފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު އަލީ ރަޝީދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.

comment ކޮމެންޓް