ފްރާންސުގައި 65 އަހަރުން މަތީގެ މީހުންނަށް އެސްޓްރާޒެނެކާ ވެކްސިން ދޭން ހުއްދަ ދީފި

ފްރާންސުން ވަނީ އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ދިނުން ހުއްދަ ކޮށްފަ -- ފޮޓޯ: އީޕީއޭ

ޕެރިސް (މާޗް 2): ފްރާންސުގައި 65 އަހަރުން މަތީގެ މީހުންނަށް، އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ޖަހަން ހުއްދަ ދީފި އެވެ.

ފްރާންސުން މިދިޔަ މަހު އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިން ބޭނުން ކުރަން ހުއްދަ ދިން އިރު ފުރަތަމަ ނިންމީ އެ ވެކްސިން ހަމައެކަނި 65 އަހަރުން ދަށުގެ މީހުންނަށް ދިނުމަށެވެ. ނަމަވެސް އެގައުމުގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުގައި 65 އަހަރާއި 74 އަހަރާ ދެމެދުގެ ދިގު މުއްދަތަކަށް ބޭސް ފަރުވާ ކުރާ މީހުންނަށްވެސް ދެން އެސްޓްރާޒެނެކާ ވެކްސިން ޖެހޭނެ އެވެ.

ފްރާންސުން އުމުރުން ދުވަސްވީ މީހުންނަށް އެސްޓްރާޒެނެކާގެ ވެކްސިން ދިނުމަށް ކުރިން ދެކޮޅު ހެދީ އެކަމާ ބެހޭ ގޮތުން އެކަށީގެންވާ ވަރަށް މައުލޫމާތު ނެތް ކަމަށް ބުނެ އެވެ. ނަމަވެސް އެ ވެކްސިން ޖެހުމުން ދުވަސްވީ މީހުންނަށްވެސް ކޮވިޑުން ރައްކާތެރިކަން ލިބޭ ކަމަށް ދިރާސާތަކުން ވަނީ ދައްކާފަ އެވެ.

އޭގެ ތެރޭގައި އިނގިރޭސިވިލާތުގައި 80 އަހަރުން މަތީގެ މީހުންނަށް އެސްޓްރާޒެނެކާ އާއި ފައިޒާގެ ކޮވިޑް ވެކްސިން ދިނުމުން ފެނުނު ނަތީޖާތަކަށް ބަލައި، އިނގިރޭސި ޕަބްލިކް ހެލްތުން ހެދި ދިރާސާއެއް ހިމެނެ އެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި، އެސްޓްރާޒެނެކާ ނުވަތަ ފައިޒާ ވެކްސިންގެ އެންމެ ޑޯޒްއެއް ޖެހުމުންވެސް ކޮވިޑުގައި 80 އަހަރުންގެ މަތީގެ މީހުންގެ ހާލު ސީރިއަސްވުމުގެ ފުރުސަތު 80 ޕަސެންޓު ދަށްކޮށްދެ އެވެ.

ފްރާންސަށް މިހާތަނަށް އެސްޓްރާޒެނެކާ ވެކްސިންގެ 1.7 މިލިއަން ޑޯޒް ލިބިފައިވީ ނަމަވެސް އެގައުމުގައި މިހާތަނަށް ޖަހާފައި ވަނީ އޭގެ އެންމެ 273،000 ޑޯޒް އެވެ.

އެސްޓްރާޒެެނެކާގެ ވެކްސިންގެ އިތުރުން ފްރާންސުން ދަނީ ފައިޒާ އާއި މޮޑާނާގެ ކޮވިޑް ވެކްސިންވެސް ޖަހަމުންނެވެ. އަދި އެގައުމުގައި މިހާތަނަށް ހަތަރު މިލިއަން މީހުންނަށް ވެކްސިން ޖަހާފައިވެ އެވެ. އޭގެ ތެރޭގައި އެއް ޑޯޒް އާއި ދެ ޑޯޒް ޖަހާފައިވާ މީހުންވެސް ހިމެނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް