ކޮމިޔުނިކޭޝަންސް މިނިސްޓްރީ ހިންގުން ފައްޔާޒާ ހަވާލުކޮށްފި

ސެޕްޓެމްބަރ 14، 2020: އިކޮނޮމިކް މިނިސްޓާރ ފައްޔާޒު ސަން އޮންލައިނަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިނިސްޓްރީ އޮފް ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ ހިންގުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ހަވާލު ކުރައްވައިފިއެވެ.

ކޮމިޔުނިކޭޝަންސް މިނިސްޓްރީގެ ހިންގުން މިނިސްޓަރު ފައްޔާޒާ ހަވާލު ކުރެއްވީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލުގެ އިތުބާރު ނެތްކަމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސް ކޮށްފައިވާތީ ކަމަށް ރައީސް އޮޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކޮމިޔުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލަޖީ މިނިސްޓްރީގެ ވަގުތީގޮތުން ހިންގެވުމަށް މިއަދުން ފެށިގެން މިނިސްޓަރު ފައްޔާޒާ ހަވާލުކޮށްފައިވަނީ މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރުމުން އެމަނިކުފާނު މަގާމުން ވަކިވެފައިވާތީ ކަމަށެވެ.

ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީ ކަމަށެވެ.

މަލީހު މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.

އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްނަންގަވައިގެން 14 މެމްބަރުންގެ ސޮއި އާއެކު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ފެބުރުއަރީ 10 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި މަލީހު ވަނީ މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެންފަ އެވެ. މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ގަވާއިދުތަކެއް ނުހަދައިގެން ނުވަތަ ކުރަންޖެހޭ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށެވެ. އަދި މަޖިލީހުން އޭނާ ވަކިކުރަން އުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް ހަޖަމު ނުވެގެން ކަމަށެވެ.

މަލީހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިސްވެ އޮވެ ފާސްކުރި އިރު، ޖުމްހޫރީ ޕާޓީން ވަނީ މަލީހަށް އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.

https://sun.mv/149634

comment ކޮމެންޓް