ރައްޔިތުން މަޖިލީހުން އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި ސައިންސް އެންޑް ކޮމިޔުނިކޭޝަންސް މިނިސްޓަރު ކަމުގެ މަގާމުން މަލީހު ޖަމާލު މިއަދު ވަކިކޮށްފި އެވެ.
މަލީހު މަގާމުން ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 59 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ މެންބަރެކެވެ. އަދި ހަތަރު މެންބަރަކު ވަކި ގޮތަކަށް ވޯޓު ނުދެއްވާ ތިއްބެވި އެވެ.
އޭނާ ވަކިކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ ޖޭޕީއަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒެވެ.
ގާނޫނުއަސާސީގެ 101 ވަނަ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްކޮށްފިނަމަ އެ މެންބަރަކު އޭނާގެ މަގާމުން ވަކިވީ ކަމަށެވެ.
"އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ރ)ގައިވާ ގޮތުގެ މަތިން އަލްފާޟިލް މުހައްމަދު މަލީހް ޖަމާލް، މިނިސްޓާ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން ވަކިކުރެވިއްޖެ،" ރިޔާސަތުން މިއަދު އިއުލާނުކުރެއްވި އެވެ.
އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްނަންގަވައިގެން 14 މެމްބަރުންގެ ސޮއި އާއެކު މަލީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ފެބުރުއަރީ 10 ވަނަ ދުވަހު އެވެ.
އެ މައްސަލައިގައި މަލީހު ވަނީ މިއަދު މަޖިލީހުގައި ޖަވާބުދާރީވެވަޑައިގެންފަ އެވެ. މަލީހު ވިދާޅުވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅީ ގަވާއިދުތަކެއް ނުހަދައިގެން ނުވަތަ ކުރަންޖެހޭ މަސައްކަތެއް ނުކޮށްގެން ނޫން ކަމަށެވެ. އަދި މަޖިލީހުން އޭނާ ވަކިކުރަން އުޅެނީ ޓީވީ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައެއް ހަޖަމު ނުވެގެން ކަމަށެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، ބައެއް މަޖިލިސް މެމްބަރުންނަށް ހީވަނީ ސަރުކާރު ހިންގަނީ މަޖިލީހުން ކަމަށާއި އެހެން ނަމަވެސް ސަރުކާރު ހިންގާނެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށާއި، އެއީ މަޖިލީހުގެ ޒިންމާ ނޫން ކަމަށެވެ.
މަލީހު ވިދާޅުވީ އެ މިނިސްޓްރީން ނުހަދާ ކަމަށް މައްސަލައިގައި ބުނެފައިވާ ހުރިހާ ގަވާއިދެއް ހަދާ ނިންމާފައިވާ ކަމަށެވެ.
އިންޓަނެޓުގެ އަގު ހެޔޮ ކުރާނެ ކަމަށް މި ސަރުކާރުން ވެފައިވާ ވައުދު ނުފުއްދާތީ ވެސް މަލީހު އަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި މިއަދު މަޖިލީހުގެ ޖަލްސާގައި ވެސް ގިނަ މެމްބަރުންތަކެއް ވަނީ އެ ވައުދުގެ ވާހަކަ ފާހަގަކުރައްވައިފަ އެވެ.
މަލީހު ވިދާޅުވީ އިންޓަނެޓުގެ އަގު ހެޔޮކުރުމަށް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ނިންމާފައިވާ ކަމަށާއި އެކަން ކުރާނެ ތާރީހާއި އެހެނިހެން ކަންކަން ނިންމާނީ ސަރުކާރުގެ ޕޮލިސީ ލެވެލްގައި ކަމަށެވެ.
މަލީހަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރުކަމަށް ވަޑައިގެންނެވި ބޭފުޅެކެވެ. މަލީހުގެ އިތުބާރު ނެތް ކަމަށް އެމްޑީޕީ އިސްވެ އޮވެ ފާސްކުރި އިރު، ޖުމްހޫރީ ޕާޓީން ވަނީ މަލީހަށް އިތުބާރު އޮތް ކަމަށް ބުނެފަ އެވެ.
ޖުމްހޫރީ ޕާޓީން މަލީހަށް އިތުބާރު އޮތް ކަމަށް ބުނި ނަމަވެސް، މަލީހުގެ އިތުބާރު އޮތް ކަމަށް ވޯޓު ދެއްވީ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް އެކަންޏެވެ. ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ޖަލްސާގައި ބައިވެރިވަޑައިނުގަންނަވާ އިރު، ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ތަޅުމުގައި މަލީހު ދިފާއުކުރައްވައި ވާހަކަދެއްކެވި ޖޭޕީގެ ހަމައެކަނި މެމްބަރަކީ ވެސް ރިޔާޒެވެ. މަލީހަކީ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކޮށް މަގާމުން ވަކިކުރި ފުރަތަމަ ވަޒީރެވެ.
އެ ޕާޓީގެ ސްލޮޓެއްގައި ހެލްތު މިނިސްޓަރު ކަމަށް އައްޔަންކުރެއްވި އަމީން ވެސް ވަނީ ވެންޓިލޭޓަރު ކޮރަޕްޝަންގެ މައްސަލައިގައި މަގާމުން އިސްތިއުފާ ދީފަ އެވެ.