ހާޝުގްޖީގެ ގާތިލުން ބޭނުން ކުރީ ވަލީއަހުދުގެ ކުންފުންޏެއްގެ ޖެޓު: ރިޕޯޓު

ދެހާސްއަށާރަ ވަނަ އަހަރު ޖަމާލް ހާޝުގްޖީ ވަނީ ތުުރުކީގައި ހުންނަ ސައުދީ އެމްބަސީ ތެރޭ މަރާލާފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (މާޗް 1): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން ތުރުކީއަށް ދިޔަ މީހުން ބޭނުން ކުރީ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ ކޮންޓްރޯލްގެ ދަށުގައިވާ ކުންފުންޏެއްގެ ދެ ޕްރައިވެޓު ޖެޓު ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފި އެވެ.

ސައުދީ އަރަބިއާގެ ކުރީގެ ޖާސޫސީ އޮފިޝަލެއް ކަމަށްވާ ސާދު އަލް ޖަބްރީއާ ދެކޮޅަށް ކެނެޑާގެ ކޯޓަކަށް ހުށަހަޅާފައިވާ މައްސަލައެއްގެ ލިޔެކިޔުންތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކުރި ގޮތުގައި، ހާޝުގްޖީގެ ގާތިލުން ބޭނުން ކުރި ޖެޓުތައް ނިސްބަތް ވަނީ ސްކައި ޕްރައިމް އޭވިއޭޝަން ކިޔާ ކުންފުންޏަކަށެވެ. އަދި 2017 ވަނަ އަހަރު އެ ކުންފުނި ވަނީ ވަލީއަހުދު އިސްވެ ހުންނަވާ ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފަ އެވެ.

ސީއެންއެންގައިވާ ގޮތުން ކެނެޑާގެ ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ސްކައި ޕްރައިމް އޭވިއޭޝަން ދައުލަތުގެ ފަންޑުގެ ބާރުގެ ދަށަށް ގެންދިޔުމަށް ކުރި އަމުރުވެސް ހިމެނެ އެވެ. އަދި އެއީ ސިއްރު ލިޔުމެއްގެ ގޮތުގައި ފާހަގަކޮށް، އޭގައި ސޮއިކޮށްފައި ވަނީ ދައުލަތުގެ ފަންޑުގެ ބޯޑް މެމްބަރެއް ކަމަށްވާ މުހައްމަދު އަލް ޝައިހް އެވެ.

ހާޝުގްޖީގެ ގާތިލުން ބޭނުން ކުރި ޖެޓުތައް ނިސްބަތްވާ ކުންފުނީގެ ވެރިފަރާތަރީ ސައުދީ ޕަބްލިކް އިންވެސްޓްމެންޓް ފަންޑުކަން ސާބިތުވާ ހެއްކެއް މީގެ ކުރިން ހާމަކޮށްފައި ނުވެ އެވެ. ނަމަވެސް އެ ޖެޓުތައް ނިސްބަތް ވަނީ ވަލީއަހުދު ކޮންޓްރޯލް ކުރައްވާ ކުންފުންޏަކަށް ކަން ވޯލް ސްޓްރީޓް ޖާނަލްއިން މީގެ ކުރިން ރިޕޯޓުކޮށްފައިވެ އެވެ.

މީގެ އިތުރުން އެމެރިކާގެ ސީއައިއޭގެ މިޑްލް އީސްޓް ޑިވިޝަންގެ ކުރީގެ ޑިރެކްޓަރު ޑޭން ހޮފްމަން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ކަންތައްތައް ކުރިއަށްދާ ގޮތް ވަލީއަހުދު ބައްލަވާނެ ކަމަށް އޭނާއަށް ގަބޫލު ކުރެވެ އެވެ. އަދި ކޯޓަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކަކީ ވަލީއަހުދާ ހާޝުގްޖީގެ މަރާ ގުޅުން އޮތް ކަމުގެ އިތުރު ހެއްކެވެ.

ކެނެޑާގެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ސައުދީގެ ދައުލަތުގެ 10 ކުންފުންޏަކުން ޖަބްރީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަކެވެ. އެ ކުންފުނިތަކުން ބުނާ ގޮތުގައި ކުރީގެ ވަލީއަހުދު މުހައްމަދު ބިން ނާއިފްގެ އަރިސް ބޭފުޅެއްގެ ގޮތުގައި ޖަބްރީ ހުންނެވި އިރު އެ ދެ ބޭފުޅުން ވަނީ ހިޔާނާތުން 1.2 ބިލިއަން ޑޮލަރު ހޯއްދަވައިފަ އެވެ. އަދި އޭގެ ތެރެއިން 55 މިލިއަން ޑޮލަރު ޖަބްރީއަށް ޓްރާންސްފާކޮށްފައިވެ އެވެ. ނަމަވެސް އޭނާ އެ ތުހުމަތުތައް ދޮގު ކުރައްވަ އެވެ.

މީގެ ކުރިން މިދިޔަ އަހަރު ޖަބްރީ ވަނީ އޭނާ އަވަހާރަކޮށްލަން މުހައްމަދު ބިން ސަލްމާން، ކެނެޑާއަށް ޓީމެއް ފޮނުއްވި ކަމަށް ވިދާޅުވެ އެމެރިކާގެ ކޯޓަކަށް މައްސަލަ ހުށަހަޅާފަ އެވެ. އަދި އެ ޓީމު ފޮނުވީ ހާޝުގްޖީ މަރާލިތާ ދެ ހަފްތާ ފަހުން ކަމަށް އެ މައްސަލައިގައިވެ އެވެ.

އެމެރިކާގައި ދިރިއުޅެމުން ދިޔަ ހާޝުގްޖީއަކީ ސައުދީ ޝާހީ އާއިލާއަށް ތަކުރާރުކޮށް ފާޑު ކިޔާފައިވާ ލިޔުންތެރިއެކެވެ. އޭނާ މަރާލީ ދޭއް އޮކްޓޯބަރު 2018ގައި އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ. އޭނާ އެ ކޮންސިއުލޭޓަށް ދިޔައީ ތުރުކީގެ އަންހެނަކާ ކައިވެނި ކުރުމަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދުމަށެވެ.

އެމެރިކާއިން މިދިޔަ ހުކުރު ދުވަހު އާއްމު ކުރި ރިޕޯޓެއްގައިވާ ގޮތުން، ހާޝުގްޖީ ތުރުކީގައި ހުއްޓާ އޭނާ ހައްޔަރު ކުރަން ނުވަތަ މަރަން މުހައްމަދު ބިން ސަލްމާން ހުއްދަ ދެއްވި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާތަކުން ވަނީ ނިންމާފަ އެވެ.

comment ކޮމެންޓް