91 އަހަރުގައި އަދިވެސް ޑިއުޓީ ކުރަނީ މަގުމަތީގައި

އެލްސީ ބަކްޝޮޓް--

އެލްސީ ބަކްޝޮޓް ސްމިތު އަކީ އެމެރިކާގެ ކުޑަ ސްޓޭޓެއްކަމުގައިވާ އާކަންސޯގައި ފުލުހެކެވެ. އުމުރުން 91 އަހަރުގައި އަދިވެސް އޭނާ ފެންނަނީ ހުޝިޔާރުކަމާއި، ޝައުގުވެރިކަމާއިއެކީ ފުލުހުންގެ ހިދުމަތުގަ އެވެ.

ދާދިފަހުން އޭނާގެ ވާހަކަ މީޑީއާތަކުގައި ދެކެވެން ފެށިއިރު، އޭނާވަނީ ބީބީސީއަށް ހާއްސަ އިންޓިވިއުއެއްވެސް ދީފައެވެ. އޭނާއަކީ އާކަންސޯގެ އެންމެ ދުވަސްވީ ފުލުސް އޮފިސަރެވެ. އަދި މުޅި އެމެރިކާގެވެސް އެންމެ އުމުރުން ދުވަސްވީ އެއް އޮފިސަރުވެސް މެއެވެ.

މީގެ 56 އަހަރު ކުރިން 1965 ގައި ފުލުހުންގެ ޚިދުމަތާއި ގުޅުނު ބަކްޝޮޓް ބުނާގޮތުގައި އަދިވެސް ޑިއުޓީ އަށް ނުކުމެ މީހުންނަށް ޚިދުމަތްކުރެވުމުން އަމިއްލައަށްވެސް އުމުރު ދިގުވާ ކަމުގެ އިހުސާސް ކުރެވެއެވެ.

ބަކްޝޮޓްއާއި ބެހޭގޮތުން ވާހަކަދެއްކި ގިނަބަޔަކު ވަނީ އޭނާގެ މަސައްކަތުގެ އަޚްލާގަށާއި ކަންކަމުގައި ބަހައްޓާ ފަރުވާތެރިކަން ފާހަގަކޮށްފައެވެ. އަދި އެހާ ގިނަ ދުވަހު ޚިދުމަތުގައި ދެމިހުރިއިރު، އޭނާއަށް ނޭގޭ މީހެއް މަދުވާނެކަމަށްވެސް ބަކްޝޮޓް ދަންނަ މީހުން ބުނެއެވެ.

އުމުރުން ކިތަންމެ ދޮށްޓަސް ހަފްތާއަކު 4 ދުވަހު އަށް ގަޑިއިރުގެ ޑިއުޓީއަކަށް އޭނާ ނުކުމެއެވެ. އަދި މަގުތަށް ޕެޓްރޯލްކުރުމާއި ހަމައިން ފެށިގެން ޖަނާޒާތައް އެސްކޯޓްކުރުމުގެ މަސައްކަތްވެސް އޭނާކުރެއެވެ.

އެންމެންގެވެސް ސުވާލަކީ އޭނާ ރިޓައާ ކުރާނެ ދުވަހެއްކަމަށްވާއިރު، ބަކްޝޮޓް ބުނާގޮތުގައި އޭނާގެ ފަރާތުން ބަޔަކަށް އެހީއެއްވެވުމަކީ އޭނާއަށް ލިބޭ އެންމެ ބޮޑު އުފަލެވެ. އަދި ރިޓަޔާކުރުން އޭނާ ދޫކޮށްފައި އޮތީ އޭނާގެ ކަލާންގެ މައްޗަށެވެ.

ފެންނަ ފެނުމަށް ބަކްޝޮޓްގެ ކިބައިގައި އެއްވެސް ވަރެއްގެ ބަލިކަމެއް ނުހުރެއެވެ. އޭނާ ބުނާގޮތުން ކެއުމުގައި އެންމެ ގިނައިން ބޭނުންކުރެވެނީ ތަރުކާރީ އެވެ. އަދި އެކިކަހަލަ ތައްޔާރީ ކާނާ އެއްވެސް ވަރަކަށް އޭނާޢަށް ކަމަކު ނުދެއެވެ.

ޕޮލިސް ޑިޕާޓްމަންޓުން ބަކްޝޮޓް ސިފަކުރަނީ އެހެން ހުރިހާ އޮފިސަރުންނަށް މިސާލެއްގެ ގޮތުގައެވެ. މިއަހަރުގެ މެއި މަހުގައި ބަކްޝޮޓްއަށް 92 އަހަރުވާނެ އެވެ.

comment ކޮމެންޓް