ޔާރާއެ ލޯބިދޭށޭ... 15

ޖިލްވާ ހިތަށް އެރިއެވެ. ކައިވެންޏަށް ފިލައިގެން އެގެއިން ދާންވީ ހެއްޔެވެ؟ ނޫނީ ހަގީގަތް ހާމަކޮށްގެން ކައިވެނި ހުއްޓުވާލަންވީ ހެއްޔެވެ؟ މީހުން ބުނެއުޅެއެވެ. އެއް ދޮގު ހަދައިފިމީހާ އެ ދޮގު ފޮރުވުމަށް އެތައް ހާސް ދޮގެއް ހަދަން ޖެހޭނެއެވެ. މިއަދު އޭނަ އެ އިނީ އެފަދަ ހަރުފަތެއްގެ މަތީގައެވެ. ގިރާކުރަން ޖެހިފައިވާ ކޮންމެ ހަރުފަތެއް ފުރެމުންދަނީ ދޮގުތަކުންނެވެ.

********

ޒެނިލް ތައްޔާރުވެލައިގެން ނުކުތްއިރު، ޖިލްވާ އިނީ ކައިވެނި ވެވޭ އަންހެން ކުއްޖާއަށް ޚާއްސަ ކޮށްފައިވާ ގޮނޑީގައެވެ. އެންމެންގެ ތެރެއިން ވެސް ޒެނިލްގެ ނަޒަރު ޖިލްވާއަށް ހުއްޓުނީ ސަބަބެއް ނެތިއެއް ނޫނެވެ. ޖިލްވާގެ ލައިގެން އިނީ، އޭނައަށް އައު ހެދުމެއް ނޫނެވެ. އެއީ ވަކި އަންހެން ކުއްޖަކަށްޓަކައި އޭނަ ފަރުމާކުރި ހެދުމެކެވެ. އެ ހެދުން ޖިލްވާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟

ޒެނިލްއަށް ވަށައިގެން ހޯދައިލެވުނެވެ. ޖިލްވާގެ ކައިރީގައި އާއިޝާ ހުއްޓެވެ. ތަންކޮޅެއް ދުރުގައި ޖުއާން ހުރީ، އިސްޖަހާލައިގެންނެވެ.

"އެންމެން ހަމަވީއޭ... އަވަސްކޮށްލަބަލަ ދަރިފުޅާ!..." އާއިޝާ އައިސް ޒެނިލްގެ އަތުގައި ހިފައިލިއެވެ.

"މާމާ!... ކީއްވެ އެ ހެދުން؟..." ޝަކުވާގެ ރާގެއްގައި ޒެނިލްއަށް ސުވާލު ކުރެވުނެވެ.

"އިހަށް ވާހަކަ ނުދައްކާ ހިނބާގަލަ..." އާއިޝާ އެދުނެވެ.

ޖިލްވާ އެންމެ ފަހަރަކުވެސް އިސްއުފުލައި ނުލައެވެ. ޒެނިލް އިށީންކަން އެނގުމުން، ލައިގެން އިން ހެދުމުގައި ހިފައި ބާރުކޮށްލިއެވެ. ޒެނިލް ހަމަ އަސްލުގައިވެސް އޭނަ އާއި ކައިވެނި ކޮށްފާނެ ހެއްޔެވެ؟ ކައިވެނީގެ މަޖިލިސް ފެށިގެން ކުރިއަށް ދިޔަ ވަރަކަށް ޖިލްވާގެ ހިތުގައި ބިރުވެރިކަން އުފެދެމުން ދިޔައެވެ. ކައިވެނީގެ ހުތުބާ އަޑު އިވުމުން ޖިލްވާ ބިރުން ފިތްކަނޑައިގެން ދާވަރު ވިއެވެ. ކައިވެންޏަކީ ކުޅޭ ކުޅިވަރެއް ނޫންކަން ވިސްނުނެވެ. އަމިއްލަ އާއިލާ އާއިމެދު ވިސްނެން ފެށުމުން ޖިލްވާގެ ދެލޯ ފެންކަޅިވާން ފެށިއެވެ. އޭނައަށްޓަކައި އެމީހުން ކިހާ ބޮޑު ހުވަންފެންތަކެއް ދެކޭނޭ ހެއްޔެވެ؟

"އަނބި ޤަބޫލުކޮށްފިން..." ޒެނިލްގެ އަޑު ޖިލްވާއަށް އިވުނީ ދާދި ގާތުންނެވެ.

ޖިލްވާގެ ހިތަށް ފިނިވެލައިގެން ދިޔައެވެ. ޒެނިލް އެހެން ބުނީ، އޭނައަށް ބަލަން އިނދެ ކަން އެނގުނެވެ.

ކައިވެނީގެ ކަންތައް ނިމުމުން އެންމެން ތެދުވިއެވެ. ޖިލްވާ ފިޔަވައެވެ. ގަބުވެފައި ޖިލްވާ އިނީ އިސްޖަހައިލި ގޮތަށެވެ. ކަރުނުން ފުރިފައިވާ ދެލޯ އެއްވެސް މީހަކަށް ފެންނާކަށް ޖިލްވާ ބޭނުމެއް ނުވިއެވެ. ކައިވެނިކޮށްދިނީ ޒެނިލްމެންގެ އާއިލާ އާއި މާ ގާތް މީހެކެވެ. ޖިލްވާގެ އެއްވެސް ރަސްމީ ލިޔެކިޔުމެއްނެތި، ކައިވެނީގެ ލިޔުންތައް ފުރިހަމަކޮށްދިނެވެ. ކައިވެނި ރަޖިސްޓަރީ ކޮށްދީ، ސެޓުފިކެޓު ވެސް ހަވާލު ކުރިއެވެ.

"ޖިލްވާ! ދަރިފުޅާ!... ނިމުނީއޭ..." ޖިލްވާގެ ކޮނޑުގައި މަޑުމަޑުން ޖަހައިލަމުން އާއިޝާ ބުންޏެވެ. "ފެމެލީ ފޮޓޯ ނެގުން އޮންނާނެ..."

އާއިޝާ ދެއްކި ވާހަކަ ޖިލްވާއަށް އެނގުނީ އަތުން އިޝާރާތް ކުރީމައެވެ. ކަރުނަތައް ހިންދައިލާފައި ޖިލްވާ ތެދުވިއެވެ. އާއިޝާގެ އިޝާރާތަށް ޒުވާން އަންހެންކުއްޖަކު ޖިލްވާ ލައިގެން ހުރި ހެދުމުގެ ފަސްބައި ހިއްލާލަ ދިނެވެ. ޖުއާން ހިފައިލީ ޖިލްވާގެ އަތުގައެވެ.

"އަހަރެން މީ ޕްރިންސަސް އެއް ނޫނޭ..." ޖިލްވާ އަތް ދަމައިގަތެވެ.

"މަރުޚަބާ!..." އެއްވެސް އަސަރެއް ނެތް ގޮތަކަށް ޖުއާން ބުންޏެވެ.

"ޖުއާން!... ދިމާކުރަނީތަ؟..." ޖިލްވާ ލޯ އަޅައިލިއެވެ.

"މިހާރު ތީ އަހަރެންގެ ފަހަރި..." ޖުއާން ހީލީ ގަދަކަމުންނެވެ. "ދެން ކިޔާނީ ފަހަރި..."

"ފަހަރިއެއް ނޫނޭ... ދެން ޖުއާންގަނޑާ!..." ޖިލްވާ ތުން ފިއްތައިލިއެވެ. "ޖުއާންއަށް އެނގެއެއްނު ކީއްވެ ކުރި ކައިވެންޏެއް ކަން..."

ޖުއާން އާއި ޖިލްވާ ވާހަކަ ދައްކަން ތިބި ތަން ފެނުމުން، ޒެނިލް އެދިމާއަށް ދިޔައެވެ. ވަކި އެއްޗެއް ބުނުމެއްނެތި، ޖިލްވާގެ އަތުގައި ހިފައިގެން ގެންގޮސް، ތަސްވީރު ނެގުމަށް ޚާއްސަކޮށްފައިވާ ތަނުގައި ބެހެއްޓިއެވެ.

ތަސްވީރަކަށްފަހު ތަސްވީރެއް ނެގެމުން ދިޔައެވެ. ކޮޅަށް ހުރެހުރެ ވަރުބަލިވެގެން ޖިލްވާގެ މޫނުގެ ކުލަ އޮއްސުނެވެ. ގަދަކަމުން ތުންފަތަށް ވެރިކުރުވައިގެން ހުރި ހިނިތުންވުން ފަނޑުވެއްޖެއެވެ. އާފުރެން ފެށިއެވެ. ތަނެއްގައި އިށީނދެލުމަށް ޖިލްވާ ހިނގައިގަންނަ ކޮންމެ ފަހަރަކު، ޒެނިލް ގޮވައިލައެވެ. ޖިލްވާއަށް ނޭނގުނު ނަމަވެސް، އޭނަގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތައް ކެމެރާގައި ރައްކާކުރެވެމުން ދިޔައެވެ.

ކައިވެނީގެ ހަފުލާ ނިމުމާއި އެކީހެން ދާއޫދަށް ޖެހުނީ އެއާޕޯޓަށް ދާށެވެ. ކުއްލިގޮތަކަށް ބައްދަލުވުމެއް ހަމަޖެހުނީއެވެ. އާއިޝާ ދެރަވެގެން އުޅުނު ނަމަވެސް އެހެން މީހެއްގެ މޫނުމަތިން އެފަދަ އަސަރެއް ނުފެނުނެވެ. އަބަދު އެހެން ކަންތައް ހިނގާތީ އެކަމަށް އާދަވެފައިވާ ކަހަލައެވެ.

"މާމަ ވެސް މި މަޑުކުރީ ތިކުދިން ކައިވެނި ކުރެވެންދެން... އެކުވެރިޔާ މާމަ ބަލާ އައިސް ހުރިތާ ކިތަންމެ އިރެއް..." ޖިލްވާ އާއި ޖުއާންގެ އިތުރުން، ޒެނިލް އާއި ބައްދަލުކޮށްފައި އާއިޝާ ބުންޏެވެ. "ދަރިފުޅުމެން ހުރިހާ ކުދިންވެސް ގުޅިގެން އުޅޭތި... މާދަމާ ވަރަށް ހެނދުނާ މާމަ ޖެހޭނެ ގެއިން ނުކުންނަން..."

އާއިޝާ ކޮޓަރިއަށް ވަނުމުން، ގޭތެރެ ހިމޭން ވިއެވެ. ޒެނިލް ފުރަތަމަ ކަމަކަށްވެސް ގޭގައި ގެންގުޅޭ މީހުންނަށް ފަނަރަ ދުވަހުގެ ޗުއްޓީއެއް ދީފައި ފޮނުވައިލިއެވެ. ހަދަންވީ ގޮތެއް ނޭނގިފައި ޖިލްވާ އިނީ ސިޓިންގްރޫމު ސޯފާގައެވެ. ކޮޓަރީގައި އުޅެފައި، ޒެނިލް ނުކުތެވެ. އޭނަ ސިޑިން ފައިބައިގެން އައިއިރު، ބަދިގެއިން ނުކުތް ޖުއާން ދެ ކޮފީ ހިފައިގެން ޖިލްވާގެ ކައިރިއަށް ދާތީ ފެނުނެވެ. ޖިލްވާ ހިނިތުންވެލާފައި ކޮފީތަށީގައި ހިފުމުން، ޒެނިލް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޖިލްވާގެ ކައިރީގައި އިށީނެވެ. ޖިލްވާގެ އަތުން ކޮފީތަށި އަތުލާފައި އެއިން އެތިފޮދެއް ބޯލިއެވެ.

"އަހަރެންގެ ކޮފީތަށި..." ޖިލްވާއަށް ބުނެވުނެވެ.

"ކޮބާ؟..." ތަށި އެކި ގޮތްގޮތަށް އަނބުރައިގެން ޒެނިލް ބެލިއެވެ. "ވަކި މީހެއް ނަމެއް ނެތް މިޔަކު ޖަހާފައެއް..."

ޝަކުވާގެ ނަޒަރަކުން ޖިލްވާއަށް ބަލައިލެވުނީ ޖުއާން އަށެވެ. އޭރު ޖުއާންވެސް އަނގަޔަށް ގޮތެއް ހަދާލައިގެން ހުއްޓެވެ. ޒެނިލްގެ އެ ސިފަ ޖުއާންއަށް ވެސް އެ ފެނުނީ އަލަށް ކަމުގައި ޖިލްވާ ޔަޤީން ކުރިއެވެ.

"ޖުއާން ކޮންއިރަކުން ދެން ދަނީ؟..." ޒެނިލް ކުރި ސުވާލަކުން ޖުއާން ސިހުނެވެ.

ޒެނިލް ބޭނުން ވަނީ އޭނަ ފޮނުވައިލަން ހެއްޔެވެ؟ ކުރިން އަބަދު ލޯ ކުރިމަތީގައި ބަހައްޓަން ބޭނުންވެފައި ކުއްލިއަކަށް ފޮނުވާލަން ބޭނުން ވަނީ ކީއްވެ ހެއްޔެވެ؟

ޖިލްވާ ދެލޯ ބޮޑުކޮށްލަމުން ޖުއާންއަށް ބަލައިލިއެވެ. ޖުއާން ބަލައިލުމުން ދެފަރާތަށް ބޯ ހޫރައިލީ ނުދައްޗޭ ބުނުމުގެ ގޮތުންނެވެ.

"ދެތިން ހަފުތާ ފަހުން ދެން ދާނީ..." ޖުއާން ބުންޏެވެ. "ކޮފީއެއް ގެނެސްދެންތަ؟..."

"ނޫނޭ..." ޒެނިލް ދެކޮޅު ހެދިއެވެ. "އަހަރެންގެ އަނތްބަކު އިންދާ، ކީއްކުރަން ޖުއާން ލައްވާ ކަންކަން ކުރުވަނީ.. އެހެންނޫނަސް، މިހާރު ދެމީހުންނަށް އެއްތައްޓަކުންވެސް ބޮވޭނެ... ދޯ ޖިލް!..."

ދެމާނަ އެކުލެވޭ ރާގަކަށް ޒެނިލް ބުންޏެވެ. އޭނަ ވީހާވެސް ބޮޑަށް ޖިލްވާގެ ކައިރިއަށް ޖެހިލިއެވެ. ޖިލްވާ އަވަހަށް ދުރަށް ޖެހުނެވެ. ކުއްލިއަކަށް ޒެނިލްއަށް ވެގެން އުޅެނީ ކިހިނެއް ހެއްޔެވެ؟ ގަސްދުގައި ޖިލްވާ ލަދުގަންނަވައިލުމުގެ ގޮތުން ކުރާ ކަމެއް ހެއްޔެވެ؟ މީހުންގެ ކުރިމަތީގައި ވެސް ޒެނިލް އުޅެނީ ހާދަ ވިޔާނުދާ ކޮށެވެ.

"އޯކޭ!..." ޖުއާން ތެދުވިއެވެ. "ގުޑް ނައިޓް..."

"ނޫން ޖުއާން ނުދޭ..." ޖުއާން ދާންފެށުމުން، ޖިލްވާ އިނީ ރޮވޭވަރު ވެފައެވެ. ޖުއާން ހުއްޓުވަން ކަމެއް ކުރެވޭނެނަމަ، އޭނަ އެވަގުތު ކޮންމެ ކަމެއްވެސް ކުރީހެވެ.

ޖުއާން ދިޔުމުން ޒެނިލްގެ ނަޒަރު ޖިލްވާއަށް ހުއްޓުނެވެ. ޖިލްވާ އިނީ ނޭވާ ލާންވެސް ބިރުންނެވެ.

"ތި ހެދުން ބާލާ..." ޒެނިލް އަމުރު ކުރިއެވެ.

"ވަޓް؟..." ޖިލްވާ ދިޔައީ ސިއްސައިގެންނެވެ. އޭނަ އަވަހަށް މޭގައި ދެއަތް ހުރަސްކޮށްލިއެވެ.

"އަހަރެން މިބުނީ ތިހެދުން ބާލާށޭ..." ޒެނިލް އޭނާގެ ޖުމްލަ ތަކުރާރު ކުރިއެވެ.

ފޯނެއް އައިސްގެން ޒެނިލް ކޮޓަރިއަށް ވަންފަހުން ނުނުކުމެއެވެ. ސޯފާގައި އިނދެއިނދެ ވަރުބަލިވެގެން ޖިލްވާ އޮށޯވެލިއެވެ.

ދަންވަރުގެ ވަގުތެވެ. ފެންޖަގު ހިފައިގެން އާއިޝާ ކޮޓަރިން ނުކުތްއިރު، ގޭތެރެ އޮތީ އަނދިރިކޮށެވެ. ކާގެ ތެރެއިން ކޮންމެވެސް އެއްޗެއް ގުޑުވާ އަޑު އިވެމުން ދިޔައެވެ. އާއިޝާ ހުށިޔާރު ކަމާއިއެކު، ހިނގަމުން ގޮސް ދޮރު ކައިރީގައި ހުއްޓުނެވެ. ކާގެ ކަބަޑުގެ ދޮރު ހުޅުވައިގެން އޭގެ ތެރޭގައި ހުރި އެއްޗެހި ހާވަން އިނީ ހުދުކުލައިގެ ހެދުމެއްގައި އިން އަންހެނެކެވެ. އިސްތަށިގަނޑު އޮތީ ހޭވިފައެވެ. ފިލްމުތަކުގައި އުޅޭފަދަ ޖިންނި އަކާއި ވައްތަރެވެ. އާއިޝާ ހަޅޭއްލަވައިގަތެވެ. ކަބަޑު ހުޅުވައިގެން އިން ޖިލްވާ އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތެވެ.

ކަބަޑުން ނޫޑްލްސް ބޮނޑިއެއް ނަގައިގެން ޖިލްވާ އިނީ އެ ރޮލާ ކާށެވެ. ކައިރީގައި އިތުރު ޕެކެޓެއް ހުސްކޮށްލާފައި އޮތެވެ. އަނގަ ފުރެންދެން ކާއެއްޗެހި އަޅައިގެން އިނދެ ހަޅޭއްލެވުމުން، ޖިލްވާ ކޮށިއަރާގޮތްނުވީ ކިރިޔާ އެވެ. ޖުއާން އާއި ޒެނިލް ވެސް ދުވެފައި ކާގެއަށް އައެވެ.

"ބަނޑުހައިވެގެން..." ކުށްވެރިއެއްހެން އިސްޖަހައިލަމުން، ޖިލްވާ ދެރަވެލާފައި ބުންޏެވެ.

ޖިލްވާގެ އަތުން ނޫޑްލްސް ޕެކެޓު އަތުލައިގެން އާއިޝާ ގޮސް އުނދުން މައްޗަށް ތެއްޔެއް އުދިއެވެ. އޭރު ދެބުމަ ގޮށްޖަހައިގެން ޖިލްވާއަށް ބަލަން ޒެނިލް ހުއްޓެވެ. ޖިލްވާ ލައިގެން އިން ހުދުކުލައިގެ ހެދުމުގައި ނޫޑްލްސްގެ އަސަރު ހުރި ތަން ފެނުމުން، ޒެނިލް ހުރީ ރުޅި އައިސް މޮޔަވާވަރު ވެފައެވެ. އާއިޝާ ނެތްނަމަ، އޭނައަށް އެއްޗެއް ބުނެވުނީހެވެ. ޖުއާން ހަމްދަރުދީ ވިއެވެ. ޖިލްވާ ނަގައި ގޮނޑީގައި ބޭންދިއެވެ.

ޖިލްވާއަށް ނޫޑްލްސް ކައްކައިދީފައި، ކައި ނިމެންދެން ކައިރީގައި އާއިޝާ އިނެވެ. ޖިލްވާ ތަށިތައް ދޮންނަން ސިންކު ކައިރިއަށް ޖެހިލުމުން، ޒެނިލްގެ އަތުގައި ހިފައިގެން އާއިޝާ ނުކުތީ ބޭރަށެވެ.

"އަނބިމީހާ އެހުރީ، ކައިވެނި ކުރި އެއްޗެއްސާ އެކީ... އެފަކީރު އެހުރީ ބަނޑުހައިވެގެން ހަލާކުވެފަ..." އާއިޝާ ނުރުހިފައި، ޒެނިލްގެ ގައިގައި ބޮނޑިއެއް އަޅައިލިއެވެ. "ދޭ ދޭ... ގޮސް އެހީތެރިވެދީ..."

ކުދި ކިޔަމުން ޒެނިލް ހިނގައިގަތެވެ. އޭނަ ކާގެއަށް ވަންއިރު، ތަށިތައް ދޮވެ ނިންމާފައި ޖިލްވާ ކާގެއިން ނުކުންނަނީ އެވެ.

ޖުއާން އާއި އާއިޝާ ކޮޓަރިއަށް ވަނުމުން ޖިލްވާގެ ދެފައި ތުރުތުރު އަޅައިގަތެވެ.

"ކޮޓަރިއަށް އާދޭ..." ޒެނިލް ހިނގައިގަތެވެ.

ޖިލްވާ ހުރި ތަނުން ގުޑިވެސް ނުލިއެވެ. ޒެނިލް ހަލުވި ފިޔަވަޅުތަކެއްގައި އައިސް ޖިލްވާގެ އަތުގައި ހިފައި ގެންގޮސް ކޮޓަރިއަށް ވެއްދިއެވެ. ޓީޝާޓަކާއި ސޯޓެއް ޖިލްވާ އާއި ދިމާއަށް ހޫރައިލިއެވެ. ޖިލްވާ އެއްޗެހި ބަދަލުކުރަންދެން ޒެނިލް ނުކުތީ ބޭރަށެވެ. އޭނަ އެތެރެއަށް ވަންއިރު، ޖިލްވާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ.

ބާލީހަކާއި ރަޖާގަނޑެއް ތަޅުން މައްޗަށް އެއްލާފައި ޒެނިލް އެނދުގައި އޮށޯތެވެ. ހިތާއިހިތުން ކުދި ކިޔަމުން ޖިލްވާ އޭނާގެ ތަންމަތި ތައްޔާރުކޮށްލިއެވެ. ދުވަހަކު ތަޅުންމަތީގައި ނިދާފައިނުވާ ޖިލްވާގެ ދެލޯ ފެންކަޅި ވިއެވެ. ނުރޯން އުޅުނަސް، ތަންމަތީގައި ޖައްސައިލުމާއިއެކު އޭނައަށް ރޮވިއްޖެއެވެ.

ޒެނިލްގެ ދެލޮލުގައި ނިދީގެ ކުޑަވެސް މިންވަރެއް ނެތެވެ. ނިދަން އުޅެއުޅެ އޭނައަށް ނިދޭގޮތެއް ނުވިއެވެ. ޖިލްވާ އެހާލުގައި އޮއްވައި އޭނަ އަރާމުގައި ނިދާނީ ކިހިނަކުން ހެއްޔެވެ؟ އެންމެފަހުން ކެތް ނުވެގެން ޒެނިލް ތެދުވިއެވެ. ޖިލްވާ އޮތީ ފުރަގަސް ދީގެންނެވެ. އެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ވިއެވެ. ފިނިވެގެން އެ އަންހެން ކުއްޖާ އޮތީ، ދެކަކޫ ގެންގޮސް މެޔާލައި ޖައްސާލައިގެންނެވެ.

"މީ ހަމައެކަނި ސިމްޕަތީ... އިތުރު އެއްވެސް ކަމެއް ނޫން..." ޒެނިލް ހިތާއިހިތުން ބުންޏެވެ.

ޒެނިލް ތެދުވިއެވެ. ދެފިކުރެއްގައި ހުރެފައި ގޮސް ޖިލްވާގެ ކައިރީގައި ހުއްޓުނެވެ. އޭރު ފިނިވެގެން ގޮސް ޖިލްވާގެ ދެދަތްޕިލަ ގުޑައެވެ. ރޮއެރޮއެ އެ އަންހެންކުއްޖާގެ މުޅި މޫނު ވަނީ ރަތްވެފައެވެ. ޒެނިލް ދެރަ ވިއެވެ. އަލަމާރިން ނެގި ބޯ ރަޖާގަނޑު ގެނެސް ޖިލްވާގެ ގައިމަތީގައި އަޅައިލިއެވެ. އެވަރުން ނުގެން ޖިލްވާ ނަގައި އެ ހަށިގަނޑުގައި ބައްދައިލިއެވެ.

(ނުނިމޭ)

comment ކޮމެންޓް