އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އޮމްބަޑްސްޕާސަން އޮފީހުގެ ވެރިޔާ ޗީފް އޮމްބަޑްސްޕާސަންއަށް ކަނޑައެޅި މުސާރަ ކުޑަވެގެން އޭނާ މަޖިލީހުގައި ޝަކުވާ ދަންނަވައިފި އެވެ.
ޗީފް އޮމްބަޑްސްޕާސަންއަކަށް އައްޔަންކޮށްފައިވާ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފް ސޮއިކުރައްވާ ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ އޭނާއަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި 37،500 ރުފިޔާގެ މުސާރައަކީ އެކަށީގެންވާ އުޖޫރައެއް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެހެންވެ އެ މުސާރަ ބޮޑުކޮށްދެއްވުމަށް ދަންނަވާ ކަމަށެވެ.
ޗީފް އޮމްބަޑްސްޕާސަންގެ މުސާރަ ކަނޑައަޅަނީ މާލިއްޔަތު ކޮމިޓީގެ ލަފާގެ މަތިން މަޖިލީހުންނެވެ.
ޗީފް އޮމްބަޑްސްޕާސަންގެ ސިޓީއާ ގުޅިގެން އިއްޔެ މާލިއްޔަތު ކޮމިޓީގައި މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު ނާޝިޒު ވިދާޅުވީ ޗީފް އޮމްބަޑްސްޕާސަންއަށް ކަނޑައަޅާފައިވާ މުސާރަ ކުޑަވެގެން މުރާޖައާ ކޮށްދިނުމަށް އެދުނު ނަމަވެސް އެކަމަކީ މިފަހުން މަޖިލީހުން ގޮތެއް ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ. އެހެންވެ، މާލިއްޔަތު ކޮމިޓީން ނިންމީ އެބޭފުޅާގެ މުސާރަ ކަނޑައެޅުމުގައި ބެލި ކަންތައްތަކުގެ ތަފްސީލާ އެކު އެ މުސާރަ ބޮޑުކޮށްދެވެން ނެތް ކަމަށް ޗީފް އޮމްބަޑްސްޕާސަންއަށް ދެންނެވުމަށެވެ.
މުސާރަ ދިރާސާ ކުރަމުން ދިޔައިރު ފިނޭންސް މިނިސްޓްރީއިން މާލިއްޔަތު ކޮމިޓީއަށް ފޮނުވި ކަރުދާހުގައި ޗީފްއޮމްބަޑްސް ޕާސަންއަށް 40،000 ރުފިޔާގެ މުސާރައެއް ކަނޑައެޅުމަށް ހިމެނި ނަމަވެސް ކޮމިޓީން ނިންމީ ފިނޭންސުގެ ކަރުދާހުގައި ހިމަނާފައިވާ 37،500 ރުފިޔާގެ މުސާރަ ދިނުމަށެވެ.
ކޮމިޓީގެ އެ ނިންމުމަށް މަޖިލީހުގެ ތަޅުމުގައި ފާސްވީ 40 މެންބަރުންގެ ވޯޓުންނެވެ.
ދެން އެ އޮފީހުގެ ވެރިންގެ ގޮތުގައި ތިއްބަވަނީ ދެ އޮމްބަޑްސްޕާސަން އެވެ. އެ މަގާމަށް އައްޔަން ކޮށްފައި ވަނީ، ޕީޖީގެ އޮފީހުގެ ކުރީގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އަދި ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ. އެބޭފުޅުންގެ މުސާރައަކީ 33،500 ރުފިޔާ އެވެ.
އޮމްބަޑްސްޕާސަން އޮފީހުން ބަލާ މައްސަލަތަކަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިފައިވާ ނަމަ އެކަން ބަލައި އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ. އެގޮތުން 1953 ޖަނަވަރީ އިން ނޮވެންބަރު 17، 2018 އާ ދެމެދު ހިނގާފައިވާ އެފަދަ މައްސަލަތައް އޮމްބަޑްސްޕާސަންގެ އޮފީހަށް ބެލޭނެ އެވެ.