ޗީފް އޮމްބަޑްޕާސަންއަށް 37،500 ރުފިޔާގެ މުސާރައެއް ދޭން މަޖިލީހުން ފާސްކޮށްފި

ޗިފް އޮމްބަޑްސްޕާސަން، އަބްދުއްސަލާމް އާރިފް --

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "އޮމްބަޑްސްޕާސަން އޮފީސް"ގެ ވެރިންގެ މުސާރަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ޗީފް އޮމްބަޑްސް ޕާސަންއަށް ޖުމްލަ މުސާރައިގެ ގޮތުގައި މަޖިލީހުން ފާސް ކުރީ، މުސާރަ ދިރާސާކުރި މާލިއްޔަތު ކޮމިޓީން ހުށަހެޅި ގޮތަށް 37،500 ރުފިޔާ އެވެ. އެއީ މުސާރައަށް 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 12،500 ރުފިޔާ އެވެ.

އޭގެ އިތުރުން އޮމްބަޑްސްޕާސަންގެ ޖުމްލަ މުސާރައިގެ ގޮތުގައި މަޖިލީހުން ފާސް ކުރީ، ކޮމިޓީން ހުށަހެޅި ގޮތަށް 33،500 ރުފިޔާ އެވެ. އެއީ މުސާރައަށް 25،000 ރުފިޔާ އަދި އެލަވަންސްގެ ގޮތުގައި 8،500 ރުފިޔާއެވެ.

މަޖިލީޙުގެ މިއަދުގެ ޖަލްސާގައި އެގޮތަށް ފާސް ކުރީ، 40 މެންބަރުންގެ ވޯޓުންނެވެ.

ކޮމިޓީން އެކަން ދިރާސާ ކުރި ރިޕޯޓުގައި ފިނޭސް މިނިސްޓްރީގެ ފަރާތުން ދެ އޮޕްޝަނެއް ހުށަހެޅާފައިވެ އެވެ. ދެ އޮޕްޝަންގެ ތެރެއިން ކޮމިޓީން ފާސް ކުރީ، އެންމެ ކުޑަ މުސާރަ ދިނުމަށެވެ.

ފިނޭސް މިނިސްޓްރީން އެ ދެ މަގާމަށް ދެން ހުށަހެޅި އޮޕްޝަންއަކީ، 25،000 ރުފިޔުާގެ މުސާރައަކާއެކު އެލަވަންސްތައް ބޮޑުކޮށެވެ. އެގޮތުން ޗިފް އޮމްބަޑްސް ޕާސަންއަށް ޖުމްލަ މުސާރައިގެ ގޮތުގައި 40،000 އަދި އޮމްބަޑްސްޕާސަންގެ މުސާރަ 35،000 ރުފިޔާ އެވެ. އެހެން ނަމަވެސް އެވަރުގެ ބޮޑު މުސާރައެއް ދިނުމަށް ކޮމިޓީގެ މެމްބަރުން ވޯޓު ނުދެއްވަ އެވެ.

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން އޮމްބަޑްސްޕާސަން އޮފީސްގެ ވެރިންގެ މުސާރަ ކަނޑައެޅުމުގެ ބާރު އޮންނަނީ މަޖިލީހަށެވެެ.

ޗީފް އޮމްބަޑްސްޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ ކުރިން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނައިބު ރައީސްކަމުގެ މަގާމު ފުރުއްވާފައިވާ ނ. މާފަރު އީޓުޖެހިގެ އަބްދުއްސަލާމް އާރިފެވެ. އޭނާ ވަނީ 2019 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަނަދޫ ދާއިރާއަށް ކުރިމަތިލުމަށް އެމްޑީޕީ ޕްރައިމަރީގައިވެސް ވާދަކޮށްފަ އެވެ.

އޮމްބަޑްސްޕާސަންގެ މަގާމަށް ދެ ބޭފުޅަކު އައްޔަންކޮށްފައިވެ އެވެ. އެއީ ޕީޖީގެ އޮފީހުގެ އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި ގއ. ކަނޑުހުޅުދޫ ބްލޫރޯޒް ޖިހާދާ އަނީސް އަދި ހ. ފެހިއާލާ މަރްޔަމް ލައިޒާ އެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަކީ، އަމިއްލަ ނަމުގައި ދައުވާކުރުމާއި، ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއުމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މުސްތަގިއްލު ގާނޫނީ ޝަހުސެކެވެ.

އެ އޮފީހުން ބަލާ މައްސަލަތަކަކީ ނިޒާމީ ގޮތެއްގައި ރޭވިގެން ހިންގާފައިވާ އަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ހައްގެއް ހިފެހެއްޓިއްޖެނަމަ އެ އަމަލުގެ ޝިކާރައަކަށްވި ފަރާތަށް ބަދަލު ލިބިދިނުމެވެ.

އެ ގާނޫނަކީ، 1953 ޖަނަވަރީ އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާފައިވާ ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފަށް ހިންގާފައިވާ އަމަލުތައް ބަލައި، ތަހުގީގުކޮށް، ހަގީގަތް ހާމަކޮށް، އަނިޔާ ލިބުނު މީހުންނަށް ބަދަލު ހޯދައިދިނުމެވެ.

comment ކޮމެންޓް