ލޯތްބަކީ ހާދަހާވާ ތަފާތު އެއްޗެކެވެ. ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އާއި ފިލްމީ ތަރި އަހްމަދު ޒިޔާއު (ޒިޔާ)ގެ ކައިވެނިން އަދި އެކަން މާ ބޮޑަށް ޔަގީންވެ އެވެ.
މި ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އޮންނަކަން އެންމެ ފުރަތަމަ އާންމުންނަށް އެނގުނީ ވެސް މިދިޔަ ޖެނުއަރީ 21 ގައި މި ދެ މީހުންގެ ރަން ކިޔުމުގެ ހަފްލާގެ ފޮޓޯއެއް ފޭސްބުކްގައި އާންމުކުރުމުންނެވެ. އޭގެ މަހެއް ދުވަސް ފަހުން ދެ މީހުން ކައިވެނި ކުރީ މި ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ކޯޓުގަ އެވެ.
ހާޢްސަ ގުޅުމެއް އުފެދި ޑޭޓު ކުރީ ހަތަރުމަހެއްހާ ދުވަހު
ޝިދާތާ އާއި ޒިޔާ ބުނި ގޮތުގައި އުޅޭ ދާއިރާގެ ގޮތުން މާ ކުރިއްސުރެވެސް ދެ މީހުންނަށް އެކަކު އަނެކަކު އޮތީ އެނގިފަ އެވެ. އަދި ދެ މީހުންގެވެސް އެއް ރަހުމަތްތެރިންތަކެއް ތިބުމުން ރަހުމަތްތެރިކަން އުފެދި، ބައްދަލުވެ ހާއްސަ ގުޅުމެއް އުފެދުނީ މިދިޔަ އަހަރުގެ ތެރޭގައި ކަމަށް ވެސް ޒިޔާ ބުންޏެވެ.
އެ ހާއްސަ ގުޅުން ލޯތްބަށް ބަދަލުވުމަށް ނެގީ ކުޑަ ދުވަސްކޮޅެކެވެ. އަދި އެ ގުޅުމުގައި ކައިވެނީގެ ގޮށް ޖަހާލެވުނީ ގާތްގަނޑަކަށް ހަމަ އެންމެ ހަތަރު މަހެއްހާ ދުވަހުން ކަމަށް ދެ މީހުން ވެސް ބުންޏެވެ.
"އަޅުގަނޑުމެން އެގޮތަށް ޕާސަނަލް ލެވެލްއެއްގައި މި ދެންނެވީ ހާއްސަ ގުޅުމެއް އޮވެގެން، ޑޭޓު ކުރަންށޭ މިބުނާގޮތަށް ވާހަކަދައްކަން ފެށީ އޮކްޓޯބަރު މަސް ނިމުނު ހިސާބުގައި. ގާތްގަނޑަކަށް ހަތަރު މަހެއްހާ ދުވަސް މިވީ. އަޅުގަނޑުމެންގެ އުމުރުގެ ގޮތުންނާއި ދަރިންވެސް ތިބުމާއި އެކު ނިންމުނީ މިއީކީ މާ ޑޭޓުކޮށް އެހެން އުޅޭ އުމުރެއް ނޫނޭ. އެހެންވީމަ އެއްކޮށް އުޅުމަށް ދިރިއުޅުމެއް ފެށުމަށް ނިންމީ،" ޝިދާތާ ބުންޏެވެ.
ޒިޔާއަކީ ވަރަށް ޖެނުއިން މީހެއް!
ދެ މީހުން ވެސް ވަނީ މީގެކުރިން ކައިވެނި ކޮށްފަ އެވެ. މިގޮތުން ޝިދާތާގެ ކުރީގެ ކައިވެންޏަށް 3 ކުދިން ލިބިފައިވެ އެވެ. އަދި ޒިޔާ މީގެ ކުރިން ދެ ކައިވެންޏެއް ކޮށްފައިވާއިރު ޒިޔާގެ ވެސް ދަރިޔަކު ހުރެ އެވެ. ދެބޭފުޅުންގެ އުމުރުގައި އެންމެ 10 މަހުގެ ތަފާތު ހުރިއިރު، ޝިދާތާ ބުނީ ޒިޔާގެ ފަރާތުން ފެނުނު އަދި ފެންނަ އެންމެ ކަމުދާ ސިފައަކީ އޭނާގެ ޖެނުއިންކަމެވެ.
"އަޅުގަނޑަށް ޒިޔާ ފާހަގަކުރެވުނީ ވަރަށް ޖެނުއިން މީހެއްގެ ގޮތުގައި. ކޮންމެހެން ހަގީގަތް އޮޅުވާލާ ޒިޔާގެ ނަފްސާއި ބެހޭގޮތުންވެސް ކޮންމެހެން ނެތް ކަންތައްތަކެއް ދައްކާ އެގޮތަކަށޭއް ނޫޅޭ. އެއީ އަޅުގަނޑަށް ވަރަށް ކަމުދިޔަ ސިފައެއް." ޝިދާތާ ބުންޏެވެ.
ހަމައެޔާއެކު ޒިޔާ ބުނީ ކައިވެންޏަކާ ހަމައަށް ދިއުމަށް ޝިދާތާ އިހުތިޔާރު ކުރި އެންމެ ބޮޑު އެއް ސަބަބަކީ އޭނާގެ ރީތި އަހުލާގެވެ. މިގޮތުން ސިޔާސީ ހަރަކާތްތަކުގައި ވެސް ކުރީ ސަފުގައި އަބަދުވެސް ޝިދާތާ ފެނިގެންދާއިރު އެއްވެސް ކަހަލަ ހުތުރު އަޑުތަކެއް އިވިފައި ނުވުމަކީ ވެސް އޭނާއަށް ޝިދާތާގެ ފަރާތުން ފެނުނު ރަނގަޅު ސިފައެކެވެ.
މިއީ ސިޔާސީ ޑީލް އެއް ނޫން!
ފިލްމީ ދާއިރާގައި ފާއިތުވި 15 ވަރަކަށް އަހަރު މަސައްކަތްކުރަމުން އަންނައިރު، ޒިޔާއަކީ މިވަގުތު ޖުމްހޫރީ ޕާޓީގެ މީޑީއާ ކޯޑިނޭޓަރު ވެސްމެ އެވެ.
"އަޅުގަނޑު ކުރީގެ އިންޓަވިއުތަކުގައިވެސް ބުނެފައިވާނެ އަޅުގަނޑާއި ޝިދާތާއާއި މިއީ ސިޔާސީ ޑީލްއެއް ނޫނޭ. އެހެންވީމަ އަޅުގަނޑަކީ ޖުމްހޫރީ ޕާޓީގެ ސްޓާފެއް. އަޅުގަނޑު ކުރިއަށް އޮތްތާންގައިވެސް އިޚްލާސްތެރިކަމާއި އެކީ ދެމިހުންނާނީ ޖުމްހޫރީ ޕާޓީއަށް. ދެން ޝިދާތާވެސް ޝިދާތާގެ ސިޔާސީ ފިކުރުގައި ކުރިއަށްދާނެ. އަޅުގަނޑެއް އޭނާއަކަށް އެއްވެސް ނުފޫޒެއް ނުފޯރުވާނަން" ޒިޔާ ބުންޏެވެ.
ދެ މީހުންގެ ކައިވެންޏާ ގުޅޭގޮތުން ތަފާތު ވާހަކަތަކެއް އެކިގޮތްގޮތަށް ދެކެވޭ އިރު ޒިޔާ ބުނީ އެފަދަ އެއްވެސް ވާހަކައަކަށް ފަރުވާލެއް ނެތްކަމަށާއި ޝިދާތާއަކީ އޭނާގެ "ޗޮއިސް" ކަމަށާއި ކައިވެނިކުރާނެ މީހަކާއި، އެކުގައި އުޅޭނެ މީހެއް އެނގޭނީ އޭނާއަށް ކަމަށެވެ.
ޒިޔާއަށް މި ފެބްރުއަރީ މަހުގައި 40 އަހަރު ފުރުނުއިރު މިއަހަރު ޝިދާތާއަށްވެސް 40 ފުރޭނެ އެވެ. ދެ މީހުންގެ ކައިވެނީގެ އުފަލުގައި ޕާޓީއެއް ބޭއްވުމަށް ކުރިން ގަސްތުކުރި ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ކުޑަ ޕާޓީއެއް ބާއްވާފައިވަނީ ހަމައެކަނި އާއިލާއަށެވެ. ޕާޓީގައި ޝިދާތާ ނިކަން ރީތި ހުދު ވެޑިން ޑްރެސްއެއްގައި ފެނިގެން ގޮސްފައިވާއިރު ޒިޔާ ހުރީ ކަޅު ކުލައިގެ ސޫޓެއްގަ އެވެ.
ގިނަބައެއްގެ ސަމާލުކަން ޝިދާތާއި ޒިޔާގެ ކައިވެންޏަށް ހުއްޓިގެންދިޔައިރު، އާންމުންގެ ފަރާތުން ލިބުނު މަރުހަބާ އާއި ތަހުނިޔާއަށް ދެ ބޭފުޅުން ވެސް ޝުކުރު އަދާކުރެ އެވެ. އަދި ކައިވެންޏާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ދެކެވުނުކަންވެސް ފާހަގަކޮށް ޝިދާތާ ވިދާޅުވީ ތަފާތު ދެ ދާއިރާއެއްގެ ދެ މީހަކު ކައިވެނި ކުރުމަކީ އާ ކަމެއް ނޫންކަމަށެވެ.
ކުރިއަށްވެސް ސިޔާސީ މަސައްކަތްތަކުގައި ކުރިއެކޭ އެއްގޮތަށް ފެންނާނެ ކަން ފާހަގަ ކުރަމުން ޝިދާތާ ބުނީ އުންމީދަކީ ދިރިއުޅުމުގެ މި ދަތުރުވެސް ކާމިޔާބުވުން ކަމުގަ އެވެ.