އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފި

ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ --- ސަން ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް

ޕީއެންސީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ދޫކޮށްލައިފި އެވެ.

މިއަދު އިދިކޮޅު ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވެފައި ވަނީ، އަދުރޭ ގެއަށް ވަޑައިގަންނަވަން ޕީޕީއެމްގެ އޮފީހުން ނުކުންނެވިތަނާ ފުލުހުން އޭނާ ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށެވެ.

ނަމަވެސް، ފުލުހުން މިއަދު ބުނެފައި ވަނީ އަދުރޭ ހައްޔަރު ނުކުރާ ކަމަށާއި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަަށް ގެންދިޔުމާއި ހައްޔަރު ކުރުމަކީ ތަފާތު ދެ ކަމެވެ. އެގޮތުން ހައްޔަރު ކުރުމަށް ނުވާ ގޮތަށް މީހަކާ ސުވާލު ކުރަން ފުލުހުންގެ ބެލުމުގެ ދަށުގައި ހަތަރު ގަޑިއިރު ބެހެއްޓިދާނެ ކަމަށް އެ ގާނޫނުގައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި، އަދުރޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، އޭނާ އިސްވެ ހުރެ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ކުރިއަށްގެންދިޔަ އެއްވުމެއް ރޫޅާލުމުގެ ބޭނުމުގައި ކަމަށެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށްފަހު ދޫކޮށްލީ ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ފުލުހުން އަބްދުއްރަހީމާއި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހައްޔަރު ކުރުމަށްފަހު ބަންދު ޖަހަން ކޯޓަށްވެސް ގެންދިޔަ އެވެ. އެ ދެ މީހުންވެސް ތިބީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފަ އެވެ. އެ ޝަރުތުތަކުގެ މުއްދަތަކީ 30 ދުވަހެވެ.

އަދުރޭ އާއި ޝުޖާއުއަށް ކޯޓުން ކުރި ޝަރުތުތަކަކީ މާލެއިން ބޭރަށް ފުރާއިރު ލިޔުމުން ފުލުހުންގެ ހުއްދަ ހޯދުމާއި، ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، މިހާރު އުޅޭ އެޑްރެހާއި ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ ފުލުހުންނަށް އެންގުމެވެ.

comment ކޮމެންޓް