މީގެ ތިން ދުވަސް ކުރިން ބަތަލާ ޝިލްޕާ ޝެޓީ އިންސްޓަގްރާމަށް ކުރި ޕޯސްޓެއްގައި ބުނީ ބީޗު މަތިން ވަރަށް ބޮޑަށް ހަނދާންވާ ކަމަށެވެ.
ބީޗު މަތިން މާބޮޑަށް ހަނދާންވެ ދަތުރުނުކުރެވޭތާ އަހަރަކަށް ފަހުން ޝިލްޕާ ރާއްޖެ މިވަނީ އައިސްފަ އެވެ. އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ބުނީ އެއްވެސް ތަނަކަށް ނުދެވޭތާ އަހަރެއް ވެއްޖެ ކަމަށާއި މިދަތުރު މި ދަނީ ރާއްޖެ އަށް ކަމަށެވެ. މި ދަތުރުގައި ޝިލްޕާ އާއެކު ރާއްޖެ އައީ އޭނާގެ ފިރިމީހާ ރާޖް ކުންޑްރާ، ބަތަލާ އަކަންޝާ މަލްހަތްރާ އަދި އޭނާގެ ފިރިމީހާ ރޯހިތު އަގަރުވާލު އެވެ.
އެ މީހުން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ސީސައިޑް ފިނޮޅުގަ އެވެ. ރާއްޖެ އައިސް އެމީހުން ނަގާފައިވާ ބައެއް ފޮޓޯތައް އެމީހުންގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާއިރު ޝިލްޕާ ބުނީ ރާއްޖެ އަކީ ދުނިޔެމަތީ ސުވަރުގެ ކަމަށެވެ.
ދާދިފަހުން ޝިލްޕާ އަށް ވަނީ އަންހެން ކުއްޖެއް ވެސް ލިބިފަ އެވެ. އެ ދަރިފުޅަށް މިހާރު އަހަރެއްވިއިރު އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ވިވާން އަށް އަށް އަހަރެވެ.