ހަބީބް ބޭންކުގައި ހުރި ބޭނުންނުކުރާ 12 އެކައުންޓެއް އުވާލަނީ

ހަބީބް ބޭންކް

ހަބީބް ބޭންކް ލިމިޓެޑުގެ މާލޭ ބްރާންޗުގައި ހުރި އެކައުންޓުތަކުގެ ތެރެއިން 12 އެކައުންޓެއް އުވާލަން ނިންމައި އެކައުންޓުތަކުގެ މައުލޫމާތު އާންމު ކޮށްފި އެވެ.

އެ ބޭންކުން ކުރި އިއުލާނުގައި ބުނީ މިދިޔަ ޑިސެމްބަރުގެ ނިޔަލަށް ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެ އެކައުންޓުތަކުން އެއްވެސް މުއާމަލާތެއް ހިންގާފައި ނުވާ ކަމަށެވެ.

މީގެ އިތުރުން އެކައުންޓްތަކުގެ ވެރިފަރާތްތަކުން ބޭންކަށް އެއްވެސް ލިޔެކިއުމެއް ފޮނުވައިފައިނުވި ނަމަވެސް، އެ ފަރާތްތަކުން ބޭންކަށް ދީފައިވާ އެންމެ ފަހުގެ އެޑްރެހަށް އެ އެކައުންޓްތަކުގެ ސްޓޭޓްމަންޓްތައް ބޭންކުން ގަވާއިދުން ފޮނުވައިފައިވާނެ ކަމަށް ހަބީބް ބެންކުން ބުންޏެވެ.

އެ ފަރާތްތަކަށް، ރާއްޖޭގެ ބޭންކިން ގާނޫނުގެ 35 ވަނަ މާއްދާގައި ބުނާގިތަށް ރަޖިސްޓަރީ ޕޯސްޓު މެދުވެރިކޮށް 2021 ޖެނުއަރީ ހަ ވަނަ ދުވަހު، ކަމާ ގުޅޭގޮތުން ވަކިވަކިން ސިޓީ ފޮނުވައި، ސިޓީ ފޮނުވި ތާރީހުން ފެށިގެން 45 ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު/ޕާސްޕޯޓު ހިފައިގެން ބޭންކަށް ހާޒިރުވުމަށް ވެސް އަންގާފައިވާނެ ކަމަށް ބޭންކުން ބުންޏެވެ.

އެ މުއްދަތުގެ ތެރޭގައި އެއިން ފަރާތަކުން ބޭންކަށް ހާޒިރުވެފައި ނުވާ ކަމަށާއި އެއްވެސް އިތުރު މައުލޫމާތެއް އަންގާފައި ނުވާ ކަމަށް ހަބީބް ބެންކުން ބުންޏެވެ.

އެހެންކަމުން 2021 ފެބްރުއަރީ 20 ވަނަ ދުވަހުްން ފެށިގެން 60 ދުވަހުގެ ތެރޭގައި، ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑު ނުވަތަ ޕާސްޕޯޓު ހިފައިގެން ބޭންކަށް ހާޒިރުވެ، ބޭންކުގައި ހުޅުވައިފައިވާ އެކައުންޓް އަލުން އޮޕަރޭޓްކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމަށް ބޭންކުން ވަނީ އެދިފަ އެވެ.

ނަމަވެސް އެ މުއްދަތުގައި އެކައުންޓުގެ ވެރި ފަރާތުން އެއްވެސް އިރުޝާދެއް ބޭންކަށް ނުލިބިއްޖެނަމަ، އެ ފަރާތްތަކުން ހަބީބް ބޭންކުގައި ހުޅުވައިފައިވާ އެކައުންޓްތައް ބަންދުކޮށް، ހުރިހާ
ޗެކުތަކާއި، ބޭންކަށް ދީފައިވާ އެހެނިހެން އިރުޝާދުތައް ކެންސަލުކުރެވޭނެ ކަމަށާއި އެކައުންޓް ބަންދުކުރުމަށްފަހު، ބޭންކިން ގާނޫނު ބުނާގޮތަށް އެ އެކައުންޓްތަކުގައިވާ ހުރިހާ ފައިސާއެއް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ފޮނުވާނެ ކަމަށްވެސް ހަބީބް ބޭންކުން ބުންޏެވެ.

comment ކޮމެންޓް