ރާއްޖެ އިޝްތިހާރުކުރަން އިންޑިއާ ނޫސްވެރިން ގެނެސްފި

ރާއްޖެ އިޝްތިހާރުކުރަން އައި އިންޑިއާ ނޫސްވެރިން -- ފޮޓޯ: ވިޒިޓް މޯލްޑިވްސް

އިންޑިއާ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެ ގައުމުގެ ނޫސްވެރިން ރާއްޖެ ގެނެސްފި އެވެ.

އިންޑިއާ ނޫސްވެރިންނަށް ކުރިއަށްގެންދާ މި އަހަރުގެ ފުރަތަމަ ފޭމް ޓްރިޕްގައި އެ ގައުމުގެ ފަސް ނޫހަކުން އެޑިޓަރުން ލެވެލްގެ ނޫސްވެރިން އައިސްފައި ވެއެވެ.

އޭގެ ތެރޭގައި ދަ ޕައިނިއާ، ސަންޑޭ ގާޑިއަން، އީޓީ ޓްރެވަލް ވޯލްޑް، ޓީއެމްއެމް މެގަޒިން އަދި ސްޕަޓްނިކް ނިއުސް އިން ނޫސްވެރިން އައިސްފައި ވެއެވެ.

އިއްޔެ އައި ޓީމުން މިމަހުގެ 26 އާއި ހަމައަށް ރާއްޖޭގައި ތިބޭނެއެވެ. އެ މީހުން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގެ ތަޖުރިބާ، ހިއްސާކޮށް އިންޑިއާގެ މާކެޓަށް ރާއްޖޭގެ ޓޫރިޒަމްގެ ވާހަކަތައް ކިޔައިދޭނެ އެވެ.

އިންޑިއާ މީޑިއާ ޓީމުން ތިބޭނީ ކަގި މޯލްޑިވްސް އަދި އެމަރަލްޑް މޯލްޑިވްސްގަ އެވެ.

އިންޑިއާ އަކީ މިހާރު ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ މާކެޓެވެ. މިދިޔަ އަހަރުވެސް އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. މިދިޔަ ހަފްތާ އާއި ހަމައަށް ދެވަނަ މާކެޓުގެ ގޮތުގައި އިންޑިއާ އޮތުމަށްފަހު އެއްވަނަ އަށް ޖެހިލިއިރު އެ ގައުމުގެ ބޮޑެތި ސިޓީތަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެ އެވެ.

އިންޑިއާގެ ޓީވީީ ތަރިންނާއި ބޮލީވުޑް ފަންނާނުންގެ މެދުގައިވެސް ރާއްޖެ އަކީ މިހާރު މަގުބޫލު މަންޒިލެކެވެ.

ކުރިއަށް އޮތްތަނުގައިވެސް އިންޑިއާ މާކެޓަށް ރާއްޖެ އިޝްތިހާރުކުރަން އިތުރު ހަރަކާތްތައް ރާވާފައިވަކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ.

comment ކޮމެންޓް