ބަލިމީހުން ބަލާ މީހުން ވެކްސިން ޖެހުމުގެ ފުރުސަތު ހުޅުވާލައިފި

ވެކްސިން ޖެހުމަށް ބަޔަކު ކިޔުގައި — ސަންފޮޓޯ/ ފަޔާޒު މޫސާ

އުމުރުން ދުވަސްވީ މީހުންނަށާއި ބައްޔެއް ނުވަތަ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އެނދުމަތިކުރެވިފައިވާ މީހުން ބެލެއްހެޓުމުގައި އުޅޭ މީހުން ކޮވިޑް 19 ވެކްސިން ޖެހުމުގެ ފުރުސަތު ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ހުޅުވާލައިފި އެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ބަލީމީހުން ނުވަތަ ދުވަސްވީ މީހުން ބެހެއްޓުމުގައި އުޅޭ މީހުން ވީހާވެސް އަވަހަށް ވެކްސިން ޖެހުމަށް އެ އެޖެންސީއިން ބާރުއަޅާ ކަމަށެވެ. އެގޮތުން މިވަގުތު މާލޭ ސަރަހައްދުގައި ދިރިއުޅޭ އެފަދަ މީހުން ވެކްސިން ޖެހުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އެގޮތުން ސޯޝަލް ސެންޓަރާއި އިސްލާމީ މަރުކަޒު، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި ވިލިމާލޭ ޔޫތް ސެންޓަރުން ހެނދުނު 9:00 އިން 16:30 އަށް ވެކްސިން ޖެހުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭގެ ނަންބަރުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 53،669 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16،340 މީހުންނެވެ.

ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.

ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. އަދި އިއްޔެ އިތުރު އެއްލައްކަ ޑޯޒު އެގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.

އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.

comment ކޮމެންޓް