އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން އިންސާނަކާ ނުލައި މާސްއަށް ފޮނުވި އުޅަނދު އިއްޔެ ބިމަށް ޖައްސައިފި އެވެ.
ނާސާއިން ޕާސަވިއަރެންސްގެ ނަން ދީފައިވާ ފުރޮޅުލީ އުޅަނދު ލޯންޗު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އަދި އެ މިޝަންގެ އެންމެ ނާޒުކު ވަގުތުކޮޅު ކަމަށްވާ، މާސްގެ ޖައްވަށް އުޅަނދު ވަދެ، ކާމިޔާބު ކަމާ އެކު ބިމުގައި ޖައްސާ މަންޒަރު ނާސާގެ ވެބްސައިޓާއި ޔޫޓިއުބް ޗެނަލުން ވަނީ ލައިވްކޮށް ދައްކާފަ އެވެ.
އެ އުޅަނދު މާސްގައި ޖެއްސުމާ އެކު ފޮޓޯތަކެއްވެސް ވަނީ ފޮނުވާފަ އެވެ.
ނާސާއިން ވަނީ އެ އުޅަނދު މާސްގައި ޖެއްސުމަކީ 10 އަހަރަށް ވުރެ ގިނަ ދުވަހުގެ މަސައްކަތް ކާމިޔާބުވުމުގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އާންމުކޮށް އެފަދަ މިޝަންއަކަށް ދިމާވާ ގޮންޖެހުންތަކުގެ އިތުރަށް ބަލިމަޑުކަމާވެސް ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައި އެ މަސައްކަތް ކާމިޔާބު ވުމުން އެކަން ފާހަގަކޮށްފަ އެވެ.
"މާސްގައި ރޯވާއެއް ޖެއްސުމުގެ އުނދަގޫތަކާއި ގޮންޖެހުންތަކުގެ އިތުރުން ކޮވިޑްގެ ގޮންޖެހުންތަކާ އެކު ވެސް މަސައްކަތް ކުރި ވަރަށް ފާހަގަކޮށްލެވޭ ޓީމެއް މީ،" ނާސާގެ އެކްޓިން އެޑްމިނިސްޓްރޭޓާ ސްޓީވް ޖުރްޒިކް ވިދާޅުވި އެވެ.
ޕާސަވިއަރެންސް ރޯވާ އަކީ މާސްގައި މީގެ ކުރިން އެއްވެސް ދިރުމެއް އުޅުނު ކަމުގެ ހެކި ހޯދަން މަސައްކަތް ކުރާ އުޅަނދެކެވެ. އެގޮތުން މާސްގައި މީގެ ތިން ބިލިއަން އަހަރު ކުރިން ފެންގަނޑެއް އޮތް ސަރަހައްދަކުން ސާމްޕަލްތައް ނަގާ، މުސްތަގުބަލުގައި ދުނިޔެއަށް ފޮނުވުމަށް ރައްކާ ކުރާނެ އެވެ. އަދި އެ އުޅަނދާއެކު މާސްގައި ފުރަތަމަ ފަހަރަށް އުދުހޭނެ ކުޑަ ހެލިކަޕްޓަރެއްވެސް ފޮނުވާފައިވެ އެވެ.
މީގެ އިތުރުން މާސްގެ ޖައްވުން ކާބޮންޑައިއޮކްސައިޑް ނަގާ، އޮކްސިޖެންއަށް ބަދަލު ކުރެވޭނެތޯ ބަލާނެ ޑިވައިސްއެއްވެސް ރޯވާގައި ހިމަނާފައިވެ އެވެ. އެއީ މުސްތަގުބަލުގައި އިންސާނުން މާސްއަށް ފޮނުވާ އިރު އެފަދަ ޑިވައިސްއެއް ބޭނުން ކުރެވިދާނެތޯ ބެލުމަށް ކުރިއަށްގެންދާ ޓެސްޓެކެވެ.
ނާސާއިން ދަނީ މާސްއިން ސާމްޕަލްތަކެއް ދުނިޔެއަށް ގެންނަން 2026ގައި މިޝަންއެއް ލޯންޗު ކުރަން ތައްޔާރު ވަމުންނެވެ. އަދި އެ އިދާރާއިން އުއްމީދު ކުރަނީ 2030ގެ އަހަރުތަކުގައި އިންސާނުންވެސް މާސްއަށް ފޮނުވޭނެ ކަމަށެވެ.