ބަށިބޯޅަ މެޗެއް ހުއްޓުވި އިސް މެޖިސްޓްރޭޓަށް ޖޭއެސްސީން ނަސޭހަތްދެނީ

ނިލަންދޫ މެޖިސްޓްރޭޓް ކޯޓު --

ފަނޑިޔާރުންގެ ސުލޫކާ ހިލާފަށް އަމަލުކުރުމުން ގއ. ނިލަންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމަށް ނަސޭހަތްދިނުމާއެކު، ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އަންގަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިންގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފެށީ 2019 ވަނަ އަހަރު ގއ. އަތޮޅު ލީގް ޒަމާނީ ބަށިބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް އިއުލާން ކޮށްފައިވަނިކޮށް އެ މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި، ވަގުތީ އަމުރެއް ނެރެ މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން ހުއްޓުވި މައްސަލައިގަ އެވެ.

އަމިއްލަ ފަރާތަކުން ހުށަހެޅި އެ މައްސަލަ ޖޭއެސްސީން ބެލުމަށްފަހު މިއދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ގއ. އަތޮޅު ލީގު- ޒަމާނީ ބަށިބޯޅަ މުބާރާތުގެ 11 މެޗްގެ ތެރެއިން 10 މެޗު ކުޅެ ފައިނަލް މެޗާ ހަމައިން ވަގުތީ އަމުރެއްނެރެ ހުއްޓުވައި ދެ މަހާއި 26 ދުވަސް ބޭއްވުމަކީ އެތަކެއް ބައެއްގެ ވަގުތާއި ހަރަދުތަކެއް އެކަމުގެ ސަބަބުން ބޭކާރުވެގެންދާނެ ކަމެއް ކަމަށެވެ.

ހަމައެއާއެކު އެކަމަކީ ފަނޑިޔާރުގެއާމެދު އާންމުންގެ އިތުބާރު ގެއްލިދާނެފަދަ އަމަލެއް ކަމަށާއި، އިސްމެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމްގެ އެ އަމަލަކީ، ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ.

އެހެންކަމުން އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމަށް ނަސޭހަތްދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އަންގަން ޖޭއެސްސީން ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީއަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ފައިނަލް މެޗުގެ ކުޅުން ހުއްޓުވަން ވަގުތީ އަމުރެއް ނެރުނު އިރު، މުބާރާތް ކުރިއަށްދަނީ މުބާރާތުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ބުނެ ނިލަންދޫ ކޯޓަސް ހުށަހަޅާފައި އޮތް މައްސަލައެއް ނުބަލައި އެކަށީގެންނުވާ މުއްދަތަކަށް ލަސްކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ ފަރާތުން ތުހުމަތުކޮށްފައި ވަނީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލްމުހުސިން އަބްދުލްހަކީމް އަމަލުކޮށްފައިވަނީ އެކަށީގެންނުވާ ގޮތަކަށް ކަމަށެވެ.

comment ކޮމެންޓް