ގަސް ހައްދަން ވިލިމާލެއިން 30 ބިން ދޫކުރަނީ

ވިލިމާލެ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވިލިމާލޭގައި ގަސް އިންދުމަށް ހާއްސަކޮށްގެން 30 ބިމެއް ދޫކުރަން ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ވިލިމާލެއިން ދޫކުރަނީ ގަސް ހެއްދުމަށް ކަނޑައެޅިފައިވާ ބިމުން 400 އަކަފޫޓުގެ 30 ޕްލޮޓު ކަމަށެވެ.

މި ބިންތަކަށް މަހު ކުލީގެ ގޮތުގައި 1،000 ދައްކަން ޖެހޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މީގެ އިތުރުން ބިން ލިބޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި ކޮންމެ އަހަރަކު 150 ރުފިޔާ ކައުންސިލަށް ދައްކަން ޖެހެއެވެ.

ބިންތަކަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އެކަމަށް އެދުމަށް ހާއްސަ ޕޯޓަލް އެއް ގާއިމްކޮށްފައިވާއިރު ޕްލޮޓަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތައް ހޮވުމުގައި 30 ފަރާތަށްވުރެ އިތުރުވާނަމަ ޕްލޮޓްތަކަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ އެދޭފަރާތްތަކުގެ މެދުގައި ގުރުލައަތު ލައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އަދި އެއްވެސް ޕްލޮޓެއް ފަހުން ހުސްވެއްޖެނަމަ އިތުރަށް ދޫކުރާނީ ގުރުއަތު ތަރުތީބުން ކަމަށްވެސް ބުންޏެވެ.

ވިލިމާލޭގައި ގަސް އިންދުމަށް ހާއްސަ ސަރަހައްދެއް ކަނޑައަޅާ، ވަކި އުސޫލެއްގެ ދަށުން ބިން ދޫކުރަން ނިންމީ ވިލިމާލޭގައި ދިރިއުޅޭ ފަރާތްތަކުން ރަށުގެ އެކި ސަރަހައްދުތަކުގައި އެއްވެސް އުސޫލެއްނެތި ގަސް އިންދާހައްދަމުންދާތީ، ހަމަޖެހިފައިވާ ހަރުދަނާ އުސޫލެއްގެ ދަށުން އެކަން ކުރިއަށް ގެންދިއުމަށް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

comment ކޮމެންޓް