ސައިކަލު ޖޫރިމަނާއެއް އޮވެގެން ކައިވެނި ނުކުރެވޭގޮތް ވެގެން ނުވާނެ، ހައްލުކޮށްދޭނަން: ރައީސް

އެމްޑީޕީގެ ކައުންސިލަރުންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު --- ފޮޓޯ/ ރައީސް އޮފީސް

އުމުރުން 18 އަހަރު ވުމުގެ ކުރިން ލައިސެންސް ނެތި ސައިކަލު ދުއްވައިގެން ދިމާވާ މައްސަލަތައް ކައިރި މުސްތަގުބަލެއްގައި ހައްލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިއަށް ގެންދާ ރަށްވެހި ފަތިސް ކެންޕެއިންގެ ތެރެއިން ރޭ އަތޮޅުތަކަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކު ސިޓީގެ ކެންޑިޑޭޓަކު ވަނީ 18 އަހަރު ނުފުރޭ ކުދިން ސައިކަލު ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ވިދާޅުވީ، އެއީ މާލޭގައި ވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އަދި ލަސްތަކެއް ނުވެ މައްސަލައަށް ރަނގަޅު ހައްލެއް ހޯދައިދީ އެކުދިންނަށް ލައިސެންސް ނެގޭނެ ގޮތް ވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"މީގައި އަދި ދިމާވާ ކަމެއް އޮންނަ ކަމަށް ވަނީ ޖޫރިމަނާއެއް ދައްކަން އޮތިއްޔާ ކައިވެނި ވެސް ނުކުރެވޭ. ބައެއް ކުދިންނަށް ކައިވެނި ވެސް ނުކުރެވޭ. [ކޯޓަށް] ދިޔައީމާ މި އަންގަނީ އެބަ އޮތޭ ޖޫރިމަނާއެއް. އެހެންވީމަ ޖޫރިމަނާ ނުދައްކަނީހެއް [ކައިވެނި] ނުކުރެވޭ. އެހެންވީމާ އެހެން ތިބި އެތައް ކުދިންނެއް ވެސް އެބަތިބި. އަޅުގަނޑުމެން އެކަހަލަ ކަންތައް ހުއްޓުވައިގެން ނުވާނެ. އެއަށް ހައްލެއް ހޯދައިދޭނަން އަޅުގަނޑުމެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ބައެއް ކުދިން ލައިސެންސް ނެތި ދުއްވައިގެން ކޮށްފައިވާ ޖޫރިމަނާ ލައްކައަކަށް ވެސް އަރާފައިވާ ކަމަށެވެ. އެއީ އެކުދިންނަށް ދެއްކޭނެ އަދަދެއް ނޫންކަން ފާހަގަކުރެއްވި ނަމަވެސް، ލައިސެންސް ނެތި ސައިކަލު ނުދުއްވުމަށް ވެސް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

comment ކޮމެންޓް