ރ. ރަސްގެތީމުން އިއްޔެ ފެނުނު އާސާރީ ތަކެއްޗަކީ އިހު ޒަމާނުގައި އެރަށަށް ފޭރެން އަރާ 'ހޮޅިން'ނަށް ފޮރުވަން ވަޅުލި ތަކެތި ކަމަށް ރަސްގެތީމުގެ ދުވަސްވީ މީހުން ލަފާކޮށްފި އެވެ.
ރަސްގެތީމު ކައުންސިލްގެ ރައީސް އަލީ ހަމީދު "ސަން"އަށް ވިދާޅުވީ އެތަކެތި ފެނުނީ އެރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ކުރުމަށްޓަކައި މަގު ކޮންނަނިކޮށް ކަމަށެވެ.
"ނަރުދަމާ ހޮޅި އަޅަން އުޅުމުގެ ތެރޭގައި ފެނުނީ ކޯރު ތެރެއިން ރުނބައަކާއި ދެ ތަށްޓާއި ބިއްލޫރި ދެތިން އުނބުގަނޑު ކަހަލަ ތަކެތި،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ރަސްގެތީމުގެ ދުވަސްވީ މީހުން ބުނާ ގޮތުގައި އެރަށުން ފެނުނު ތަކެއްޗަކީ އިހު ޒަމާނުގައި އެ ރަށަށް ފޭރެން އަރާ 'ހޮޅީން'ނަށް ފޮރުވަން ވަޅުލާފައި ހުރި ތަކެތި ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
"އެ ޒަމާނުގައި އަންނާނެ ހޮޅިން ކިޔާ ބަޔަކު [ފޭރޭ ބަޔަކު]. އެމީހުން އައުމުގެ ކުރިން މީހުން ހަދާ ގޮތަކީ އަތުގައި ހުންނާ މުދާ ފޮރުވާ، ވަޅުލައި އެކަހަލަ ކަންތައްތައް ކޮށްފައި ހުންނަ ކަމަށް ދުވަސްވީ ބޭފުޅުން ބުނަނީ،" ކައުންސިލްގެ ރައީސް އަލީ ހަމީދު ވިދާޅުވި އެވެ.
އަލީ ހަމީދު ވިދާޅުވީ ގެދޮރު އިމާރާތް ކުރަން ބިންގާ ކޮންނައިރުވެސް އާސާރީތަކެތި މީގެ ކުރިން ވެސް ފެނިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެއީ ވަރަށް ކުރިން ކަމަށާއި ފަހުގެ ތާރީހެއްގައި އެފަދަ އެއްޗެއް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިއަށް އޮތްތާނގައި އެކަށިގެންވޭ އިތުރަށް ކޮންނަމުންދާ ވަރަކަށް އާސާރީ ތަކެތި ފެނުން. މިވަގުތަށް މަސައްކަތް މަޑުޖައްސާލާފައި އޮތީ ތާރީހާ ބެހޭ މަރުކަޒުން އަންގައިގެން." ހަމީދު ވިދާޅުވި އެވެ.
އާސާރީ ތަކެތި ރަސްގެތީމުން ފެނުނު ކަމުގެ މައުލޫމާތު އިއްޔެ ލިބުމާއެކު ސަގާފީީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދަނީ ރާއްޖޭގެ ސަގާފީ ތަކެތި ރައްކާތެރި ކުރުމުގެ ގަވާއިދުގެ ދަށުން ބަލަންޖެހޭ ކަންކަން ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ.
އެ މަރުކަޒުން ބުނީ ރަސްގެތީމު ކައުންސިލާ ގުޅިގެން އެތަކެތި ރައްކާތެރި ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.