ފާތޭގެ މާލީ ބަޔާުން ބަދަލުކުރީ އޮޅުންތަކެއް ހުރުމުން: ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސެކްރެޓަރީ އަދި ދައްތަ ފާތިމަތު މުހައްމަދު ސޯލިހު (ފާތޭ)ގެ މާލީ ބަޔާން ވެބްސައިޓުން ނަގައި އާ ބަޔާނެއް އާންމު ކުރަން ޖެހުނީ އޮޅުންތަކެއް ހުރުމުންް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި މިދިޔަ ނޮވެމްބަރު ނުވަ ވަނަ ދުވަހު އާންމުކުރި ފާތިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާނުގައި 20 މިލިއަން ރުފިޔާގެ އިމާރާތަކާއި އޭނާގެ އެކައުންޓުގައި 700،000 ރުފިޔާ ހުރިކަމަށް ބަޔާންކޮށްފައިވެ އެވެ.

ނަމަވެސް ފާތިމަތު މުހައްމަދު ސޯލިހުގެ މާލީ ބަޔާން މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުގެ ވެބްސައިޓުން ނެގުމަށްފަހު އަލުން އާންމު ކުރި އިރު އިމާރާތާއި އެކައުންޓުގައި ހުރި ފައިސާގެ އަދަދު ވަނީ އުނިކޮށްފަ އެވެ.

އެކަމާ ގުޅިގެން ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފާތޭގެ ބޭންކް އެކައުންޓުގައި ހުރި ކަމަށް ޖެހިފައިވާ 700،000 ރުފިޔާ އާއި 20 މިލިއަން ރުފިޔާގެ އަގުހުރި އިމާރާތަކީ ފިރިކަލުން އަލްމަރުހޫމް އިބްރާހިމް ފިރާގުގެ މިލްކިއްޔާތުގައިވާ ތަކެތި ކަމަށެވެ. އަދި އެއީ ފާތޭގެ މިލްކިއްޔާތުގައިވާ ތަކެތި ކަމަށް ހިމެނުނީ އޮޅުމަކުން ކަމަށެވެ.

ރައީސް އޮފީހުން ބުނީ މި މަހުގެ 11 ވަނަ ދުވަހު އެކަން ފާހަގަ ވުމާ އެކު އެ ފޯމު އިސްލާހު ކުރީ ކަމަށެވެ. އަދި އެ މައުލޫމާތު އިސްލާހުކޮށް އާ ބަޔާނެއް މިހާރު އާންމުކޮށްފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން މިހާރު އާންމުކޮށްފައިވާ މާލީ ބަޔާނުގައިވާ ގޮތުގައި ފާތޭގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް ނެތެވެ. އަދި ފާތޭގެ އެސްބީއައިގައިވާ އެކައުންޓެއްގައި 116،284.62 ރުފިޔާ ހުރި އިރު، ބީއެމްއެލް އެކައުންޓުގައި ހުރީ 10،185.41 ރުފިޔާ އެވެ.

comment ކޮމެންޓް