އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫން: ރައީސް

ރައީސް ޑރ. މުޙައްމަދު މުޢިޒު: އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫން----ޕޮޓޯ/މަޖިލީސް

އެއްބައިވަންތަކަމަކީ ހަމައެކަނި މަފުހޫމެއް ނޫންކަމަށާއި، އެއީ ދޭދޭ މެންބަރުން ހިއްސާކުރާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އެއްބާރުލުން ހޯދައިދޭ ހަކަތަކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިޒު މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮމަންވެލްތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖެއްގައެވެ.

ކޮމަންވެލްތު ދުވަސް ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ރައީސް ވަނީ، ކޮމަންވެލްތު އާއިލާގެ އެއްބައިވަންތަކަމުގައި ހުރި ބާރު ހަނދާންކޮށްދެއްވާފައެވެ.

ރައީސް ވިދާޅުވީ މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިޢާރު "ޓުގެދާ ވީ ތްރައިވް"އަކީ ދިވެހި ދައުލަތުން އެއްބައިވަންތަކަމާއި، ވިލުންތެރިކަމާއި ކުރިއެރުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ޝިޢާރެއްކަމަށެވެ.

ނާއިންސާފުގެ ހިޔަނި މި ދުނިޔެއަށް އެޅިފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި ރައީސް ވަނީ މިފަދަ އުނދަގޫ ވަގުތެއްގައި ސަލާމަތްކަމާއި ކުރިއެރުން ހޯދުމަށްޓަކައި، މުޅި ކޮމަންވެލްތުން ބައިވެރިވެގެން ހިންގާ ހަރަކާތުގެ ބުރަދަން ދެނެ ތިބެ، އެއްބައެއްގެ ގޮތުގައި ދެމި ތިބުމަށް ގޮވާލައްވާފައެވެ.

ޗާޓަރުން ލާޒިމުކުރާ ޑިމޮކްރަސީގެ އަސާސްތައް ކަމުގައިވާ އިންސާނީ ޙައްޤުތަކާއި، ހެޔޮ ވެރިކަމާއި، ދެމެހެއްޓެނިވި ތަރައްޤީގެ މަގުގައި، ސާބިތުވެ ހުންނަވާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ސަމޯއާގައި ބޭއްވި ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމަކީ، ކޮމަންވެލްތުން އެއްބައިވަންތަކަމާއި އެއްބާރުލުމަށް ދޭ އަހަންމިއްޔަތު ރަމްޒުކޮށްދިން ބައްދަލުވުމެއްގެ ގޮތުގައި ސިފަކުރައްވައިކަމަށެވެ. އަދި އެ ބައްދަލުވުމުގެ ނަތީޖާ، ޢަމަލީގޮތުން ދެއްކުމަށް، އެކުގައި މަސައްކަތްކުރުން ލާޒިމުކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތުގެ ކޮންމެ ފަރުދެއްގެ ކުރިއެރުން ކަށަވަރުކުރުމަށްޓަކައި، ކޮމަންވެލްތާއި މެންބަރު ޤައުމުތަކާއެކު އޮތް ގުޅުން ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަމަށެވެ.

comment ކޮމެންޓް